އިނގިރޭސިވިލާތުގެ ޑަހަމް ޔުނިވާސިޓީ އާއި ޢިރާޤްގެ އަލްޤާދިސިޔާ ޔުނިވާސިޓީގެ އާކިއޮލޮޖިސްޓުންގެ ޖޮއިންޓް ޓީމަކުން ޤާދިސިއްޔާ ހަނގުރާމައިގައި އިސްލާމީ ލަޝްކަރާއި ފާރިސީ ލަޝްކަރު ބައްދަލު ކުރި މައިދާން ހޯދައިގެންފިއެވެ.
ހާސް އަހަރަށް ވުރެން ގިނަ ޒަމާން ވެފައިވާ މި ހަނގުރާމަ ކުރި މައިދާން ހޯދާފައި ވަނީ އަހަރަކަށް ވުރެން ގިނަ ދުވަސް ވަންދެން ކޮށްފައިވާ މަސައްކަތުން ބޯދާ ޒަމާނުގެ ދަތުރުކުރި މަގެއް ހޯދައިގަތުމާ ގުޅިގެންނެވެ.
ބޯދާ ޒަމާނުގައި އިރާގުގެ ކޫފާއިން ޙިޖާޒުކަރައިގެ މައްކާއަށް ދަތުރުކުރާ ހައްޖު މަގެއް ކަމަށްވާ "ދަރުބް ޒުބައިދާ" މަގު ހޯދައި ގަނެ، އެމަގުގެ ޗާޓެއް ވަނީ އާކިއޮލޮޖިސްޓުންގެ ޓީމަކުން އެކުލަވާލާފައެވެ.
މިޓީމުގެ ހޯދުންތަކުގެ ނަތީޖާ ވަނީ މި ހަފްތާގެ އާދިއްތަ ދުވަހު، އެންޓިކިއުޓީ ޖާނަލްގައި ޝާއިއުކޮށްފައެވެ.
މި މަގުގެ ޗާޓް ކުރަހަމުން ދިޔައިރު އިރާގުގެ ދެކުނު ނަޖަފް ޕްރޮވިންސްގެ ކޫފާގެ ދެކުނުން ގާތްގަނޑަކަށް 30 ކިލޯމީޓަރު (20 މޭލު) ދުރުގައި އޮންނަ ހަނަފަސް ބިމެއް ފާހަގަ ކުރެވި، އެބިމަކީ ތާރީޚީ ފޮތްތަކުގައި ޤާދިސިއްޔާގެ ހަނގުރާމައިގެ މައިދާން ސިފަކޮށްދީފައިވާ ގޮތް ދައްކައިދޭ ބިން ކަން ޤާދިސިއްޔާ ޔުނިވާސިޓީގެ އާސާރީ އިލްމުގެ ޕްރޮފެސަރ ޑރ. ޖަޢުފަރުލް ޖޫސަރީ އަށް ފާހަގަ ކުރެވުނެވެ.
ޕްރޮފެސަރ ޖޫސަރީ (ފޮޓޯގައި) ވިދާޅުވަނީ މިހާރުގެ ޗާޓްތަކަށް ބަދަލުތައް އައިސްފައިވުމާއެކު އެތަނުގެ ސިފަތައް ކަށަވަރު ކުރުމަށް ބޭނުން ކުރެއްވީ، ފިނި ހަނގުރާމައިގެ ދުވަސްވަރު ނަގާފައިވާ ސެޓެލައިޓް ޗާޓްތައް ކަމަށެވެ.
އެ ޗާޓްތައް ބެލުމުން ހަނގުރާމައިގެ މައިދާން ހިނގިތަނާއި އެތާ ކައިރީގައި ކުރިން އޮތް، މިހާރު ހިނދިފައިވާ ކޯރާއި، އެތްތައް ޖާމާކުރި ހިސާބާއި އެވެރިން ކޮނުނު ބިންގަރާސްތައް ފާހަގަ ކުރެވުނު ކަމަށެވެ. އަދި ތަޖުރިބާއަކަށް އެހިސާބު ކޮނުމުން ބައެއް އާސާރީ ސާމާނުތައްވެސް ފެނުނު ކަމަށް އޭނާ ވިދާޅުވެއެވެ.
