މަސްވެރިކަމުގައި ހިފާ މަހުގެ އާބާދީއަށް އަންނަމުންދާ ބަދަލުތައް ދެނެގަނެ، އާބާދީގެ މިންވަރު ހިސާބުކޮށް، އެ މަސްވެރިކަމެއް ކުރެވެނީ އާބާދީއަށް ގެއްލުން ނުވާ، ދެމެހެއްޓެނިވި މިންވަރެއްގައިކަން ކަށަވަރުކުރުމަށްޓަކައި މަސްވެރިކަމުގައި ބާނާ ބާވަތްތަކާއި އެބާވަތްތައް ބާނާ މިންވަރާއި، އެ ބާވްތައް ހިފުމަށް ކުރެވުނު ހޭދަ (އެފަރޓް) އާ ގުޅޭ މަޢުލޫމާތު އެއްކޮށް ބެލެހެއްޓުމަކީ މުހިންމު ކަމެކެވެ. މަސްވެރިކަމުގެ ތަފާސްހިސާބު ނެގުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރަނީ މަސްވެރިކަމުގެ ލޮގްފޮތް ނުވަތަ މަސްރިޕޯޓެވެ. މަސްރިޕޯޓަކީ މަސްވެރިކަމުގެ ކޮންމެ ދަތުރެއް ނިންމުމަށްފަހު އެ ދަތުރުގައި ހިފި ބާވަތްތަކާއި އެ ބާވަތްތައް ހިފުމަށް ކުރެވުނު ހޭދައިގެ (އެފަރޓް) މަޢުލޫމާތު މަސްވެރިކަން ރާވައި، ހިންގައި ބަލަހައްޓާ ފަރާތްތަކަށް ފޯރުކޮށްދޭ ނިޒާމެވެ.

މީގެ އިތުރުން މަސްވެރިކަމުގައި ހޭދަ ކުރެވުނު ތެލުގެ މިންވަރު އަދި މަސް ބޭނި ސަރަޙައްދުތައް ފަދަ އިތުރު މަޢުލޫމާތުވެސް ލޮގްފޮތް މެދުވެރިކޮށް ނެގެއެވެ. މީގެ އިތުރުން މަހާއި މަހުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކުންނާއި މިފަދަ އުފެއްދުންތަކުގެ ވިޔަފާރިއާ ގުޅޭ ގޮތުން ވެސް ތަފާތު މަޢުލޫމާތު އެއްކުރެވެއެވެ. މި އެންމެހައި މަޢުލޫމާތަކީވެސް ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމަށްޓަކައި އަދި މަސްވެރިކަމުގެ ނަފާ ދިގު މުއްދަތަކަށް ލިބިދިނުމަށްޓަކައި، މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމަށް ބޭނުންކުރެވޭ މަޢުލޫމާތެވެ.

މިގޮތުން، ހުއިފިލަނޑާގެ މަސްވެރިކަމާއި ހުއިފިލަނޑާގެ މަސްވެރިކަމުގެ ވިޔަފާރީގެ މަޢުލޫމާތު އެއްކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކޮށް، އަންނަނިވި ފަރާތްތަކުން މަސްވެރިކަމުގެ މަޢުލޫމާތު މިނިސްޓްރީއަށް ފޮނުވުން ލާޒިމުކުރެވޭނެއެވެ.

• މި ޕްލޭންގައި ބަޔާންކޮށްފައިވާ ލައިސަންސް ލިބިގެން މަސްވެރިކަންކުރާ އުޅަނދުފަހަރުން މަސް ރިޕޯޓު ނުވަތަ ލޮގް ފޮތުގެ މަޢުލޫމާތު ފޮނުވުން؛

• ހުއިފިލަނޑާ ގަނެ ޕްރޮސެސްކުރާ ފަރާތްތަކުން ހުއިފިލަނޑާ ގަނެފައިވާ ގޮތުގެ ތަފުސީލު (ޕަރޗޭސް ރިޕޯޓު) ފޮނުވުން؛ އަދި

• ހުއިފިލަނޑާގެ އުފެއްދުންތައް އެކްސްޕޯޓުކުރާ ފަރާތްތަކުން ހުއިފިލަނޑާ ގަނެފައިވާ ގޮތުގެ ތަފުސީލު (ޕަރޗޭސް ރިޕޯޓު) ފޮނުވުން.

https://sarukaaru.gov.mv/articles/5660