ޒަޔަނިސްޓު ޔަހޫދީންގެ އަވައިގައި ޖެހިފައިވާ މީޑިއާއިން އެމްސްޓަޑަމްގައި ހިނގައި ދިޔަ ހަމަނުޖެހުމުގައި ޔަހޫދީންގެ ބުރުސޫރަ ރީތިވާގޮތަށް ޚަބަރު ގެނަސްދީ، ފަލަސްޠީނަށް ތާއީދުކުރި މީހުން ނުބައި މީސްކުރުމުން ފާޑު ކިޔުންތައް އަމާޒުކޮށްފިއެވެ.

އިނގިރޭސިވިލާތުގެ މަޝްހޫރު ޚަބަރު ފަތުރާ ވަސީލަތް ކަމަށްވާ ސްކައި ނިއުސް އިން ހޮނިހިރު ދުވަހު ވަނީ އެމްސްޓެޑަމްގައި ހިނގައި ދިޔަ ކަންކަމުގެ ތަފްސީލީ ރިޕޯޓެއް ގެނަސްދީފައެވެ.

އިނގިރޭސިވިލާތުގެ ސްކައިނިއުސް ޓީވީން ގެނަސްދިނީ "އެމްސްޓަޑަމްގައި އިޒްރޭލުގެ ފުޓްބޯޅަ ސަޕޯޓަރުންނަށް ދީފައިވާ ހަމަލާ!" މި މި ނަމުގައި އުފެއްދި ވީޑިއޯ ރިޕޯޓެކެވެ.

އެ ވީޑިއޯ ރިޕޯޓުގައި ޒަޔަނިސްޓު ޓީމުގެ ޒަޔަނިސްޓު ސަޕޯޓަރުން އެމްސްޓަޑަމްގެ ގެތަކުގައި ނަގާފައި ހުރި ފަލަސްތީނުގެ ދިދަތައް ވީދާއި ހެދި ގޮތުގެ ތަފްސީލާއި، "ލެޓް ދަ އައިޑީއެފް (އިޒްރޭލު ސިފައިން) ވިން، އެފް*** އަރަބްސް" ފަދަ ފަލަސްތީނާ ދެކޮޅު ނަސްލީ ޝުއޫރުތައް ގޮވަމުން އަޑުގަދަ ކުރި މަންޒަރު ދެއްކިއެވެ. އަދި ޔޫއެފާ ޔޫރޮޕާ ލީގުގައި މެޗު ކުޅުމުގެ ކުރިންވެސް ޒަޔަނިސްޓް މަކާބީ ޓެލް އަވީވްގެ ސަޕޯޓަރުން ވަނީ "ޑެތު ޓު އަރަބްސް" ގޮވަމުން ހިނގާލުން ބާއްވާފައެވެ. އެމަންޒަރުވެސް އެ ރިޕޯޓުގައި ދައްކާފައި ވެއެވެ.

ސްކައި ނިއުސްގެ ރިޕޯޓަރު އެލިސް ޕޯޓާ ވަނީ ދަނޑުގައި، ސްޕެއިންގެ ވެލެންސިއާގައި ފެންބޮޑު ވުމާ ގުޅިގެން މަރުވި މީހުންނަށް ބޭއްވި 1 މިނެޓްގެ ސުކޫތަށް ޔަހޫދީން ހުރަސްއެޅި ގޮތްވެސް ގެނަސްދީފައެވެ.

ފަހުން ސްކައި ނިއުސްއިން ވަނީ މިވީޑިއޯ އެޑިޓްކޮށްފައެވެ.

މި ވީޑިއޯ ވަނީ އަލުން އެޑިޓްކޮށް، ޔަހޫދީ ކުލަ ޖައްސައި އޭގެ ތަފާތު ވާޝަނެއް ގެނަސްދީ، އޭގައި ޔަހޫދީންނަށް ބިރު ދައްކައި އަނިޔާ ކޮށްފައި ވަނީ ޔަހޫދީންނާ މެދު އޮތް ނަސްލީ ދެކޮޅުވެރިކަމާ ހެދި ކަމަށް ކިޔައިދީފައި ވެއެވެ.

ވީޑިއޯގެ އައު ވާޜަން އަކީ، ޔަހޫދީ މުޖުރިމު ނަތަންޔާހޫއާއި، ޔަހޫދީން ބޮޑު އަވަނުގައި، ދެވަނަ ބޮޑު ހަނގުރާމައިގައި ފިހެލި ގައުމުތަކުގެ ލީޑަރުން ދައްކާފައިވާ ވާހަކަތަކަށް ބިނާކޮށް އެޑިޓް ކޮށްގެން ނެރުނު ވާޜަންއެކެވެ.

ސްކައި ނިއުސް އިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުރީގެ ވާޜަންއަކީ "ޚަބަރު ގެނަސްދިނުމުގެ ހަމަހަމަކަމާއި ވަކި ފަރާތަކަށް ނުޖެހުމުގެ މިންގަނޑުތަކަށް ނުފެތޭ" ރިޕޯޓަކަށް ވީތީ ސޯލިހު ގޮތަކަށް އަލުން އެޑިޓް ކުރީ ކަމަށެވެ.

