މާފަންނު ބޮޑުގޭގެ ބިމުގައި ތިން ފަންގިފިލާގެ ދާއިމީ މިސްކިތެއް އިމާރާތްކުރުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. މި މަޝްރޫޢު ހިންގުމަށް ހަވާލުކޮށްފައިވަނީ އެކަމަށް ޝައުޤުވެރިކަން ފާޅުކުރި ވިޔަފާރިވެރިންގެ ޓީމަކާއެވެ. މި މިސްކިތުގައި ނަމާދުކުރުމުގެ އިތުރުން ޤުރްއާން ކިޔަވައިދިނުމާއި ލައިބްރަރީގެ ޚިދުމަތްވެސް ލިބެން ހުންނާނެކަމަށް ވުޒާރާއިން މަޢުލޫމާތު ދެއްވިއެވެ.
މި މިސްކިތުގެ ބިންގާ އެޅުމުގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިސްކިތުގެ އަމަލީ މަސައްކަތް ފެށުމަށް ވަނީ އަންނަ އަހަރުގެ ރަމަޟާން މަހުގެ ފަހުން ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.
މި މިސްކިތް އިމާރާތްކުރުމުން މާލޭގެ އާބާދީ އެންމެ ބޮޑު އެއް ސަރަޙައްދުކަމަށްވާ މާފަންނު ހިސާބުގެ ރައްޔިތުންނަށް ފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި މިސްކިތުގައި ލައިބްރަރީގެ ޚިދުމަތް ހިމެނުމުން ސަރަޙައްދުގެ ދަރިވަރުންނަށާއި ޢާންމުންނަށް ފައިދާކުރާނެ ކަމަށްވެސް ލަފާކުރެވެއެވެ.
ޒިކުރާ މިސްކިތައް ވީގޮއެއް ނުވެއްޖެ ކަމުގާވާނަމަ ރަނގަޅު