މ. މުލަކުގައި ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ކުލަގަދަ ކޮށް ފާހަގަކޮށްފިއެވެ.
އެގޮތުން މުލަކު ހެލްތް ސެންޓަރާއި، މުލަކު ކައުންސިލް އަދި މީމު އަތޮޅު ޕޮލިސްސްޓޭޝަނިން އިސްނަގައިގެން ރަށުގެ އެހެން މުއައްސަސާތަކާ ގުޅިގެން މި ދުވަހާ ގުޅޭގޮތުން ވަނީ ކުލަގަދަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.
މި ހަރަކާތްތަކަކީ ހަކުރު ބައްޔާބެހޭ ގުޅޭގޮތުން ރައްޔިތުން އަހުލުވެރި ކުރުމަށާއި ދުޅަހެޔޮކަން އިތުރުކުރުމުގެ އިތުރުން ރަށުގެ ސިއްހީ ހާލަތު ދެނެގަތުމުގެ މަޤްސަދުގައި ކުރިއަށް ގެންދެވުނު ހަރަކާތްތަކެއް ކަމަށް މުލަކު ހެލްތް ސެންޓަރުން ބުންޏެވެ.
އެގޮތުން މި ދުވަހާ ގުޅޭގޮތުން، އެ ހެލްތް ސެންޓަރުން، މި މަހުގެ 14 އިން 16 ވަނަ ދުވަހާ ހަމައަށް 4 ހަރަކާތެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ހަރަކާތްތަކުގެ ތެރޭގައި :
1. ހެލްތް ސްކްރީނިންގ- މި ހަރަކާތުގައި ބައިވެރިވުމަށް މޯލްޑްވިސް އެސޯސިއޭޝަން ފޯ ހެލްތް އެންޑް އެވެއަރނެސް (މަހާ)ގެ ފަރާތުން މުލަކަށް ވަޑައިގެންނެވި ޑޮކްޓަރުންގެ ފަރާތުން ވަނީ ސިއްހީ ހާލަތު ހުރިވަރު ދެނެގަތުމަށާއި ހަކުރު ބައްޔަށް ހުރި ނުރައްކާ ދެނެގަތުމުގެ އިތުރުން ހަކުރުބަލި ޖެހިފައިވާ މީހުންނަށް ދިރިއުޅުމުގެ ވައްޓަފާޅިގެން ގުޅެންވިގޮތުގެ މައުލޫމާތު ދެއްވާފައެވެ.
މި މައުލޫމާތު ދެއްވި ޑޮކްޓަރުންނަކީ މަހާގެ ފައުންޑަރ އަދި ރައީސް ޑރ. މުހައްމަދު އަލީއާއި، ޑރ. ފަރުހަތު ޝަރީފާއި، ޑރ. ފާތިމަތު ޝާފިޔަތުގެ އިތުރުން ޑރ. އައިމިނަތު ނަޔާޝީން ވަސީމް ހިމެނެއެވެ. މި ހަރަކާތުގައި އެރަށު ގިނަބަޔަކު ބައިވެރިވެއެވެ.
2. މުލަކު ސްކޫލުގެ ގްރޭޑް 7 މަތީގެ ދަރިވަރުންނަށް ހާއްސަކޮށްގެން ގެންދިޔަ ވޭޕިންގް އެވެއަރނަސް ޕްރޮގްރާމް- ޑރ. މުހައްމަދު އަލީ މައުލޫމާތު ދެއްވި މި ޕްރޮގްރާމުގައި ވޭޕުން ލިބޭ ގެއްލުމާ އަދި ވޭޕް ބޭނުންކުރާ ކުދިން އެކަމުން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.
3. ޑައިބެޓީސް އެވެއަރނސް ސެޝަން- ޑައިބެޓީސްއަށް މުޖުތަމައު ހޭލުންތެރިކުމާއި ޑައިބެޓިކްސްއާ ބެހޭގޮތުން އުފެދިފައިވާ ކުއްހީތައްވެސް ކިޔާދީފައިވެއެވެ.
