މޮރޮކޯގައި ބޭނުންކުރާ މަސް ދަޅުގައި ފުދޭވަރަކަށް ދިރޭ ރަހައިގެ އަސަރު ހުރުމުން އެމައްސަލަ އެގައުމުގެ ޕާލަމެންޓްގައި ބަހުސް ކޮށްފިއެވެ.
މޮރޮކޯގެ 'އަލްއަސާލާ ވަލްމުޢާސަރާ' ޕާޓީގެ އެމްޕީ ހަނާން އަތްރިކީން ވަނީ، މަޣްރިބް ގައި ބޭނުންކުރާ މަސްދަޅުގައި ދިރޭ ރަހަ ހިމެނޭ މައްސަލާގައި ފިޝަރީޒް މިނިސްޓަރާ ސުއާލު ކުރައްވާފައެވެ.
ދިރޭ ރަހައަކީ ކެންސަރަށް މަގުފަހި ކުރާ މާއްދާއެކެވެ. ހަނާން ވިދާޅުވީ، މޮރޮކޯގައި މަސްދަޅު އުފެއްދުމަށް ބޭނުންވާ އޮމާން ޓިނު ގެންނަނީ ޔޫރަޕްގެ ޤައުމުތަކުން ނެވެ. އަދި ޔޫރަޕްގެ ފަސް ގައުމެއް ކަމަށްވާ ފްރާންސް، ޖަރުމަނުވިލާތް، އިނގިރޭސިވިލާތް، ސްޕެއިން، އަދި އިޓަލީގައި އެކިތަންތަނުން ނަގާފައިވާ މަސްދަޅުތަކުގެ ސާމްޕަލްގައި ގިނަ އަދަދަކަށް ދިރޭ ރަހައިގެ އަސަރު ހުރިކަން ފާހަގަ ކޮށްފައިވާ ކަމަށެވެ.
ހަނާންގެ ވާހަކަފުޅުގައި އެ ހޯދުންތަކުގެ ތަފްސީލެއް ހާމައެއް ނުކުރައްވައެވެ. ނަމަވެސް އޭނާ ވިދާޅުވީ، އެ ގައުމުތަކުގެ އެކިތަންތަނުން ގާތްގަނޑަކަށް 148 މަސް ދަޅު ނަގައިގެން ވަކި ފަރާތަކަށް ނުޖެހޭ އަމިއްލަ ލެބޯޓްރީއެއްގައި ޓެސްޓު ކުރުމުން އެއިން ދިރޭ ރަހައިގެ އަސަރު ފެނިފައިވާ ކަމަށެވެ. އަދި ފެނިފައިވާ މިންވަރަކީ އިންސާނާގެ ސިއްޙަތަށް ގެއްލުންވާ މިންވަރު ކަމަށްވެސް ހަނާން ވިދާޅުވިއެވެ.
މޮރޮކޯގެ ސުފުރާތައް ފަޅުފިލުވާ ސަލަޑާއި ސްޓާޓަރުގައި ގިނައިން މަސްދަޅު ބޭނުން ކުރެއެވެ.
ޙަނާން ވިދާޅުވީ މިމައްސަލަ ވަނީ ރައްޔިތުންގެ މެދުގައި ނުތަނަވަސްވާ މައްސަލައަކަށް ވެފައެވެ. އަދި ދަޅު އުފައްދަން ބޭނުންކުރާ އޮމާން ޓިނު އެތެރެ ކުރަނީ، ސްޕެއިން އާއި އިޓަލީވިލާތުން ކަމަށްވާއިރު އެގައުމުތަކުގެ ދަޅުތަކުން ދިރޭ ރަހައިގެ އަސަރު ފެނިފައިވާއިރު އެކަމަށް ސަރުކާރުން ސަމާލުވެ ޓެސްޓްކުރީ ކިހާވަރަކަށްތޯވެސް އޭނާ ސުއާލު ކުރެއްވިއެވެ.
މި ބަހުސާ ގުޅިގެން މޮރޮކޯގެ ކޮންސިއުމާ ރައިޓްސް އެސޯސިއޭޝަނުން ވަނީ އެފަރާތުގެ ވިސްނުން ވެސް ޙިއްސާކޮށްފައެވެ.
އެ ޖަމިއްޔާގެ ރައީސް ބޫ އައްޒާ އަލްޚަރާތީ ވިދާޅުވީ، މޮރޮކޯގައި ބޭނުންކުރާ ޓޫނާއަކީ އެޓްލާންޓިކް ކަނޑުން މެޑިޓެރޭނިއަން ކަނޑަށް ދަތުރުކުރާ އައިނަކުން ހިފާ މަސްތަކެއް ކަމަށެވެ. ނަމަވެސް އެއިން އެއް އައިނަކީ، އިޓަލީވިލާތުގެ އެޓްނާ އަލިފާން ބަރުބަދަ ސަރަހައްދުން ދަތުރުކުރާ އައިނެއްކަމުން އެ އައިނުގެ ކަންނެލީގައި ދިރޭ ރަހައިގެ އަސަރު ހުންނަކަމަށެވެ. އަދި މޮރޮކޯގައި ދިރޭ ރަހަ ނޫނީ މާކިއުރީގެ މާއްދާ ފެންނަ ޓޫނާއަކީ އެޓްނާ ފަރުބަދަ ސަރަހައްދުން ދަތުރު ކުރާ އައިނުގެ ޓޫނާ ކަމަށްވެސް ބޫ އައްޒާ ވިދާޅުވިއެވެ.