އީރާނާއި ރަޝިޔާ އިން ޕޭމެންޓްގެ ނިޒާމުތައް ގުޅުވާލުމާއެކު އެއްގައުމުން އަނެއް ޤައުމުގެ ކާޑުތައް ޤަބޫލު ކުރަން ނިންމައި އެކަމަށް އަމަލު ކުރަން ފަށައިފިއެވެ. މިގޮތަށް ހަމަޖެހިގެން ދިއުމާއެކު އެއްގައުމުގެ ދަތުރުވެރިންނަށް އަނެއް ޤައުމުގައި އެމީހެއްގެ އަމިއްލަ ޤައުމުން ދޫކޮށްފައިވާ ކޭޝްކާޑު ބޭނުން ކުރެވޭނެއެވެ.

މިކަން އިއުލާން ކުރުމަށް ހޯމަ ދުވަހު ތެހެރާނުގައި ބޭއްވި ރަސްމިއްޔާތުގައި އީރާނުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރާއި އީރާނުގެ ގިނަ ބޭންކުތަކުގެ މެނޭޖަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

މިގޮތަށް ހަމަޖެހުމުން، އީރާނުގެ ރައްޔިތުންނަށް އެމީހުންގެ ސްމާޓް ޑެބިޓް ކާޑު ބޭނުންކޮށްގެން ރަޝިޔާގެ އޭޓީއެމްތަކުން ރޫބަލް ނެގުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި އީރާނުގައި ރަޝިޔާގެ ދަތުރުވެރިންނަށް ރަޝިޔާގެ މީރު ކާޑު ބޭނުންކުރެވޭނެއެވެ.

ނަމަވެސް ރަޝިޔާގެ ފިހާރަތަކުގެ ޕޮއިންޓް އޮފް ސޭލް (ޕީއޯއެސް) ޓާމިނަލްތަކުގައި އީރާންގެ ކާޑް ބޭނުން ކުރެވޭނީ އަދި ފަހުންނެވެ.