އިސްލާމްދީނުގެ އަގީދާ ފޯރުކޮށްދިނުމަށް ޓަކައި އެތައް ބުރަ މަސައްކަތެއް ކުރެއްވި ބޭފުޅެއް ކަމުގައިވާ މާލިކް ބިން ދީނާރުގެ ގެކޮޅަށް ވައްކަން ކުރުމުގެ ނިޔަތުގައި އެއް ރެޔަކު މީހަކު ވަނެވެ. މާލިކްގެ މުޅި ގެ ބަލާ ފާސްކުރި އިރު ވެސް މި ވަގަކަށް އެ ގެއިން އަގުހުރި އެއް ވެސް މުދަލެއް ނުފެނުނެވެ.
ވަގުކަލޭގެ, އޭނާގެ ގެ ބަލާ ފާސްކުރަމުން ދިޔަ ވަގުތު މާލިކް ހުރީ ނަމާދު ކުރާށެވެ. ގޭތެރެއިން އެހެން މީހެއްގެ ހިލަމެއްވުމާއެކު މާލިކް އަވަހަަށް ނަމާދު ނިންމާލުމަށްފަހު ވަގުކަލޭގެއާ ދިމާލަށް މޫނު އަނބުރާލިއެވެ.
އޭނާގެ ކުރިމަތީގައި ހުރީ ވައްކަން ކުރުމުގެ ނިޔަތުގައި ވަތް މީހެއްކަން އެނގިހުރެ ވެސް މާލިކް މަޑުމައިތިރިކަމާއެކު އޭނާއަށް އެކުވެރިކަމުގެ ސަލާމެއް ރައްދުކުރުމަށްފަހު ބުންޏެވެ.
"މާތް ﷲ ތިބާގެ ފާފަ ފުއްސަވާންދޭ. ތިބާ އަހަރެންގެ ގެޔަށް ވައްކަން ކުރަން ވަތް އިރު އަގެއް ހުރި އެއް ވެސް އެއްޗެއް ނުފެނުން. އެކަމަކު އަހަރެން ބޭނުމެއް ނޫން ތިބާ މި ގެއިން އެއް ވެސް ފައިދާއެއް ލިބިނުގަނެ ދާކަށް" މިހެން ބުނުމަށް ފަހު މާލިކް އޭނާ އިށީނދެ އިން ތަނުން ތެދުވެ, އޭނާގެ ގޭގައި ފެން އަޅާފައި ހުރި ކަންވާރެއް ހިފައިގެން އައެވެ.
"މި ފެން ބޭނުން ކޮށްގެން ވުޟޫ ކުރުމަށްފަހު ދެ ރަކުއަތުގެ ނަމާދެއް ކުރޭ. އަހަރެން މި ބުނާހެން ނަމާދު ކޮށްފިނަމަ ހަމަ ޔަގީނުން ވެސް ކަލޭ މި ގެއިން ނިކުންނާނީ, މި ގެ ވައްކަން ކޮށްގެން ލިބޭނެ ކަމަށް އަންދާޒާކުރި ހަޒާނާއަށްވުރެ އަގުހުރި ހަޒާނާއެއް ހާސިލުކޮށްގެން." އާޝޯހުވެފައި އިން ވަގުކަލޭގެއަށް މާލިކް ބުންޏެވެ.
"އާނ މައްސަލައެއް ނެތް... ތިއީ ވަރަށް ދީލަތި ހުށައެޅުމެއް." މާލިކްގެ މަޑުމައިތިރިކަމާ ޚުލްގު ހެޔޮ ކަމުން ހައިރާންވެފައި އިން ވަގުކަލޭގެ ބުންޏެވެ.
ވުޟޫ ކުރުމަށްފަހު ދެ ރަކުއަތުގެ ނަމާދެއް އަދާކުރުމަށް ފަހު ވަގުކަލޭގެ މާލިކަށް ބުންޏެވެ. "އަހަރެން އަދި އިރުކޮޅަކަށް މަޑުކޮށްލިޔަސް އެންމެ ރަނގަޅުތޯ؟ އަހަރެން ބޭނުން އަދި އިތުރު ދެ ރަކުއަތް އަދާކުރަން."
ވަގުކަލޭގެގެ މި އެދުމަށް މާލިކް, އޭނާ އެ ގޭގައި ބޭނުން އިރަކަށް މަޑުކުރުމުގެ ހުއްދަ ދިނެވެ. މާލިކްގެ ހުއްދައާއެކު އެ ގޭގައި މަޑުކުރި ވަގުކަލޭގެ އެ ދުވަހު އިރު އަރަންދެން މާލިކްއާއެކު ނަމާދު ގާއިމުކުރުމުގައި ދެމިހުއްޓެވެ.
އޭގެ އަނެއް ދުވަހަށް އިރުއެރުމާއެކު މާލިކް ވަގުކަލޭގެއާ ދިމާލަށް ބުންޏެވެ. "ތިބާ ދެން ދިޔަޔަސް އެންމެ ރަނގަޅު. ހެޔޮ ގޮތުގައި އުޅޭތި."