މި ވީޑިއޯ އަލުން އެޑިޓް ކުރުމުން، މީޑިއާ އާއި މައުލޫމާތުގެ ރަސްމަގުގައި އޮޅުވާލުމާއި ދޮގު މައުލޫމާތު ދިނުމުގެ ޑިސިންފޯމޭޝަންގެ އަމަލުތަކާ ބެހޭ މާހިރެއް ކަމަށްވާ އެކަޑަމިކް، މާކް އޮވެން ޖޯންސް ފަދަ ފަރާތްތަކުން ވަނީ އިނގިރޭސިވިލާތުގެ މީޑިއާ ވޮޗްޑޯގް އޮފްކޮމް އަށް ސްކައި ނިއުސްއާ ދެކޮޅަށް ޝަކުވާ ހުށަހަޅާފަ އެވެ.

ޔޫކޭ ފޮރިން އޮފީހުގެ ކުރީގެ އެޑްވައިޒަރެއް ކަމަށްވާ ޑޭވިޑް ކްލާކް ވެސް ވިދާޅުވީ ކުރިން ގެނަސްދީފައިވާ ވީޑިއޯއެއް ރީ އެޑިޓް ކުރުމަކީ "ލަދު ހުތުރު އަމަލެއް" ކަމަށާއި "މަކާބީގެ ސަޕޯޓަރުންގެ ސުލޫކު ސެނިޓައިޒް ކުރުމަށް" މީޑިއާއިން ކުރި މަސައްކަތެއް ކަމަށެވެ.

ނޫސްވެރިޔާ އޮވެން ޖޯންސް، ސިފަ ކޮށްފައި ވަނީ ޒަޔަނިސްޓުންގެ ހުތުރު އަމަލުތައް ރަނގަޅު ކަމަށް ދައްކަން ކޮށްފައިވާ މަސައްކަތަކީ މީޑިއާގެ ދުނިޔޭގެ ބޮޑު ފަޟީހަތެއް ކަމަށެވެ

އަދި ބަދަލުކޮށްގެން އާންމު ކުރި ވީޑިއޯ އަކީ "މުޅިން ތަފާތު، ޑިސިންފޯމޭޝަންގެ މޮޅު މިސާލަކަށް މިހާރު ޝަރުތު ހަމަވާ" ވީޑިއޯއެއް ކަމަށް އޭނާ ބުނެއެވެ.

އިނގިރޭސިވިލާތުގެ ބީބީސީއާއި ނަތަންޔާހޫއަށް ސަޕޯޓު ކުރާ ޖަރުމަނުގެ އައުޓްލެޓް ބިލްޑް، އަދި ސީއެންއެން އަކީ މި ހާދިސާތަކުގެ ކަވަރޭޖް އޮޅުވާލައިގެން ޒަޔަނިސްޓުންނަށް މޮޅުވާ ގޮތަށް ގެނަސްދިން މީޑީއާ ކަމަށް ތުހުމަތު ކުރެވޭ ތަންތަނެވެ.

ޔޫޓިއުބްގައި 'ބެންޑާ' ގެ ނަމުން މަޝްހޫރު ފުރާވަރަށް އަރާ ޒުވާން ވީލޮގަރު އާންމުކުރި ވީޑިއޯއިން ފެންނަނީ ޒަޔަނިސްޓު ޔަހޫދުން އެމްސްޓެޑަމްގައި ހަމަނުޖެހުން ހިންގާ ތަނެވެ.

ޔަހޫދުންގެ ގްރޫޕުން ވަނީ ބެންޑާ އެ ހާދިސާތައް ރެކޯޑް ކުރަމުން ދަނިކޮށް އޭނާގެ ކެމެރާ "އަމިއްލަ ސަލާމަތަށްޓަކައި" ނިއްވާލަން ބުނެފައެވެ. ނަމަވެސް އޭނާ ވަނީ އެކަމާ ދެކޮޅު ހަދާފައެވެ.

އޮންލައިންކޮށް ހިއްސާކުރި ވީޑިއޯތަކުން ވެސް ފެންނަނީ ޒަޔަނިސްޓުންގެ ޓީމު މަކާބީ ޓެލް އަވީވްގެ ސަޕޯޓަރުން ޓެކްސީ ޑްރައިވަރުންނަށް ހަމަލާދޭ މަންޒަރެވެ.

ޔަހޫދުން އެމީހުންގެ ގައުމުގެ އެއާޕޯޓު، ބެން ގުރިއަން އެއާޕޯޓުގައި ނެދަލެންޑްސްގައި އުޅުނު ގޮތަށް އަރަބިންނާ ދެކޮޅު ލަވަތައް ކިޔާ ހަދާތަން ވެސް ފަހުގެ ވީޑިއޯއިން ފެނިފައި ވެއެވެ.