އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އަތުން 2-0 އިން ލިވަޕޫލު މޮޅުވި މެޗުގައި ދިމާވި އިންޖަރީއަކާ ގުޅިގެން ޓްރެންޓް އެލެކްސަންޑާ އާނޯލްޑް ކުޅުމާ ދުރަށް ޖެހިލަން ޖެހިއްޖެއެވެ.
އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުގައި ޓްރެންޓް ވަނީ 25 ވަނަ މިނެޓުގައި އޭނާގެ ފައިފަލަމަސްގަނޑަށް ދިމާވި އިންޖަރީއެއްގެ ސަބަބުން ދަނޑުން ފައިބާފައެވެ.
ޓްރެންޓްގެ އިންޖަރީއާ ބެހޭ ގޮތުން ވާހަކަދައްކަމުން ލިވަޕޫލުގެ ކޯޗު އާނޭ ސްލޮޓު ވަނީ, ޓްރެންޓް މެޗު ފެށިތާ އެންމެ 25 މިނެޓު ތެރޭ ބަދަލުކުރީ އޭނާ އަމިއްލައަށް އެދިގެން ކަން ހާމަކޮށްފައެވެ.
ޓްރެންޓްގެ ފައިފަލަމަސްގަނޑަށް ދިމާވި އިންޖަރީގެ ސީރިއަސް ކަމެއް އަދި ޔަގީންވެފައި ނެތް ކަމުގައިވިއަސް, އިންޖަރީ ސީރިއަސް ނޫންނަމަ 24 ނޮވެންބަރުގައި ލިވަޕޫލާއި ސައުތޭމްޓަން ވާދަކުރާ މެޗުގައި އޭނާއަށް ކުޅެވުމުގެ ފުރުސަތު އެބައޮތެވެ.
ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކްއަށްފަހު މެންޗެސްޓާ ސިޓީ އަދި ރެއާލް މެޑްރިޑާ ދެކޮޅަށް ލިވަޕޫލުން ނިކުންނަން ޖެހޭ އިރު, ޓްރެންޓް ފުރަތަމަ އެގާރައިގައި ނެތުމަކީ އެ ޓީމަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވާނެ ކަމެކެވެ.