ފުވައްމުލައް ސިޓީގައި މިއަދު ހަވީރު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު ދެ މީހުން ވެސް މަރުވެއްޖެ އެވެ.

ފުވައްމުލައް ހޮސްޕިޓަލްގެ މެނޭޖަރު އަހްމަދު ސައީދު ވަނީ އެކަން ކަށަވަރުކޮށްދެއްވާފަ އެވެ.

ސައީދު ވިދާޅުވީ އެ ދެ މީހުންގެ ތެރެއިން އެކަކުގެ އުމުރަކީ 24 އަހަރު ކަމަށެވެ. އަދި ދެވަނަ މީހާ އައިޑެންޓިފައި ނުކުރެވޭ ކަމަށް ސައީދު ވިދާޅުވި އެވެ.

ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓް ހިނގި ކާރު --- ފޮޓޯ: ޝަހުމް ޝާކިރު

އެ އެކްސިޑެންޓު ހިނގާފައި ވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރު ކޮންޓްރޯލް ނުވެގެންނެވެ. މަރުވި ދެ މީހުންނަކީ ވެސް ކާރު ތެރޭގައި ތިބި މީހުންނެވެ.

އެ ދެ މީހުންގެ ތެރެއިން އެކަކު މަރުވީ 16:56 ކަމަށާއި ދެވަނަ މީހާ މަރުވީ 17:04 ގައި ކަމަށް ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.

ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓް ހިނގި ސަރަހައްދަށް މީހުން އެއްވެފައި --- ފޮޓޯ: ޝަހުމް ޝާކިރު