ޖަޕާނުގެ އެމްޕަރަރ، ނަރުހިޓޯ، ދިވެހިރާއްޖޭގެ ކުރީގެ ޚާރިޖީ ވުޒާރާގެ ދައުލަތުގެ ވަޒީރު އަދި ޖަޕާނަށް ކަނޑައެޅުނު ދިވެހިރާއްޖޭގެ ކުރީގެ ސަފީރު އަލްއުސްތާޛު އަޙްމަދު ޚަލީލަށް "އޯޑަރ އޮފް ދަ ރައިޒިންގ ސަން، ގޯލްޑް އެންޑް ސިލްވަރ ސްޓަރ" އެވޯޑް ދެއްވައިފިއެވެ.
މި އެވޯޑަކީ ޖަޕާނާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ރަޙްމަތްތެރިކަން ބަދަހިކުރުމަށް އަޙްމަދު ޚަލީލް ކުރައްވާފައިވާ އަގުހުރި މަސައްކަތްތަކަށް ޓަކައި ދެއްވާފައިވާ އެވޯޑެކެވެ. މިއީ މި ޝަރަފުވެރި އެވޯޑު ދިވެއްސަކަށް ލިބިވަޑައިގަތް ފުރަތަމަ ފަހަރެވެ.41 އަހަރަށްވުރެ ގިނަ ދުވަހު ދިވެހިރާއްޖޭގެ ޚާރިޖީ ޚިދުމަތުގައި މަސައްކަތް ކުރައްވާފައިވާ އެމްބެސެޑަރ އަޙްމަދު ޚަލީލަކީ ޚާރިޖީ ދާއިރާގެ އެންމެ މަތީ މަޤާމުތަކަށް ހުނަރުވެރިކަމާއެކު ވަޑައިގެންފައިވާ މަދު ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. ޖަޕާނުގައި ސަފީރުކަން ކުރެއްވި ދުވަސްވަރު، އެމަނިކުފާނު ވަނީ ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށް ގަދައަޅައި މަސައްކަތް ކުރައްވާފައެވެ.
2011 ވަނަ އަހަރު ޖަޕާނުގައި ދިމާވި ނުރައްކާތެރި ބިންހެލުމާއި ސުނާމީގެ ކާރިސާއާ ގުޅިގެން، އެމަނިކުފާނު ވަނީ 700،000 އަށްވުރެ ގިނަ ދަޅުމަސް ޖަޕާނަށް ހަދިޔާކުރެއްވުމުގެ ރަމްޒީ ޕްރޮގްރާމެއް ރާވައި ހިންގަވާފައެވެ. މި މަސައްކަތުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަވެގެން ދިޔައެވެ.
މީގެ އިތުރުން، އަލްއުސްތާޛު އަޙްމަދު ޚަލީލްގެ މަސައްކަތްޕުޅުގެ ސަބަބުން، ޖަޕާނުގެ ހިލޭ އެހީގެ ދަށުން ދިވެހިރާއްޖޭގެ މުހިންމު ދާއިރާތަކަށް ފައިދާކުރަނިވި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް މަގުފަހިވެގެން ދިޔައެވެ. އެމަނިކުފާނުގެ މަސައްކަތްޕުޅުން ދެ ޤައުމުގެ މެދުގައި އޮންނަ ރަޙްމަތްތެރިކަމާއި ހެޔޮ އެދުން އިތުރަށް ބަދަހިވެ، ޚާއްޞަކޮށް ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި މާނަވީ ގުޅުމެއް ޤާއިމުކުރެވުނެވެ.
އަޙްމަދު ޚަލީލް ވަނީ 2023 ވަނަ އަހަރު ދިވެހިރާއްޖޭގެ ޚާރިޖީ ޚިދުމަތުން ރިޓަޔަރ ކުރައްވާފައެވެ.
"އޯޑަރ އޮފް ދަ ރައިޒިންގ ސަން، ގޯލްޑް އެންޑް ސިލްވަރ ސްޓަރ" އަކީ "އޯޑަރ އޮފް ދަ ރައިޒިންގ ސަން" ގެ ދަށުން ދެވޭ ވަރަށް ޝަރަފްވެރި އެވޯޑެކެވެ. މި އެވޯޑު އެފައްދަވާފައިވަނީ 1875 ވަނަ އަހަރު ޖަޕާނުގެ އޭރުގެ އެމްޕަރަރ މެއިޖީ އެވެ. މިއީ ޖަޕާނުގެ އެމްޕަރަރ، ޖަޕާނުގެ ރައްޔިތުންނަށާއި ބޭރުގެ ފަރާތްތަކަށް، ދިގު މުއްދަތެއްގައި ކޮށްފައިވާ އަގުހުރި ޚިދުމަތްތަކަށް ޓަކައި ދެއްވާ އެވޯޑެކެވެ.