ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ތާރީޚަށް ބަލާއިރު ވަދު ނަނުގެ މަސްވެރިކަމަކީ ދިވެހި މަސްވެރިކަމުގައި މުހިންމު ދައުރެއް އަދާކުރި މަސްވެރިކަމެކެވެ. ލައްޓި އާއި ރާގޮނޑިއަށް އަމާޒުކޮށް ކުރެވުނު މި މަސްވެރިކަމަކީ ދެކުނުގެ އަތޮޅުތަކަށްވުރެ ފުޅާކޮށް އުތުރުގެ އަތޮޅުތަކުގައި ކުރެވުނު މަސްވެރިކަމެކެވެ.

މީގެ ސަބަބެއްކަމަށް ބެލެވެނީ މި މަސްވެރިކަމުގައި އަމާޒުކުރާ ދެ ބާވަތުގެ އާބާދީ އުތުރުގެ އަތޮޅުތަކުގައި ގިނަވުމެވެ (އެންޑަރސަން، ވަހީދު އަދި އާދަމް، 1998). އަދި މި މަސްވެރިކަމުގެ މުހިންމުކަން އެންމެ ބޮޑުވެގެން ދިޔައީ، 1970 ގެ އަހަރުތަކާއި 1980 ގެ އަހަރުތަކުގައި މަސްދޯނިފަހަރުގައި އިންޖީނު އަޅަމުން ދިޔަ ދުވަސްވަރުއެވެ (އާދަމް، އެންޑަރސަން އަދި ހާފިޒު، 2003). މިގޮތުން، 1982 ވަނަ އަހަރަކީ ވަދުދޯނިފަހަރު ރާއްޖޭގައި އެންމެ ގިނައިން ހަރަކާތްތެރިވި އަހަރެވެ. މިގޮތުން، އެ އަހަރު 3482 ވަދުދޯނި މަސްވެރިކަމުގައި ހަރަކާތްތެރިވި ކަމަށް ރިކޯޑުކުރެވިފައި ވެއެވެ. ޖެހިގެން އައި އަހަރުތަކުގައި މި އަދަދު މަދުވަމުން އައިސް 2010 ވަނަ އަހަރު ހަރަކާތްތެރިވި ކަމަށް ރިކޯޑުކުރެވިފައި ވަނީ 713 ދޯންޏެވެ. ވޭތުވެދިޔަ 5 އަހަރުދުވަހަށް (2015-2019) ބަލާއިރު ވަދުނަނުގެ މަސްވެރިކަމުގައި ބާނައިފައިވާ ބާވަތްތަކުގެ މިންވަރަކީ މި މުއްދަތުގައި މުޅި ރާއްޖެއަށް ބޭނި ކަނޑުމަހުގެ %0.12 އެވެ. އެއީ ގާތްގަނޑަކަށް 790 ޓަނު މަހެވެ. އިހުގައި ކުރެވުނު ވަދުނަނުގެ މަސްވެރިކަން ހީނަރުވެގެން ދިއުމުގެ ސަބަބުތަކުގެ ތެރޭގައި އިޖުތިމާޢީ އަދި އިޤުތިޞާދީ ސަބަބުތައް ހިމެނެއެވެ (އާދަމް، އެންޑަރސަން އަދި ހާފިޒު، 2003).