ވައްކަމުގެ މައްސަލަތަކުން ރައްކާތެރިކުރުވުމަށް މައުލޫމާތުދިނުމުގެ ހަރަކާތެއް ހުޅުމާލެ ފޭސް 2 ގައި ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް 2 ނެއިބަހުޑް ސަޕޯޓް އަދި ރެސްޕޮންސް އެންޑް ޕެޓްރޯލް ގުޅިގެން ނޮވެމްބަރު 11 ވަނަ ދުވަހުގެ ހަވީރު ކުރިއަށް ގެންދިޔަ މި ހަރަކާތް އަމާޒުކޮށްފައިވަނީ ސައިކަލު ވަގަށް ނެގުމުގެ މައްސަލަތަކުން ރައްކާތެރިކުރުވުމަށް ކަމަށެވެ.
އަދި މި ހަރަކާތުގައި، ފޭސް 2 ގެ ޕާކު ސަރަހައްދުން ރައްޔިތުންނާ ބައްދަލުކޮށްގެންނާއި އަޑުގަދަކުރާ ބޭނުންކޮށްގެން އަދި ލީފްލެޓް މެދުވެރިކޮށްވެސް މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެގޮތުން، ސައިކަލު ވަގަށް ނެގުމުގެ މައްސަލަތައް ހިންގަމުންދާ ގޮތްތަކާއި ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ސައިކަލު މިހާރަށްވުރެ ރައްކާތެރިކުރުމަށް، ޕާކުކުރާއިރު ޝަޓަރލޮކް ކުރުމަށާއި ރައްކާތެރިކަން ކަށަވަރުކުރެވޭނެ ތަނެއްގައި ޕާކުކުރުމަށާ އަދި ސައިކަލު ގެއްލިއްޖެނަމަ ވީއެންމެ އަވަހަކަށް ފުލުހުންނަށް ރިޕޯޓު ކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.
މީގެ އިތުރުން ވެސް ގޯތިގެދޮރުން ހިންގާ ވައްކަމުގެ މައްސަލަތަކުން ރައްކާތެރިވުމަށާއި އެފަދަ މައްސަލަތައް މަދުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ވެސް މައުލޫމާތުދީފައިވާ ކަމަށާއި އަދި ފުލުހުންނާ ގުޅޭނެ ނަންބަރުތައް ހިމެނޭ ލީފްލެޓް ބަހާފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.
މި ހަރަކާތުގައި ހިޔާ ސަރަހައްދުގެ ނެއިބަހުޑް ވޮޗް ޓީމުތަކުގެ އާންމުން ވެސް ބައިވެރިވިއެވެ.