ރާއްޖޭގެ ހަކަތައިގެ ރޯޑްމެޕް، މިހާރު ކުރިއަށްދާ ކޮޕް29 ސަމިޓުގައި އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ތައާރަފް ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް 2028 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފެއްދުމަށް ކުރާނެ މަސައްކަތްތަކުގެ ތަފްޞީލު މި ރޯޑްމެޕްގައި ހިމަނާފައިވެއެވެ.
މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވީ މި ރޯޑްމެޕަކީ ރާއްޖޭގެ ހަކަތައިގެ ދާއިރާ ކުރިއެރުވުމަށާއި ތިމާވެށި ހިމާޔަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި ލަނޑުދަނޑި ހާސިލްކުރުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮޕް29 ގައި ބޭއްވު29 ގައި ބޭއްވުނު މި ހާއްސަ އިވެންޓްގައި ރާއްޖޭގެ އެކި ދާއިރާތަކުން ބައިވެރިވި ފަރާތްތަކުގެ އިތުރުން ބައިނަލްއަޤްވާމީ ޖަމިއްޔާތަކުގެ މަންދޫބުން ވެސް ބައިވެރިވިއެވެ. މި ރޯޑްމެޕް ތަންފީޒުކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ ފަރާތްތަކުން ޝައުޤުވެރިކަން ވަނީ ފާޅުކޮށްފައެވެ.