ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މަސްވެރި ކަމަށް ހާއްސަކުރި މަސްވެރި ވުޒާރާއިން އެންމެ ހާއްސަ ކަމެއް ދިން ކަމަކީ މަސްވެރި ކޮލެޖެއް އުފެއްދުމަށް މަސްވެރި ގާނޫނުން ލާޒިމު ކޮށްފައިވާ މަސައްކަތް އަވަހަށް ނިންމުމެވެ.
މަސްވެރިކަމާ ގުޅުން ހުރި ތައުލީމާއި ތަމްރީނު ނިޒާމީ ގޮތެއްގައި ކިޔަވައި ދޭނެ މަދަރުސާއެއް ނުވަތަ ކޮލެޖެއް މިހާތަނަށް ވުޖޫދުވެފައެއް ނެތެވެ.
މަސްވެރި ކޮލެޖަކީ ދެމެހެއްޓެނިވި ގޮތަށް ނިޒާމެއްގެ ތެރެއިން ހިނގާނެ ކޮލެޖަކަށް ހެދުމަށްޓަކައި މި މަސައްކަތް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާ ގުޅިގެން އެ ޔުނިވާސީޓީގައި "މޯލްޑިވްސް ކޮލެޖު ފޯ ފިޝަރީޒް އެންޑް އޯޝަން ސައިންސަސް" ގެ ނަމުގައި މިހާރު ވަނީ އުފައްދައިފައެވެ.
މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ދަށުން މަސްވެރި ކޮލެޖް ހިންގުމުގެ މަޝްވަރާ ފަށާފައިވަނީ 29 ނޮވެމްބަރު 2023 ވަނަ ދުވަހުގައެވެ. އަދި ފިޝަރީޒް ކޮލެޖް ގާއިމް ކުރުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ އާ ދެމެދު ފަހުމުނާމާގައި ސޮއިކުރެވިގެން ދިޔައީ 27 ޑިސެމްބަރު 2023 ވަނަ ދުވަހުއެވެ. މި ފަހުމުނާމާގައި ވުޒާރާގެ ފަރާތުން ސޮއިކުރައްވާފައިވަނީ ވަޒީރު އަޙްމަދު ޝިޔާމްއެވެ. އެމްއެންޔޫގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ވައިސް ޗާންސެލަރ ޑރ. ޝެހެނާޒް އާދަމްއެވެ.
1 ސެޕްޓެމްބަރު 2024ގައި މޯލްޑިވްސް ކޮލެޖު ފޯ ފިޝަރީޒް އެންޑް އޯޝަން ސައިންސަސް އުފައްދާ މަސްވެރި ސިނާއަތާ ގުޅުންހުރި ކޯސްތައް ހިންގުމަށްވަނީ ފަށާފައެވެ. އޭގެ ތެރޭގައި ބެޗެލަރ އޮފް މެރިން ސައިންސް ކޯސް ހިމެނެއެވެ. މީގެ އިތުރުން ސްޕޯޓސް ފިޝިންއާއި މަސް ޕްރޮސެސްކުރަން ދަސްކޮށްދޭ ކޯހަށްވެސް ހުޅުވާފައިވެއެވެ.