މޫޑީސް ރޭޓިންސް އިން ލަފާކުރާ ގޮތުގައި ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ދައުރުގައި އިންޑިއާ އާއި އޭޝިއާގެ އެހެން ގައުމުތަކަށް ވިޔަފާރި ފައިދާތަކެއް ލިބޭނެއެވެ. އެ އިދާރާއިން ބުނާ ގޮތުގައި ޓްރަމްޕްގެ އެމެރިކާއަށް ޚާއްސަ ޕްރޮޓެކްޝަނިސްޓް ޓްރޭޑް ޕޮލިސީތަކުގެ ސަބަބުން ޗައިނާއަށް އެމެރިކާގެ ވިޔަފާރިއާއި އިންވެސްޓްމަންޓްތައް ލިބުމަށް ހުރަސް އެޅޭނެއެވެ. އަދި މިކަމުގެ ސަބަބުން އިންޑިއާއާއި އާސިއާންގެ އެހެން ޤައުމުތަކަށް ކުރިއެރުން ލިބިގެންދާނެއެވެ.
މޫޑީޒްގެ ރިޕޯޓުގައި ބުނެފައި ވަނީ ޗައިނާގެ ސްޓްރެޓެޖިކް ދާއިރާތަކުގައި އިންވެސްޓް ކުރުމަށް އެމެރިކާއިން ހަރުކަށި ހުރަސްތަކެއް އެޅުމުން ޗައިނާގެ އިގްތިސާދަށް ގެއްލުން ލިބި ސަރަހައްދީ ކުރިއެރުން މަޑުޖެހިދާނެ ކަމަށެވެ. ނަމަވެސް ވިޔަފާރީގެ މުއާމަލާތްތައް ކުރާ ގޮތަށް އަންނަ ބަދަލުން އިންޑިއާ ވިއެޓްނާމް ފަދަ ގައުމުތަކަށް ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ. ނަމަވެސް މި ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ސަޕްލައި ޗޭންތަކަށް ބުރޫއަރާނެ ކަމަށާއި، މުޅި ދުނިޔޭގެ އިގްތިސާދީ ކުރިއެރުމަށް މިކަމުން ހުރަސްއެޅިގެންދާނެ ކަމަށްވެސް ބުނެފައި ވެއެވެ.
މޫޑީޒް އިން ފާހަގަކުރި ގޮތުގައި ޓްރަމްޕްގެ ވެރިކަމުގައި ރައީސް ޖޯ ބައިޑަންގެ އުސޫލާ ތަފާތު ސިޔާސަތުތައް ގެންގުޅުމަކީ އެކަށީގެންވާ ކަމެކެވެ. މާލީ، ވިޔަފާރި، މޫސުމީ އަދި އިމިގްރޭޝަން ސްޓްރެޓެޖީތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ އިގްތިސާދީ ޓްރެންޑްތަކަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށް މޫޑީޒްއިން ލަފާ ކުރެއެވެ.