މި ވާހަކަތަކަކީ، ޤަތަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖުމާން މާޖިދުލް އަންސާރީ މިއަދު ދޯޙާގައި ވިދާޅުވި ވާހަކައެވެ.
އެމެރިކާއިން ދޯޙާއަށް ފިއްތަމުން ދިޔަ ވާހަކަތަށް މިދިޔަ ދުވަސްތަކުގައި ވަނީ ކަށަވަރު ވެފައެވެ. އަދި ޙަމާސްގެ އޮފީސް ބަންދުކުރަން ދޯޙާއިން ހަމާސަށް އެންގިކަމަށް ބުނެ، ޔަހޫދީ މީޑިއާއާއި އެމެރިކާ މީޑިއާ (ވޮޝިންޓަން ޕޯސްޓު) އިން ގޭސް އެނބުރުމުން، އޭގެ 18 ގަޑިއިރު ފަހުން ޤަތަރުން ބުނެފައި ވަނީ ޙަމާސްގެ އޮފީސް ބަންދު ކުރަން އަންގާފައި ނުވާނެ ކަމަށެވެ.
ތެދެކެވެ! ހަމާސްގެ އޮފީސްގެ ބަންދު ކުރަން އަންގާފައެއް ނުވެއެވެ. ނަމަވެސް ކުރިން ޤަތަރުން ހަމާސްގެ ލީޑަރުންނަށް ކިޔަމުން ދިޔަ ހޫނު މަރުހަބާ މިހާރު ވަނީ ވަޅޯވެފައެވެ.
އިއްޔެ މީޑިއާ ރިޕޯޓުތައް ބުނެފައި ވަނީ ހަމާސްގެ އޮފީސް ޤަތަރުން އަންކަރާއަށް ބަދަލު ކޮށްފިކަމަށެވެ. ނަމަވެސް ތުރުކީން ބުނެފައި ވަނީ އެފަދަ ކަމެއް ހިނގާފައި ނުވާކަމަށެވެ. އަދި މިއަދުވެސް އެވާހަކަ ތުރުކީން ވަނީ ތަކުރާރުކޮށްފައެވެ.
މާޖިދުލް އަންސާރީ ބުނެފައި ވަނީ ޙަމާސްގެ ދޯޙާ އޮފީސް ހުޅުވީ ޤަތަރުން މެދުވެރިއެއްގެ ބައި ކުޅޭށެވެ. އަދި "މެދުވެރިއެއްގެ ދައުރު ޤަތަރުން އަދާނުކުރާނަމަ އެ އޮފީހަކަށް މަސައްކަތެއް ނޯންނާނެ ނޫންތޯ؟" އޭނާ މިފަދައިންވެސް މިއަދު ވިދާޅުވިއެވެ.
ޤަތަރުން މެދުވެރިއެއްގެ ބައި އަދާކުރާ ގޮތާމެދު ޙަމާސްއިން ދުވަހަކުވެސް މައްސަލައެއް ޖައްސާފައެއް ނުވެއެވެ. ނަމަވެސް، މިސްރާ މެދު ހަމާސްއިން އިއުތިރާޒް ކޮށްފައި ވެއެވެ.
ޙަމާސް އިން ބުނެފައި ވަނީ މެދުވެރިއެއްގެ ގޮތުގައި ވާހަކަ ދައްކާއިރު އެދުވަސްވަރެއްގައި ގަދަކޮށް އުޅޭ ބަޔަކަށް ސަޕޯޓުކޮށް މިސްރުން މެދުވެރިއެއްގެ ދައުރު އަދާ ކުރާ ކަމަށެވެ.
އަރަބިންނާ ހަމާސްއާ ދެމެދު މިއުޅެނީ ކޮން މައްސަލައެއް؟
ހަމާސްއަކީ އޮސްލޯ މުއާހަދާއަށް ފަހު، ޕީއެލްއޯގެ ފަތަޙަ ޖަމާޢަތުގެ ބަދަލުގައި، ފަލަސްޠީނުގެ ޝެއިޚު އަޙުމަދު ޔާސީން އުފެއްދެވި ޖަމާޢަތެކެވެ. ޙަމާސް މަޝްހޫރު ވެގެން ދިޔައީ އިންތިފާޟާ (ފަލަސްޠީނުގެ އުތުރިއެރުންތައް) އިންނެވެ. ޙަމާސްގެ އަސްކަރީ ގޮތްޕަކީވެސް ޝެއިޚަކަށް ނިސްބަތް ކޮށްފައިވާ ބްރިގޭޑެކެވެ. އަޒުހަރުގެ ޝެއިޚެއް ކަމަށްވާ ފަލަސްޠީނުގައި ހަނގުރާމަކޮށް ޝަހީދުވި ޢިއްޒުއްދީނުލް ޤައްސާމަށް ނިސްބަތް ކޮށްފައިވާ ބްރިގޭޑެކެވެ.
ޙަމާސްގެ ފަސްމަންޒަރަކީ ދީނީ ފަސްމަންޒަރެކެވެ. (ރައީސް މަހްމޫދު އައްބާސްގެ) ފަތަހަ ޖަމާއަތުގެ ފަސްމަންޒަރަކީ އިލްމާނީ ފަސް މަންޒަރެކެވެ. ޕިއެލްއޯގައި ހިމެނުނު ޖޯޖް ހަބަޝްގެ ޕޮޕިއުލަރ ފްރޮންޓްގެ ފަސްމަންޒަކީ މާކްސިޒަމެވެ. ޔައުނީ، ފަލަސްޠީނުގެ މިނިވަންކަމުގައި ދީނީ ފަސްމަންޒަރެއް ޙިއްސާ ކުރާ ހަމައެކަނި ޖަމާއަތަކީ ހަމާސެވެ.
