ޒުވާނަކު އެއް ދުވަހަކު ޢިލްމުވެރިއެއްގެ އަރިހަށް ގޮސް ދެންނެވި އެވެ. “އަޅުގަނޑަށް ތެދުމަގު ލިބޭނީ ކިހައި ދުވަހަކުންތޯއެވެ؟” އެ ބޭފުޅަކު ވިދާޅުވި އެވެ. “ދިހަ އަހަރު ދުވަހުންނެވެ.” ޒުވާނާ ދެންނެވި އެވެ. “ހާދަހާ ގިނަ ދުވަހެކެވެ.” ޢިލްމުވެރިޔާ ވިދާޅުވި އެވެ. “އަހަރެންނަށް އޮޅުނީ އެވެ. ކަލެއަށް އެ ހިސާބަށް ދެވޭނީ ވިހި އަހަރުންނެވެ.” ޒުވާނާ ދެންނެވި އެވެ. “ދުވަސް އިތުރު ކުރައްވަމުން ތިޔަ ގެންދަވަނީ ކީއްވެގެންތޯއެވެ؟” ޢިލްމުވެރިޔާ ވިދާޅުވި އެވެ. “ވިސްނާލާށެވެ. ކަލެއަށް ތެދުމަގު ލިބޭނީ ތިރީސް އަހަރު ދުވަހުންނެވެ.”
މަންޒިލަކާ ހަމައަށް ދާން ދިހަ އަހަރު ދުވަސް ހޭދަ ވުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަކު ބައެއް މީހުން ބޭނުން ވަނީ އެ މުއްދަތު ދިހަ އަހަރަށް ވުރެ ކުރު ކުރާށެވެ. މީގެ މާނައަކީ ބޭނުންވާ އެއްޗެއް ނުވަތަ ކަމެއް ވަރަށް އަވަހަށް ނުވަތަ ކުއްލިއަކަށް ލިބިގަތުމަށް އެދުމެވެ. މުސްކުޅި ބަހެއްގައި ވެއެވެ. “އަވަސް އަރައިގަނެގެން އުޅުނު ވަރަކަށް ކުރިއަށް ދިއުން ލަސް ވާނެ އެވެ.”
ދުނިދަނޑިއެއްގައި ރުވާފައި ދޫކޮށްލާ ދުންޏެއްގެ މިސާލުގައި ދާން ބޭނުންވާ ތަނަކަށް އަވަހަށް ދާން ބޭނުން މީހާ އަށް ހީވެސް ނުކުރާ ކަހަލަ ބޮޑެތި އަދި އުނދަގޫ ހުރަސް ތަކާ ކުރިމަތި ވާނެ އެވެ. މި ފަދަ މީހަކަށް މަންޒިލާ ހަމައަށް ނުދެވި ދަތުރު ހުއްޓާލައި މަގުގެ އެއް ފަރާތުގައި ރޯން އިންނާން ޖެހުމަކީ ވެސް ދުރު ކަމަކަށް ނުވާނެ އެވެ. މިހެން ދިމާވެއްޖެ ނަމަ ހަދަން ޖެހޭ ގޮތަކީ އެނބުރި ދަތުރު ފެށި ތަނަށް ދިއުމެވެ. އެ ތަނަށް ގޮސް ނުބައިކޮށް އެޅުނު ފިޔަވަޅު ތަކަކީ ކޮބައިތޯ ބަލައި ޒަޚަމްތަކަށް ފަރުވާ ކުރުމަށް ފަހު އަލުން ދަތުރު ފެށުމެވެ. ކުރިއަށް ދެވެން އޮންނާނޭ ހަމަ އެކަނި ގޮތަކީ މިއީ އެވެ. މިއިން ކޮންމެ ކަމަކަށް ވެސް ވަގުތު ބޭނުން ވާނެ އެވެ. ވަގުތަކީ އަގުހުރި ޖަވްހަރެކެވެ. އެހެންވީމާ އެންމެ ފުރަތަމަ ދަތުރު ފެށި ވަގުތު ރާވާ ރޭވުމަކުން އެ ވަގުތުތައް ސަލާމަތް ކުރަން އުޅުނު ނަމަ މާ ރަނގަޅު ވީހެވެ. އަވަސް އަރައިގަނގެން ނޫޅެ، ރަނގަޅަށް ރާވައިގެން، ލަސް ލަހުން ކުރިއަށް ދާން މަސައްކަތް ކުރި ނަމަ އޭނާ އަށް ވަގުތު ބޭކާރު ނުކޮށް މަންޒިލާ ހަމައަށް ދެވުނީސްކަން ކަށަވަރެވެ.
ލަސް ކުރުމަކީ ރަނގަޅު ނޫން ކަމަކަށް ވާ ފަދައިން، މާ ބޮޑަށް އަވަސް އަރައިގަނެގެން އުޅުމަކީ ވެސް ރަނގަޅު ކަމެއް ނޫނެވެ. ކޮންމެ ކަމެއްވެސް ކުރެވޭނީ އެ ކަމަކަށް ކަނޑައެޅިފައި އޮންނަ ވަގުތަށް ބަލައިގެން ފަރުވާތެރިކަމާ އެކު އެ ކަމެއް ކުރަން އުޅުނީމަ އެވެ. މިއަދުގެ ދުނިޔޭގައި މަސައްކަތް މި އޮންނަނީ ގިނަ ވެފަ އެވެ. ދޫކޮށްލެވިފައި ހުންނަ ކަންތައްތައް ވަރަށް ގިނަ އެވެ. އެހެން ނަމަވެސް އެ ފަދަ ކަންތައްތައް ހަމަ ޖައްސާން ވެގެން ގޮތެއް ފޮތެއް ނުބަލައި ތެޅިގަތުމަކީ ކުރުން ރަނގަޅު ކަމެއް ނޫނެވެ. އެއީ ކެތްތެރިކަމެއް ނެތް ކަން އަންގައިދޭ ކަމެކެވެ. ﷲ ގެ ދުނިޔޭގައި ކޮންމެ ކަމަކަށް ވެސް ވަކި ވަގުތަކާއި ސާޢަތެއް ކަނޑައަޅުއްވާފައި ވެއެވެ. އެހެންވީމާ ކަންތައްތައް މާ ބޮޑަށް ލަސް ކުރުމާއި މާ ބޮޑަށް އަވަސް ކުރުމާއި މި ދެކަމަކީ ވެސް ނާކާމިޔާބީއާ ދިމާއަށް އެޅޭ ފިޔަވަޅެކެވެ.