ކުރިއަށް އޮތް 2025 ވަނަ އަހަރަކީ ދިވެހިރާއްޖޭގައި ކެންސަރު ބައްޔަށް ހާއްސަ ކޮށްގެން އަޅާ ފުރަތަމަ ހޮސްޕިޓަލުގެ އަމަލީ މަސައްކަތްތައް ފެށިގެންދާނެ އަހަރަށް ވާނެކަމުގެ ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ރޭ އޮތް ރަސްމީ އިހުތިފާލުގައި، ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ކެންސަރު ބައްޔަށް ފަރުވާދިނުމަކީ ހޮސްޕިޓަލެއްގެ ޑިޕާޓްމަންޓެއްގެ އަރިމަތީގައި ދެމުންދާންޖެހޭ ފަދަ ހިދުމަތެއް ނޫން ކަމަށާއި، ބައެއް ބޭބޭފުޅުން ޖޯކު ޖެއްސެވިކަމުގައިވީ ނަމަވެސް، ރާއްޖޭގެ އަދުގެ ހާލަތު އޮތް ގޮތުން ކެންސަރު ބަލީގެ ކަންކަމަށް ހާއްސަ، ފުލް-ފްލެޖު ހޮސްޕިޓަލެއް ހުންނަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ، މިކަން ހަގީގަތަކަށް ހެދުމަށްޓަކައި އެކުވެރި ދައުލަތަކާއެކު މަޝްވަރާ ކުރެވި ހަލުވި ދުވެލީގައި މަރުހަލާއަކަށްފަހު މަރުހަލާއެއް ނިންމާ، ފުރިހަމަ ކުރެވެމުންދާކަމަށެވެ.
ކެންސަރ ހޮސްޕިޓަލުގެ އިތުރުން، ދިވެހިރާއްޖޭގައި، ހާއްސަކޮށް ޒުވާނުންގެ މެދުގައި އެންމެ ނުތަނަވަސްވެފައިވާ ނަފުސާނީ ބަލީގެ ކަންކަމުގެ ފަރުވާއަށް ލ.ގަމުގައި ހޮސްޕިޓަލު ތަރައްގީކޮށް، އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ހޮސްޕިޓަލެއް ހުޅުމާލޭގައި ތަރައްގީ ކުރަން ނިންމަވާފައިވާކަން ތަކުރާރުކުރައްވަމުން ރައީސް ވަނީ، ރައްޔިތުންގެ ފަޅީގައި ތިބެގެން ވެރިކަން ކުރާ ބަޔަކުނަމަ ކުރަންޖެހޭނެ ކަންކަމަކީ މިފަދަ ކަންކަން ކަމުގައި ފާހަގަކުރައްވާފައެވެ.
ސިއްހީ ދާއިރާ ކުރިއެރުވުމަށް އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ، މާލޭގައި ހުރި ދަރުމަވަންތަ ހޮސްޕިޓަލާއި، ހުޅުމާލޭ ހޮސްޕިޓަލަކީ ޓަރޝަރީ ފެންވަރަށް ހިދުމަތްދޭ ހޮސްޕިޓަލުތަކެއްގެ ދަރަޖައަށް ތަރައްގީކޮށް، މި ނޮވެމްބަރު މަހުގެ މެދެއްހާ ހިސާބުގައި ރަސްމީކޮށް ހިދުމަތްދޭން ފެށޭނެކަންވެސް ފާހަގަކުރައްވާފައެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އައިސްފައިވާ ކުރިއެރުންތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، 2025 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރްޓީއެލްގެ ހިދުމަތް ގާއިމުކުރައްވާ ނިންމަވާނެކަމަށް ވިދާޅުވިއެވެ. އަދި އިގްތިސާދީ ބޭނުން ހިފޭ، ދެމެހެއްޓެނިވި ވިސްނުމުގެ ނަޒަރިއްޔާއިން އަންނަނިވި ޒަމާންތަކުގައިވެސް ފައިދާ ލިބެނިވި އެއަރޕޯޓްތައް ތަރައްގީ ކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
ތާރީހު ދުށް ސިނާއީ އިންގިލާބަށް ބެލިކަމުގައި ވީ ނަމަވެސް ޤައުމުތައް ކުރިއަރާފައިވަނީ ދަތުރުފަތުރުގެ ވަރުގަދަ ނިޒާމެއްގެ ތެރެއިންކަން ފާހަގަކުރައްވަމުން ރައީސް ވަނީ، އެއްގަމުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށްވެސް މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ވިދާޅުވެފައެވެ. އެއްގަމު ދަތުރުފަތުރުގެ އެންމެ ކާރޫބާރޫ ބޮޑު ސަރަޙައްދަކީ މާލޭ ސިޓީކަން ފާހަގަކުރައްވާ، މި މައްސަލައަށް ހައްލު ހޯއްދެއްވުމަށްވެސް މިއަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވުނުކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި، މާލެއާއި ވިލިމާލޭގެ ހުރިހާ މަގެއް، ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދިރާސާތައް ފަށާފައިވާއިރު، 2025 ވަނަ އަހަރު އަމަލީ މަސައްކަތް ފެއްޓެވުމަކީ ސަރުކާރުގެ އަމާޒެއް ކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.
2025 ވަނަ އަހަރަކީ އެއް ރަށް އަނެއް ރަށަށް ގުޅާލަދޭ ބުރިޖު އެޅުމުގެ ރޮނގުންވެސް ކުރިއެރުންތަކެއް ލިބިގެންދާނެ އަހަރަކަށްވުން ގާތްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.