ޔަހުޔާ ސިންވާރު ޙަމާސަށް ވަދެފައިވަނީ ހަމާސްގެ އުމުރުގެ މެދުތެރެއިންނެވެ.
ޙަމާސަށް އަރަބިން އެލާޖިކް ވަނީ ކީއްވެ؟
ޢަރަބި ދުނިޔޭގައި ދީނީ ފިކުރު ތިން ބަޔަކަށް ބެހެއެވެ. ސަލަފީ ފިކުރާއި މެދުމިންކަމަށް ދައުވާ ކުރާ ވަރިހަމަ ޢިލްމާނީ އިސްލާމީ ފިކުރެވެ. އަދި ތިން ވަނަ ފިކުރަކަށް ޙަސަނުލް ބަންނާގެ އިޚުވާނުލް މުސްލިމޫން (އިސްލާމިކް ބްރަދަ ހުޑް) ގެ ފިކުރެވެ.
މިސްރުގެ ރައީސް މުރުސީއަކީ އިޚުވާން ފިކުރުގެ ބޭފުޅެވެ. އޭނާގެ ވެރިކަން ވައްޓާނެވުނެވެ.
ޖަޒާއިރުގައި އަޒުހަރު ގްރެޖުއޭޓެއް ކަމަށްވާ ބޫ މަދްޔަންގެ ވެރިކަން ވައްޓާލެވުނީ އޭނާގެ ފިކުރުވެސް އިޚުވާނީ ދީނީ ފިކުރަކަށް ވެގެންނެވެ.
ތޫނުސްގައި ރާޝިދުލް ޣަނޫޝީ ކާމިޔާބު ކުރެއްވި އިންތިޚާބު ފޭރިގަތީ އޭނާ އިޚުވާންގެ ބޭފުޅަކަށް ވުމުންނެވެ.
ރައީސް މުރުސީގެ ވެރިކަން ވައްޓާލުމަށްފަހު ޔޫއޭއީއާއި މިސްރާއި ސައޫދީން ޤަތަރާއި އަލްޖަޒީރާ ޓީވީއަށް ތުހުމަތު ކުރީ އިޚުވާނުލް މުސްލިމޫންގެ ފިކުރުގެ ބައެއް ކަމަށެވެ. އިޚުވާނުލް މުސްލިމޫންގެ ފިކުރު ޙިއްސާ ކުރާ އިސްލާމީ ދުނިޔޭގައި އެވަގުތު ހުންނެވި އެންމެ އިސް ދަންނަބޭކަލެއް ކަމަށްވާ (މިސްރު އަސްކަރީ ނިޒާމުން ހިޖުރަކޮށް ޤަތަރުގައި އަރުވާލެވިގެން ހުންނެވި) ޑރ. ޔޫސުފް އަލްޤަރްޟާވީ އަވަހާރަވަންދެން ހުންނެވީ ޤަތަރުގައެވެ.
ސީސީގެ ތީސިސްއާއި ޙަމާސްއަށް އެލާޖިކް ވުން:
މިސްރުގެ ރައީސް އަލްދެލްފައްތާހު އައްސީސީ ތަމްރީން ހެއްދެވީ އެމެރިކާއިންނެވެ. އޭނާ 38 ސަފްހާގެ ތީސިސްއެއް ލިޔުއްވިއެވެ. އޭގައި އޭނާ ވިދާޅުވަނީ އަރަބި ދުނިޔެއާ މުއާމަލާތު ކުރާއިރު އިސްލާމީ ޚިޔާލުގެ މީހުން ތިބޭނެކަން ދަންނަން ވާނެ ކަމަށެވެ. އެ ތީސިސްގެ 17 ވަނަ ސަފްހާގައި އޭނާ ވިދާޅުވަނީ ދެވައްތަރެއްގެ އިސްލާމީ ފިކުރުގެ މީހުން ތިބޭ އިރު އެއް ބަޔަކީ އިޚުވާނުލް މުސްލިމޫންގެ ފިކުރުގެ މީހުންނެވެ. އެމީހުންވެސް ދެބަޔަކަށް ބެހޭނެ ކަމަށެވެ. އެއިން އެއް ބަޔަކީ އެބަޔަކާއެކު ވާހަކަ ދައްކައިގެން ބޭނުން ގޮތަކަށް ކަންކަން ގެންދެވިދާނެ ބައެއް ކަމަށެވެ.
އެކަމަކު އަނެއް ބަޔަކީ ހަރުކަށި އިޚުވާނީ ބައެއް ކަމަށެވެ. މިޖުމުލައިގައި ބުރެކެޓެއްގައި އޭނާ ލިޔުއްވަނީ (ލައިކް ... ހަމާސް) ހަމާސް އެއްވައްތަރު މީހުން ކަމަށެވެ.
އެމެރިކާގެ ނޫސްވެރިޔާ ބޮބް ވުޑްވާރޑް އެމެރިކާގެ އިންތިޚާބާ ދިމާކޮށް ނެރުނު ފޮތް "ވޯރ" ގައި ހަމާސްއާ މެދު މިސްރާއި އެހެން އަރަބިން ގެންގުޅޭ ސިޔާސަތާއި އަދި ބައިޑެންގެ ޚާރިޖީ ވަޒީރު ބްލިންކެންއާ އެކު ބެއްވި ސައްލާތަކުގައި ފަލަސްޠީނާ ޙަމާސްއާ ދެކޮޅަށް ބުނި ވާހަކަތަކަށް މީހުން ހައިރާން ފާޅުކޮށްފައި ނުވަނީ އެސަބަބާ ހެދިއެވެ.