އޭނާގެ ޓީމުން ނިންމާފައި ވަނީ 2025ގައި މި ސަރަހައްދު ދިރާސާ ކުރުމަށް އެހިސާބުގައި ފަސްކަނޑު ކޮނެ އިތުރު ހޯދުންތައް ހޯދުމަށް މަސައްކަތް ކުރާށެވެ.
ޤާދިސިއްޔާ ހަނގުރާމައާ ބެހޭ ގޮތުން:
އަލްޤާދިޞާ ހަނގުރާމައަކީ ހިޖުރީ ސަނަތުން 15 ވަނަ އަހަރު ޝަޢުބާން މަހުގެ 13 ވަނަ ދުވަސް، މީލާދީ ސަނަތުން 19 ނޮވެމްބަރު 639 ގައި މުސްލިމުންނާއި ފާރިސް ކަރައިގެ ރުސްތުމްގެ ލަޝްކަރާ ދެމެދު ހިނގައި ދިޔަ ހަނގުރާމައެކެވެ.
ޢުމާރުގެފާނުގެ ޚިލާފަތުގައި ކޮށްފައިވާ މި ހަނގުރާމައިގައި ކޮމާންޑަރަކަށް ހުންނެވީ ސަޢުދު ބިން އަބީވައްޤާސް އެވެ.
ފާރިސީންގެ ކޮމާންޑަރަކަށް ހުރީ ރުސްތުމް ފައްރޫޚޫޒާދެވެ.
ޤާދިސިއްޔާގެ ފަސްގަނޑުގައި ހިނގައިދިޔަ ހަނގުރާމައިގައި ރުސްތުމްއާއި އޭނާގެ ޖެނަރަލުން ހަމަލަ ދޭން ބޭނުން ކުރީ އެތެވެ. އެތަކީ، އޭގެ ބިޔަކަމުން އަހާއި ޖަމަލު ބިރު ގަންނަ އެއްޗެކެވެ.
4 ދުވަހާއި 3 ރޭމަތިން ކުރި ހަނގުރާމައިގައި ރުސްތުމްގެ 120 ހާސް ސިފައިން ބަލިކޮށް ޖެނަރަލުންތައް މަރާލައި މުސްލިމުން ހަނގުރާމަ ކާމިޔާބު ކުރިއެވެ. އެއަށްފަހު އިރާޤް ފަތަހަ ކުރުމަށްފަހު މުސްލިމުންނަށް އިސްލާމީ އަޤީދާގެ ދައުވަތު އެހެން ތަންތަނަށް ފެތުރުމަށް ފަހި ވެގެން ދިޔައެވެ.
ރުސްތުމްއާ ހަނގުރާމަ ކުރުމުގެ ކުރިން، ސަޢުދު ބިން އަބީވައްޤާސާއި އަދި އޭގެ ކުރިން މުޘައްނާ ބިން ޙާސިރާ އައްޝައިބާނީވެސް މަސްތަކެއް ވަންދެން އެތަކެއް ދުވަސްމަތިން ވަފްދުތައް ފޮނުއްވައިގެން ރުސްތުމަށް އިސްލާމްދީނަށް ދައުވަތު ދެއްވިއެވެ. ހަނގުރާމައަށް ބޭނުންވީ ރުސްތުމްއެވެ. އަދި ޤާދިސިއްޔާއަކީ އެމީހުން އިޚުތިޔާރު ކުރި މައިދާނެކެވެ.
ރުސްތުމްގެ ލަޝްކަރު ބަލިކޮށްލުމުން އޭގެ ތެރޭން 4 ހާސް މީހުން އިސްލާމް ވިއެވެ. އަދި ކުރިން އިރާގްގައި އިސްލާމްވެފައި ރުސްތުމްގެ އަމުރަށް ދީން ދޫކުރި މީހުންނާއި އިރާޤްގެ އެކި ހިސާބުތަކުން މީހުން އިސްލާމް ދީން ޤަބޫލު ކުރިއެވެ.