މާލިކް, ވަގުކަލޭގެއަށް ދާން އެންގުމުން އޭނާ އެދުނީ އެ ގޭގައި އަދި އެއް ދުވަހު މަޑުކޮށްލަން ހުއްދަ ދިނުމަށެވެ. "އަހަރެން މިއަދު ރޯދައަށް ހުރުމަށް ނިޔަތް ގަނެފިން. މިއަދަށް އެކަނި މި ގޭގައި މަޑުކޮށްލަންތޯ؟"
ވަގުކަލޭގެގެ މި އެދުމަށް މާލިކް އޭނާ އެ ދުވަހަށް އެ ގޭގައި މަޑުކުރުމުގެ ހުއްދަ ދިނެވެ. އެންމެ ފަހުން ނަތީޖާއަކަށްވީ މި ވަގުކަލޭގެ މާލިކްގެ ގެކޮޅުގައި އެތައް ދުވަހަކު މަޑުކުރުމެވެ. އެ ގޭގައި ހޭދަކުރި ދުވަސްތަކުގައި އެ ވަގުކަލޭގެ ދިޔައީ ރޭ އަޅުކަންތައް އަދާކޮށް, ބަރާބަރަށް ރޯދަ ހިފަމުންނެވެ.
އެތައް ދުވަހެއް މާލިކްގެ ގޭގައި ހޭދަކުރުމަށްފަހު އެ ގެއިން ނިކުންނަމުން ވަގުކަލޭގެ މާލިކްއާ ދިމާލަށް ބުންޏެވެ. "އޭ މާލިކް... އަހަރެން ކުރިން އުޅުނު ނުބައި ގޮތްތައް ދޫކޮށްލައި މާތްﷲ ގެ މަގަށް ރުޖޫއަވުމަށް ނިންމައިފިން."
ވަގުކަލޭގެ, އޭނާގެ ހަޔާތް ރަނގަޅު މަގަށް އަޅާނެ ކަމަށް މާލިކް ކައިރީ ވީ ވައުދު އޭގެ އެންމެ ފުރިހަމައަށް ފުއްދިއެވެ. އަދި މާތްﷲ ގެ ތެދު މަގުގައި އަޅުކަންތައް ބަރާބަރަށް އަދާ ކުރަމުން އަންނަ ސޯލިހު އަޅުވެރިއަކަށް ވިއެވެ.
ހެޔޮލަފާ އަޅުވެރިއެއްގެ ގޮތުގައި އޭނާ ދިރިއުޅެމުން ދަނިކޮށް އެއް ދުވަހު, ކުރިން އޭނާއާއެކު ވައްކަމުގެ ނުބައި އަމަލުގައި މަޝްއޫލުވެ އުޅުނު ރަހްމަތްތެރިޔަކާ ދިމާވިއެވެ.
ވަގުކަލޭގެ ފެނުމާއެކު އޭނާގެ ރަހްމަތްތެރިޔާ އޭނާއާ ސުވާލުކުރިއެވެ. "ކަލޭ ހޯދަން އުޅުނު ހަޒާނާ ހޯދިއްޖެތަ؟"
ރަހުމަތްތެރިޔާގެ މި ސުވާލަށް ޖަވާބު ދެމުން ވަގުކަލޭގެ ބުންޏެވެ. "މަގޭ ލޯބިވާ ރަހުމަތްތެރިޔާއެވެ! އަހަންނަށް ލިބުނީ މާލިކް ބިން ދީނާރެވެ. އަހަރެން އޭނާގެ ގެޔަށް ވަނީ ވައްކަން ކުރާށެވެ. އެކަމަކު އޭނާ އަހަރެންގެ ހިތް ވަގަށް ނަގައިފިއެވެ. އަހަރެން މާތްﷲ ގެ މަގަށް ރުޖޫއަ ވެއްޖެއީމުއެވެ."
***************************
- މި ވާހަކައިން އަހަރެމެންނަށް ދޭހަވާ ކަމަކީ އިސްލާމްދީން ފެތުރުމަށް ޓަކައި ބުރަ މަސައްކަތްތައް ކުރެއްވި އިމާމުންގެ ޒުހުދުވެރިކަމެވެ. ވަގަކަށް ވައްކަން ކުރާނެ އެންމެ އެއްޗެއް ވެސް ތިމާގެ މިލްކުވެރިކަމުގައި ނެތް އިރު ވެސް އެ ބޭފުޅުންގެ މުޅި ހަޔާތް ހޭދަކުރެއްވީ މީހުންނަށް އިލްމު ފޯރުކޮށްދިނުމުގައެވެ.
- މި ވާހަކައިން ލިބޭ އިބުރަތަކީ ހެޔޮލަފާ މީހުންނާއެކީ އުޅުމުގެ މުހިއްމުކަމެވެ. އެ ވަގުކަލޭގެ އެ ދުވަހު ވަނީ މާލިކްފަދަ ދީންވެރި ހެޔޮލަފާ އަޅުވެރިއެއްގެ ގެޔަށް ކަމުގައި ނުވިނަމަ އޭނާއަށް ދުވަހަކު ވެސް ހެޔޮ ވިސްނުން ނުލިބުން އެކަށީގެންވެއެވެ. އެހެންކަމުން އަހަރެމެން ވެސް ހެޔޮ ގޮތުގައި ދިރިއުޅެން ބޭނުންނަމަ ހެޔޮލަފާ މީހުންނާއެކު އުޅެން އާދަކުރަން ޖެހެއެވެ.