ބަޔާން މިއުނިކަށް ކުޅެމުން އަންނަ ހަލުވި ޑިފެންޑަރު, އަލްފޮންސޯ ޑޭވީސް ރެއާލް މެޑްރިޑަށް ސޮއިކުރަން އެއްބަސްވެއްޖެ ކަމަށް ބުނެ މީޑިއާގައި ފެތުރެމުންދާ ހަބަރުތައް އޭނާގެ އޭޖެންޓް ނެޑަލް ހޫސާ ދޮގުކޮށްފިއެވެ.

އަލްފޮންސޯގެ ކުރިމަގާ ބެހޭ ގޮތުން ވާހަކަދައްކަމުން ނެޑަލް ބުނި ގޮތުގައި އެއް ވެސް ކްލަބަކާއެކު އަދި އެއްބަސްވުމަކަށް އައިސްފައި ނުވާ ކަމަށެވެ. އޭގެ އިތުރުން އޭނާ ވަނީ ޑޭވީސް ބަޔާނާއެކު އާ ކޮންޓްރެކްޓެއްގައި ސޮއިކުރުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށް ހާމަކޮށްފައެވެ.

"ޑޭވީސް ރެއާލަށް ސޮއިކުރަން އެއްބަސްވި ކަމަށް ބުނާ ހަބަރުތަކަކީ ހަގީގަތާ ހިލާފު ހަބަރުތަކެއް. ޑޭވީސް ގަންނަން ޝައުގުވެރިވާ ވަރަށް ގިނަ ކްލަބުތައް އެބަހުރި އެކަމަކު އަދި އެއް ވެސް ކްލަބަކާއެކީ އެއްބަސްވުމަކަށް ނާންނަން. ބަޔާނާއެކު ހަދާފައިވާ ކޮންޓްރެކްޓް އާ ކުރުމުގެ ފުރުސަތު ވެސް ޑޭވީސްއަށް އެބައޮތް" ޑޭވީސް ރެއާލަށް ސޮއިކުރިކަމަށް ބުނާ ހަބަރުތައް ދޮގުކުރަމުން ނެޑަލް ބުންޏެވެ.

2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޑޭވީސް, ބަޔާނާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާއިރު އޭނާ ގަތުމަށް އެތައް ކްލަބަކުން އަންނަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ. ޑޭވީސްގެ ސޮއި ހޯދުމުގެ ރޭހުގެ އެންމެ ކުރީގައި ރެއާލް އުޅުނު ކަމުގައިވިއަސް, ޑޭވީސް އެ ކްލަބަށް ގެންދިއުމަށް ކުރި މަސައްކަތްތައް އަދި ކާމިޔާބު ވެފައެއް ނުވެއެވެ.