އާރް.އެސް.ޑަބްލިއު ފައިނޭންސިންގ
ފެސިލިޓީގެ ބެނިފިޝަރީޒްއަށް އެވޯޑް ލެޓަރ ހަވާލުކުރުމާއި، ގއ. ކޫއްޑޫ ކޯލްޑް ސްޓޯރޭޖް އެކްސްޕެންޝަން ޕްރޮޖެކްޓްގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މިއަދު މެންދުރު ރައީސްގެ އޮފީހުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ބައިވެރިވަޑައިގަންނަވާފައެވެ.
ގއ. ކޫއްޑޫ ކޯލްޑް ސްޓޯރޭޖް އެކްސްޕެންޝަން މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް އަދި ލަކީ ގްލޯބަލް ޕްރޮޖްކްޓްސް ޕްރިއިވެޓް ލިމިޓެޑް މެނޭޖިންގ ޑިރެކްޓަރ މިސްޓަރ އާޝިޝް އޮބެރޯއީއެވެ. އަދި މި ރަސްމިއްޔާތުގައި މުރާބަހާ އާރް.އެސް.ޑަބްލިއު ފައިނޭންސިންގ ފެސިލިޓީގެ ދަށުން ފައިނޭންސިންގ ލިބިފައިވާ ފަރާތްތަކަށް އެވޯޑް ލެޓަރ ހަވާލުކޮށްދެއްވީ ރައީސުލް ޖުމުހޫރިއްޔާއެވެ.
މަސްވެރިން ބާނާމަހަށް ބޭރު މާކެޓްތަކުގައި ލިބޭ އަގު ބިނާވަނީ މަހުގެ ތާޒާކަމާ މަހުގެ ކޮލިޓީއަށެވެ. އެހެންކަމުން މަހުގެ ކޮލިޓީ ދެމެހެއްޓުމަށްޓަކައި މަސްވެރިން ބާނާމަސް ކިރުވެންދެން ތާޒާކޮށް ބެހެއްޓުމަށް ދޯނިތަކުގައި މަސް ފިނިކުރެވޭނެ ނިޒާމް، ރެފްރިޖިރޭޓެޑް ސީވޯޓަރ ސިސްޓަމްތައް ޤާއިމުކުރުމަށް މަސްވެރި ވުޒާރާއިން ދަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުގެ މަތީން މަސްކިރާ ބަނދަރަށް ތާޒާކޮށް ގެންނަ މަސް ފިނިކޮށް ރައްކާކުރާނޭ ކޯލް ސްޓޯރޭޖްތައް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި މަސްވެރި ސިނާއަތުގައި އިގްތިސާދީ ނަފާ އިތުރުކުރުމަކީވެސް ރައީސުލްޖުމްހޫރިއްޔާގެ ވަރަށް މުހިންމު ސިޔާސަތެކެވެ.
އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ "ސަޕޯޓް ޕީޕަލްސް ލައިވްލިހޫޑް އިން ފިޝަރީޒް ސެކްޓަރ އިން މޯލްޑިވްސް ތްރޫ ސަސްޓެއިނަބަލް އެނަރޖީ މަޝްރޫއު" ގެ ދަށުން މަދުވެގެން 100 އެއްހާ ދޯނީގައި އާރް.އެސް.ޑަބްލިއު ސިސްޓަމްތައް އެޅުމަށް އިސްލާމިކް ފައިނޭންސްއިން ވަނީ ފެސިލިޓީއެއް ހަމަޖެހިފައެވެ.
މި މަޝްރޫއު ހުޅުވާލީ ރައީސްގެ އިސްނެންގެވުމާއެކީ، މަސްވެރިންގެ ބޭނުންތަކަށް ރިއާޔަތް ކުރެވި މަސްވެރިންނަށް ދަތިވެފައިވާ ކަންކަން ހައްލުކުރުމަށް ހާއްސަ އިސްކަމެއް ދީގެންނެވެ. އެގޮތުން މި ފެސިލިޓީގެ ދަށުން ނަގާ ތެކެތީގެ އަގުގެ 35 އިންސައްތަ ސަރުކާރުން ދައްކައިދޭގޮތަށް ނިންމާފައިވާ ނިންމުން ފާހަގަކޮށްލެވެއެވެ.
މި ފެސިލިޓީގެ ދަށުން ރަހުނަކާ ނުލައި އެއްލައްކަ ރުފިޔާއިން ފެށިގެން ދެ މިލިއަން ރުފިޔާއާ ހަމައަށް އާރް.އެސް.ޑަބްލިއު ސިސްޓަމަކާ ޖަނޭޓަރަކާ އަދި ސޯލާ ޕެނަލް ގަތުމަށް ފައިސާ ލިބޭނެއެވެ. އަދި އެސް.ޑީ.އެފް.ސީގައި ރަޖިސްޓްރީކޮށްފައިވާ ވެންޑަރެއް މެދުވެރިކޮށް އޮޑިވެރިން އަމިއްލައަށް ތަކެތި ގަތުމުގެ އިހުތިޔާރުވަނީ ފަހިކޮށްދީފައެވެ.
އާރް.އެސް.ޑަބްލިއު ބޭނުންކުރަން ފެށުމުން މަސްވެރިން އައިސް ގަންނަން ކުރާ ދަތުރު ހަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ. އަދި އޮޑީގެ ހަރަދު ކުޑަވެ ސީދާ މަސްވެރިޔާގެ ޖީބަށް ވަންނަ ފައިސާ އިރުތުވެގެންދާނެއެވެ.
މީގެއިތުރުން ރާއްޖޭގައި މިވަގުތު ހުރި 8500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ ދެގުނަކުރުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ. އަދި ސަރުކާރުން މިހާރު އަމާޒު ހިފާފައި ވަނީ މިހާރު ހުރި ކެޕޭސިޓީ ތިން ގުނަ އިތުރުކޮށް ފަންސަވީސް ހާސް ޓަނަށް އިތުރުކުރުމަށެވެ.