އިންޑިއާ އާއި ޖަޕާނުން ފުރަތަމަ ފަހަރަށް އަސްކަރީ ޓެކްނޮލޮޖީ ޓްރާންސްފާ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. މި "މެމޮރެންޑަމް އޮފް އިމްޕްލިމެންޓޭޝަން" ގެ މަގުސަދަކީ ކަނޑުގެ އުޅަނދުތަކުގެ ސްޓެލްތު ފީޗާސް އިތުރުކުރުން ކަމަށް އިންޑިއާގެ ކަނޑުގެ ސިފައިންގެ ތަރުޖަމާނަކު ވިދާޅުވި އެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޓޯކިޔޯގައި ހުންނަ އިންޑިއާ އެމްބަސީގައެވެ. މި މަޝްރޫއުގެ ޕްރައިމަރީ އިންޑިއާ ޕާޓްނަރަކަށް ވާނީ ބާރަތު އިލެކްޓްރޯނިކްސް ލިމިޓެޑް ބެންގަލޫރު އެވެ.

މި އެއްބަސްވުމުގެ ދަށުން މަނަވަރުތަކުގައި ޔުނިކޯން މާސްޓް (ކުނބު) ހަރުކުރެވޭނެއެވެ. ޔުނިކޯން މާސްޓަކީ ޔުނިފައިޑް ކޮމްޕްލެކްސް ރޭޑިއޯ އެންޓެނާއެކެވެ. މިއީ މަނަވަރުތައް ރޭޑާއަށް ނާރާފަދަ ސިއްރު ގާބިލްކަން އިތުރުކުރުމަށް މުވާސަލާތީ ނިޒާމުތައް އިންޓަގްރޭޓްކޮށްފައިވާ މާސްޓެކެވެ. ޖަޕާނުގެ ތިން ކުންފުންޏަކުން އުފައްދާފައިވާ މި އެންޓެނާތައް މިހާރު ބޭނުންކުރަނީ ޖަޕާނުގެ މޮގާމީ ކްލާހުގެ މަނަވަރުތަކުގަ އެވެ.

އާންމުކޮށް ބޭނުންކުރާ ކުނބާ ޚިލާފަށް ޔުނިކޯންގެ ޑިޒައިންގައި އެތައް އެންޓެނާތަކެއް އެއް ސަޕޯޓް ކޮލަމަކަށް އެއްކޮށްލާފައިވެ އެވެ. މިއީ ރާޑަރަށް އުޅަނދު ފެންނަ މިންވަރު ކުޑަކޮށްދޭ ކަމެކެވެ.

މި މެމޮރެންޑަމްގައި ސޮއިކުރެއްވީ އިންޑިއާގެ ސަފީރު ސިބީ ޖޯޖް އާއި ޖަޕާނުގެ އެކްވިޒިޝަން ޓެކްނޮލޮޖީ އެންޑް ލޮޖިސްޓިކްސް އެޖެންސީގެ ކޮމިޝަނަރު އިޝިކާވާ ޓާކޭޝީ އެވެ. މި އެއްބަސްވުން ހަގީގަތަކަށް ވެފައި ވަނީ ދިފާއީ ސާމާނާއި ޓެކްނޮލޮޖީ ޓްރާންސްފާއާ ގުޅޭ ގޮތުން އިންޑިއާ އާއި ޖަޕާނުން އެއްބަސްވިތާ ނުވަ އަހަރު ފަހުންނެވެ.

ޖަޕާނުގެ އަސްކަރީ ޓެކްނޮލޮޖީތަކަށް އިންޑިއާގެ ކަނޑުގެ ސިފައިން ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، އޭގެ ތެރޭގައި ޔުނިކޯން މާސްޓާއި ޔޫއެސް-2 އެމްފިބިއަން މަތިންދާބޯޓު ހިމެނެ އެވެ. މި ޓެކްނޮލޮޖީއަކީ ދާދިފަހުން ދެގައުމުގެ ޑިފެންސް އާއި ފޮރިން މިނިސްޓަރުންގެ މެދުގައި "2+2" ގެ ތެރެއިން މަޝްވަރާ ކުރެވުނު މައުޟޫއެކެވެ.