ރާއްޖޭގެ ހުރިހާ ރަށަކަށް ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގެ އޭ.ޓީ.އެމް ހިދުމަތް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު މިއަދު އިފްތިތާހުކޮށްދެއްވައިފިއެވެ.
މި ރަސްމިއްޔާތުގައި، މުޅި ދިވެހިރާއްޖެއަށް ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމް ގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ބޭންކް އޮފް މޯލްޑިވްސްއާއި ދެމެދު ފަހުމުނާމާއެއްގައި ވަނީ ސޮއިކުރައްވާފައެވެ.
ރައީސް އޮފީހުގައި ބޭއްވި މި ރަސްމިއްޔާތުގައި، މި މަޝްރޫއުގެ ދަށުން ފުރަތަމަ އިފްތިތާހުކުރި އޭ.ޓީ.އެމް. އަކީ އދ. އޮމަދޫގައި ގާއިމުކުރެވުނު އޭ.ޓީ.އެމް އެވެ. މިވަގުތު ދިވެހިރާއްޖޭގައި ބީ.އެމް.އެލް ގެ 190 އޭޓީއެމް ގާއިމުކުރެވިފައިވާއިރު، 2025 ވަނަ އަހަރު ނިމުމުގެ ކުރިން، ދިވެހިރާއްޖޭގައި 250 އަށްވުރެ ގިނަ އޭ.ޓީ.އެމް ގާއިމުކުރުމަކީ މިއަދު ފެށި މަޝްރޫއުގެ އަމާޒެކެވެ.
މިއީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭ.ޓީ.އެމް ގެ ހިދުމަތް ގާއިމުކޮށް ހުރިހާ ދިވެހި ރައްޔިތުންނަށް ގާތުން އަދި ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސް ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅު ފުއްދެވުމަށް ކުރިއަށްގެންދަވާ މަސައްކަތެކެވެ.
މި މުހިންމު މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަލްފާޟިލް މުޙައްމަދު ޝަރީފު ވަނީ ރައީސަށް ހަނދާނީ ފިލައެއް އަރުވާފައެވެ.