ޔޫރަޕުގެ ފުޓްބޯޅައިގެ މައި އިދާރާ ޔުއެފާއިން ރޭ ހޮވި ޔޫރަޕުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ފޯވާޑުގެ މަގާމް ބަޔާން މިޔުނިކާއި ޕޮލެންޑުގެ ތަރި ރޮބަޓް ލެވަންޑޮސްކީ ހާސިލް ކޮށްފިއެވެ.

މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ލެވަންޑޮސްކީއާ އެންމެ ބޮޑަށް ވާދަކުރީ އޭނާއާއެކު ބަޔާން މިޔުނިކަށް ކުޅެމުން އަންނަ ޖަރުމަނު ގައުމީ ޓީމުގެ ކީޕަރު މެނުއަލް ނޯޔާ އާއި މެންޗެސްޓަރ ސިޓީ އާއި ބެލްޖިއަމްގެ ހުނަރުވެރި މިޑްފީލްޑަރު ކެވިން ޑިބްރޭނާއެވެ.

ލެވަންޑޮސްކީ މޮޅު ކުޅުންތެރިޔާގެ މަގާމް ހާސިލް ކުރީ 477 ޕޮއިންޓް ހޯދައިގެންނެވެ. ބަޔާން މިޔުނިކުން މިދިޔަ ސީޒަނުގައި ޔުއެފާ ޗެމްޕިއަންސް ލީގާއި ޖަރުމަނު ބުންޑަސްލީގާ ކާމިޔާބު ކުރިއިރު އެޓީމުގައި އެންމެ ބޮޑަށް ވިދާލި ކުޅުންތެރިޔަކީ ލެވަންޑޮސްކީއެވެ. މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގުގައި 15 ލަނޑު އަދި ބުންޑަސްލީގާގައި 34 ލަނޑު ލެވަންޑޮސްކީ ވަނީ ކާމިޔާބު ކޮށްފައެވެ.

މޮޅު ކުޅުންތެރިޔާގެ މަގާމަށް ލެވަންޑޮސްކީއާ އެންމެ ކައިރިން ވާދަކުރީ ޔުއެފާގެ އެންމެ މޮޅު މިޑްފީލްޑަރުގެ މަގާމް ހާސިލްކުރި ޑިބްރޭނާއެވެ. އޭނާއަށް ލިބުނީ 90 ޕޮއިންޓެވެ. ތިންވަނައަށް ދިޔައީ އެންމެ މޮޅު ކީޕަރުގެ މަގާމް ހާސިލް ކުރި ނޯޔާއެވެ. ނޯޔާއަށް ލިބުނީ 66 ޕޮއިންޓެވެ. ހަތަރު ވަނައަށް ދިޔައީ ލިއޮނަލް މެސީއެވެ. އެއީ 53 ޕޮއިންޓާއެކުއެވެ. މެސީއާ ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯ މިލިސްޓުގެ 10 ވަނައިގައި އޮތީ 25 ޕޮއިންޓާއެކުއެވެ.

މިއީ ޔޫރަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލެވަންޑޮސްކީއަށް ލިބުނު ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެއެވެ. އަދި މިއީ މިއީ ފާއިތުވެދިޔަ 10 އަހަރު ތެރޭގައި ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އެންމެ މޮޅު 3 ކުޅުންތެރިންގެ ތެރޭގައި ނުހިމުނު ފުރަތަމަ ފަހަރުކަންވެސް ފާހަގަ ކޮށްލެވެއެވެ.

ޔުއެފާގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޮވީ ޔޫރަޕުގައި މަސައްކަތް ކުރާ 50 ކޯޗުންނާއި ޔޫރަޕުގެ ސްޕޯޓްސް މީޑިއާ ގްރޫޕް (އީއެސްއެމް) އިން އިހްތިޔާރުކުރި 50 ނޫސްވެރިންގެ ވޯޓުންނެވެ.