މެންޗެސްޓާ ޔުނައިޓެޑުގެ ހުރިހާ ސަޕޯޓަރުން ވެސް އަލަށް އެ ކްލަބުގެ ހުންގާނުގައި ހިފަން ތައްޔާރުވަމުން އަންނަ ރުބެން އެމޮރިމްއަށް ތާއީދު ކުރަން ޖެހޭ ކަމަށް އެ ކްލަބުގެ އިންޓެރިމް މެނޭޖަރުގެ ގޮތުގައި ހުރި ރޫޑް ވެން ނިސްލްރޯއީ ބުނެފިއެވެ.

ނިސްލްރޯއީ މިހެން ބުނީ އިއްޔެ މީޑިއާތަކަށް ދިން ބަސްދީގަތުމެއްގައެވެ. ރަސްމީކޮށް މިއަދު ޔުނައިޓެޑުގެ ކޯޗުކަމުގެ މަގާމާ ހަވާލުވާ އެމޮރިމްއާ ބެހޭ ގޮތުން ވާހަކަދައްކަމުން ނިސްލްރޯއީ ބުނީ, އެމޮރިމްއަށް އޭނާގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށާއި ކްލަބުގެ ސަޕޯޓަރުން ވެސް އެމޮރިމްއަށް ތާއީދު ކުރަން ވާނެ ކަމަށެވެ.

"މާދަމާއިން ފަށައިން އަހަރެން ހުންނާނީ އަލަށް މި ކްލަބުގެ ކޯޗުކަމާ ހަވާލުވާ ރުބެން އެމޮރިމްގެ ފަހަތުގަ އޭނާއަށް ފުރިހަމައަށް އެއްބާރުލުންދީގެން. މެންޗެސްޓާ ޔުނައިޓެޑު ދެކެ ލޯބިވާ ހުރިހާ ފަރާތްތަކުން ވެސް އޭނާގެ ފަހަތަށް އަރަން ޖެހޭ" އެމޮރިމްއާ ބެހޭ ގޮތުން ވާހަކަދައްކަމުން ނިސްލްރޯއީ ބުންޏެވެ.

މިއަދު ޔުނައިޓެޑުގެ ކޯޗުކަމާ އެމޮރިމް ހަވާލުވާއިރު, މީޑިއާތަކުން ހާމަކުރާ ގޮތުގައި އޭނާ އެ ކްލަބަށް އަންނަނީ އަމިއްލަ ކޯޗިން ސްޓާފުންނާއެކީގައެވެ. އެހެންކަމުން ނިސްލްރޯއީއަށް ޔުނައިޓެޑުގެ ކޯޗިން ސްޓާފުންގެ ތެރެއިން މަގާމެއް ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ.

ޔުނައިޓެޑުން މެނޭޖީރިއަލް މަގާމެއް ނުލިބުނަސް އަބަދު ވެސް ޔުނައިޓެޑަށް ހިދުމަތް ކުރުމުގައި ދެމިހުންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ނިސްލްރޯއީ ވަނީ ދީފައެވެ.