ޣައްޒާގެ އުތުރަށް ނިސްބަތްވާ ކަމާލް އަދުވާން ހޮސްޕިޓަލުގެ ޑިރެކްޓަރު ޑރ. ހުސާމް އަބޫ ސާފީ މިވަނީ އެ ސަރަހައްދުގައި ބަނޑުހައިހޫނުކަމުގެ ހާލަތާއި ސަޔްހޫނީ އިޒްރޭލުން ބޮން އެޅުމުގެ ސަބަބުން އިމާރާތްތަކުގެ ދަށުވެފައި ތިބި ދިރިތިބި މީހުން މީހުންގެ ރުއިމާއި ހިތްދަތި ކަމުގެ އަޑު އަލްޖަޒީރާއަށް ކިޔައި ދީފައެވެ.

ޑރ ހުސާމް ވިދާޅުވީ އޭނާގެ މެޑިކަލް ފެސިލިޓީގައި މިހާރު "ބަލި މީހުންނަށް އެންމެ ކެއުމެއް ވެސް ފޯރުކޮށްދެވޭނެ ގޮތެއް ނެތް ކަމަށާއި، ގަޑިން ގަޑިއަށް މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންނަށް ދޭނެ ކާއެތިކޮޅެއް ވެސް ނެތް" ކަމަށެވެ.

ހޮސްޕިޓަލުން ފެންނަނީ ކުޑަކުދިންނާއި ބޮޑެތި މީހުންގެ ކާނާ މަދުވެ، ފެން މަދުވާ މައްސަލަތައް ކަމަށާއި އޭނާގެ ފެސިލިޓީގައި މެޑިކަލް ސާމާނު އިންތިހާއަށް މަދުވެފައިވާ ކަމަށް ވެސް ޑރ. ހުސާމް ވިދާޅުވިއެވެ.

ޑރ. ހުސާމް ވިދާޅުވީ އިސްރާއީލުގެ ހަމަލާތަކުގައި ހަލާކުވެފައިވާ އިމާރާތްތަކުގެ ދަށުގައި ދިރިތިބި އާންމުން، އެމީހުންގެ ފުރާނަ ސަލާމަތްކޮށްދިނުމަށް އެދި ކުރާ އާދޭހުގެ ފޯނު ކޯލްތައް ކޮންމެ ދުވަހަކު ލިބޭ ކަމަށާއި ނަމަވެސް އެމީހުން ސަލާމަތް ކުރެވޭނެ ގޮތެއް ނެތް ކަމަށެވެ.

"ހިތާމައަކީ ޖެހިގެން އަންނަ ދުވަހު އެމީހުންގެ (ފޯނު ކުރި މީހުންގެ) އަޑު އަޅުގަނޑުމެންނަށް ނީވުން، ޖެހިގެން އަންނަ ދުވަހު އެމީހުން ގުނަން މި ޖެހެނީ މަރުވެފައިވާ މީހުންގެ ތެރޭގައި، އެމީހުންގެ ގެދޮރު އެމީހުންގެ ސަހަރާއަކަށް ވެގެން މިދަނީ،" ވަރަށް އަސަރާއެކު ޑރ ހުސާމް ވިދާޅުވިއެވެ.

“މިއީ ޣައްޒާއިން ކޮންމެ ދުވަހަކު ތަކުރާރުކޮށް ފެންނަމުންދާ ހިތްދަތި މަންޒަރު”