އީރާނާއި ޤަތަރާ ދެމެދު ދުނިޔޭގެ އެންމެ ދިގު ކަނޑުއަޑީ ޓަނަލް ގާއިމްކުރުމަށް ބޭނުން ވެގެން އީރާނުން އެވާހަކަ ދައްކާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އީރާނުގެ ރައީސްގެ ފުރަތަމަ ނައިބު މުހައްމަދު ރަޒާ އާރިފް ވަނީ މިޓަނަލްގެ މަސައްކަތް ކުރިއަށް ގެންދިއުމާ ބެހޭ ގޮތުން މަސައްކަތް ވިލަރެސް ކުރެއްވުމަށް، ހޮނިހިރު ދުވަހު މަޝްވަރާތައް ބާއްވަވާފައެވެ.

ތެހެރާންގައި ހުންނަވާ ޤަތަރުގެ ސަފީރާއެކު ބާއްވަވާފައިވާ މަޝްވަރާތަކުގައި ކުރިން ކޮށްފައިވާ މަޝްވަރާތަކަށް ޙަވާލާދީ، ޓަނަލް ހެދުމާ ގުޅޭ އިބްތިދާއީ ދިރާސާތަކަށް ޚާއްސަ މަސައްކަތު ޓީމެއް ކަނޑައަޅާފައިވާ ކަންވެސް ފާހަގަ ކުރައްވާފައެވެ. އަދި ކުރިއަށް އޮތް ހަފްތާތަކުގައި އެޓީމުން ދޯޙާގައި މަޝްވަރާތައް ބާއްވާނެ ކަމުގައިވެސް ވަނީ ވިދާޅުވެފައެވެ.

އީރާނާއި ޤަތަރާ ދެމެދުގެ ޓަނަލަކީ، ގާތްގަނޑަކަށް 190 ކިލޯމީޓަރުގެ ޓަނަލެކެވެ. މިއީ މިހާރު ދުނިޔޭގައި ހަދާފައިވާ މިފަދަ ޓަނަލަށް ވުރެން 3 ގުނަ ދިގު ޓަނަލެއްކަމުގައި ވާނެއެވެ. މިހާރު ހުރި ގިނަ ޓަނަލްތަކަކީ ރޭލު ދަތުރަށް ޚާއްސަ ޓަނަލްތަކެވެ.

އެގޮތުން އެންމެ ދިގު ޓަނަލަކީ، ޗައިނާގެ ހުޅަނގު ދެކުނުގެ ޗެންގްޑޫ މެޓްރޯގެ ލައިން 6 ގެ 68 ކިލޯމީޓަރުގެ ދިހު ޓަނަލެވެ.

އިނގިރޭސިންނާއި ފްރާންސުން ކަނޑުގެ އަޑިން ކޮނެގެން ހަދާފައިވާ ޓަނަލަކީ، 38 ކިލޯމީޓަރުގެ ޓަނަލެކެވެ.

ޖަޕާނުގެ ހޮންޝޫ އާއި ހޮކައިޑޯ ޖަޒީރާތައް ގުޅުވައިދޭ ސެއިކަން ޓަނަލްގެ ދިގުމިނަކީ، 23.3 ކިލޯމީޓަރެވެ.

މިހުރިހައި ޓަނަލްތަކާ ޚިލާފަށް އެއްގަމު އުޅަނދު ދުއްވަން ބޭނުން ކުރާ ޓަނަލަކަށް މިހާރު އޮތް ޓަނަލަކީ، ނޯވޭގެ 24.5 ކިލޯމީޓަރުގެ ލެރޑަލް ޓަނަލެވެ. މިއީ މީހުންނަށް އަރާމު ކޮށްލަން މަޑު ކުރެވޭ ގޮތަށް ހަދާފައި ހުރި ޓަނަލެކެވެ.

އީރާނުން ޤަތަރު ގުޅުވާލުމަށް ބޭނުންވާ ޓަނަލަކީ އިންޖިއަރިންގެ ގޮތުން އީރާނަށް ގޮން ޖެހުމަކަށް ނުވާނެ ކަމެއް ކަމަށް ތެހެރާނުން ބުނެއެވެ.

މިއީ އެތައް އަހަރަކަށް ދެމިގެން ދާނެ ހޭދަ ބޮޑު، މާސިންގާ އިންޖިނިއަރިންގ މަސައްކަތެކެވެ. މިފަދަ ޓަނަލެއް ހަދާއިރު އެންމެ މުހިންމު ކަމަކަށް ފާހަގަ ކޮށްފައި ވަނީ ބަންދު އޭރިއާއެއްގައި މީހުން ފޫހި ނުވެ ދުއްވޭ ގޮތަށް އޮކްސިޖަން ލިބެން ހުރުމާއި މަޑު ކުރެވޭ ގޮތަށް ޖާގަ ހަދާފައި ބެހެއްޓުން ކަމަށް އީރާނުން ބުނެއެވެ.