އިހަވަންދިއްޕޮޅަށް ފެނުގެ ބަންކަރިންގ ޚިދުމަތް ދިނުމަށް ބާޖެއް މިއަދު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފޮނުވައިފިއެވެ.

މި ބާޖަކީ ވޯޓަރ ބަންކަރިންގ ޚިދުމަތަށް އެމްޕީއެލްއިން ހެދި 150 ޓަނުގެ ފެން ރައްކާކުރެވޭ ބާޖެކެވެ. މި ބާޖުވަނީ މިއަދު ތިލަފުށި ޑޮކްޔާޑުން ބާލަައިފައެވެ. އަދި އައަށްފަހު ތިލަފުށީ ބަނދަރުގައި މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައި މި ބާޖު އިހަވަންދިއްޕޮޅަށް ފޮނުވާލެވުނެވެ. މި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހް އިބްރާހިމް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ވަޖީހު ވިދާޅުވީ މިއީ ރާއްޖޭގެ އިޤްތިޞާދަށް ދިރުން ގެނެސްދޭނެ މަސައްކަތްތަކެއް ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވި އެންމެ މުހިންމު އެއް މަސައްކަތް ކަމަށެވެ.

އެމްޕީއެލްއިން އޮފް-ޝޯ ބަންކަރިންގްގެ މަސައްކަތް ފެށީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އޭރު މި ޚިދުމަތް ދެމުން ދިޔައީ ލޭންޑިންގ ކްރާފްޓެއްގައި ޕްލާސްޓިކު ހަން ބަހައްޓައިގެން ކަމަށާއި، ނަމަވެސް ފުރަތަމަ ދުވަހުން ފެށިގެން މި ޒަމާނާ ގުޅޭ ފެން ބާޖެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ކަމަށް ސީއީއޯ ވަޖީހް ވިދާޅުވިއެވެ.

މި ބާޖު ތައްޔާރުކުރުމުގެ މަސައްކަތް ގާތްގަނޑަކަށް ފަސް މަސްދުވަހުގެ ތެރޭގައި ނިންމާލެވިފައިވާ ކަމަށް ސީއީއޯ ވަޖީހު ވިދާޅުވިއެވެ. މިއީ އުތުރުގައި އެމްޕީއެލްއިން ފޯރުކޮށްދޭ މެރިޓައިމް ޚިދުމަތްތަކަށް ލިބުނު އިތުރު ކުރިއެރުމެކެވެ.