އިމިގްރޭޝަން ޤާނޫނާ ޚިލާފަށް އުޅުމުގެ ސަބަބުން ރާއްޖެއިން ޑީޕޯޓުކޮށްލުމަށް ބަންދުކޮށްފައި ހުއްޓައި ފިލި ބިދޭސީ މީހާ ހޯދައި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވީ، ހުޅުމާލޭ ޑިޓެންޝަން ސެންޓަރުން ފިލާފައިވާ ބަންގްލަދޭޝް މީހެއްކަމަށްވާ އޭނައާ ގުޅޭގޮތުން އާންމު ފަރާތަކުން ކުރި ރިޕޯޓަކާ ގުޅިގެން ފުލުހުންގެ އެހީތެރިކަމާއި އެކު އޭނާ ހޯދައި، ރޭ ކަރެކްޝަނަލް ސާރވިސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

ޢުމުރުން 32 އަހަރު އެފިރިހެން މީހާ ހުޅުމާލޭ ޑިޓެންޝަން ސެންޓަރުން ފިލާފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ. އެހެންނަމަވެސް އޭނާއަށް ފިލުނީ ކިހިނެއް ކޮންގޮތަކަށްކަމެއް ކަރެކްޝަނަލް ސާވިސްއިން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.