ލ. ހުޅިމެންދޫގައި ފަސް ތަރީގެ ރިސޯޓަކާއި ހޮޓެލް ތަމްރީނުދޭ މަދަރުސާއެއް ތަރައްގީ ކުރުމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމް.އެން.ޔޫ) އާއި ޓުއަރިޒަމް މިނިސްޓްރީއިން ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ލ. ހުޅިމެންދޫގައި ތަރައްގީ ކުރާ މި މަޝްރޫއުގެ ސަބަބުން އެމް.އެން.ޔޫގައި ހޮސްޕިޓަލިޓީ އަދި ފަތުރުވެރިކަމުގެ ދާއިރާތަކުން ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް އަމަލީ ތަމްރީނު ލިބުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

މި މަޝްރޫއާ ބެހޭ ގޮތުން ޓުއަރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެމް.އެން.ޔޫއާއެކު ސޮއި ކުރެވިގެންދިޔަ މި ފަހުމުނާމާއަކީ, ހޮސްޕިޓަލިޓީގެ ދާއިރާއިން ދަރިވަރުންނަށް ލިބޭ ތައުލީމުގެ ފެންވަރު ރަނގަޅުކުރުމާއި, ޓުއަރިޒަމް ދާއިރާގައި މަސައްކަތް ކުރަމުންދާ ފަރާތްތަކަކީ ބައިނަލްއަގްވާމީ ފެންވަރަށް ހުނަރު ލިބިފައިވާ ފަރާތްތަކަކަށް ހެދުން ކަމުގައެވެ.

ޓުއަރިޒަމް މިނިސްޓްރީ އާއި އެމް.އެން.ޔޫއިން ސޮއިކުރި މި ފަހުމުނާމާއަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު, ރާއްޖޭގައި ދަރިވަރުންނަށް ލިބޭ ތައުލީމުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް ޓަކައި ކުރަމުން އަންނަ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ފަހުމުނާމާއެކެވެ.