4. ކަލަރ ރަން- މިއީ ދުޅަހެޔޮކަން އިތުރުކުރުމާއި ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރަން ހިތްވަރުދީ އެކުވެރި އަދި އުފާވެރި މާހައުލަކުން ގިނަ ރައްޔިތަކު ބައިވެރިވެރިވި ހަރާކާތެކެވެ. އަދި މި ހަރަކާތުގައި ބައިވެރިވެ ވަނަވަނަ ހާސިލްކުރި ބައިވެރިންނަށް ވަނީ ފައިސާގެ އިނާމާއި މެޑަލްވެސް ދީފައެވެ. މިއީ މިފަދަ ހަރަކާތެއް މ. އަތޮޅުގައިވެސް ބޭއްވި ފުރަތަމަ ފަހަރުވެސް މެއެވެ.
މި ފާހަގަކުރި ކުލަގަދަ ހަރަކާތްތަކާ ގުޅިގެން '' ހަލިނިއުސް'' އަށް މައުލޫމާތު ދެއްވަމުން މުލަކު ހެލްތް ސެންޓަރގެ ޒިންމާދާރު ވެރިޔާ އިސްހާގް އަލީ ވިދާޅުވީ މި އިވެންޓްތަކަކީ ވަރަށް ކާމިޔާބު އިވެންޓް ތަކެއްކަމަށާއި ދުވަހުގެ މަޤުސަދު ހާސިލު ވެގެންދިޔަ ކަމަށެވެ. އަދި އެކި މުއައްސަސާތަކުގެ ގުޅުން ބަދަހި ވެގެންދިޔަ ކަމަށާއި އާންމު ފަރުދުންގެ ފަރާތުން މުއައްސަސާތާކަށް އޮންނަ އިތުބާރު ބޮޑުވެ، ސިއްހީގޮތުން ހޭލުންތެރިން އިތުރު ކުރުމަށް ޕްރޮގްރާމްތައް ހިންގަން ހިތްވަރު ލިބިގެންދިޔަ ކަމަށްވެސް އިސްހާގް ވިދާޅުވިއެވެ.
މީގެއިތުރުން މުލަަކު ކަައުންސިލުން އެމްއެޗްސީއާ ކަނޑައަޅުއްވާފާއި ހުންނަވާ އެ ކައުންސިލްގެ މެމްބަރު ރީމާ ހުސައިން ވިދާޅުވީ މުލަކުގައި ހަކުރުބަލީގެ ދުވަސް މިހާ ކުލަގަދަކޮށް ފާހަގަކޮށް ކުރިއަށް ގެންދެވުން ކަމީ ވަރަށް އުފާވިކަމެއް ކަމަށާއި ދުވަހާ ގުޅިގެން ބޭއްވުނު ކަލަރ ރަން އަކީ ފަހުގެ ތާރީހެއްގައި މިފަދަ ރަންއެއް ރަށު ފެންވަރުގައި ބޭއްވި އަދި އެންމެ ގިނަ ފަރާތްތަކުން ބައިވެރިވެފައިވާ ހަރަކާތް ކަމަށެވެ.
ބައިނަލްއަގުވާމީ ގޮތުން، ހަކުރުބަލީގެ ދުވަސް ފާހަގަކުރަނީ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ. މިއަހަރުގެ ހަކުރު ބަލީގެ ދުވަހަށް އިންޓަނޭޝަނަލް ޑައިބިޓީސް ފެޑަރޭޝަނުން ކަނޑައަޅުއްވާފައިވާ ޝިޢާރަކީ "ހަކުރުބައްޔާއި ދުޅަހެޔޮކަން" އެވެ.
ހާލާ ބުނެލަން އޮތީ ހަމައެކަނި ދުވަސް ފާހަގަކޮށްފައި ދޫކޮށްނުލާ އަބަދުވެސް މީހުން ހޭލުންތެރި ކުރުމަށް ޕްރޮގްރާމްތައް ހިންގާ މީހުން އެކަމަށް އަހުލުވެރި ކުރުވުމަކީ ރަނގަޅު ކަމެއްކަން ދަނެގެން އެކަން ކުރުމުގެ މުހިއްމު ކަމެވެ.