އިންޑިޔާގެ ކޮޗިން ކާގޯފެރީގައި އެސްޓީއޯއަށް ގެނައި ސިމެންތި އަގުހެޔޮކޮށް އެސްޓީއޯ ކުޅުދުއްފުށި ފިހާރައިން ވިއްކަން ފަށައިފި އެވެ.
ކޮޗިން ކާގޯ ފެރީ އިން އެސްޓީއޯއަށް ގެނައި 500 ޓަނުގެ ސިމެންޓި ބާޒާރާ ނެރެފައިވަނީ މިއަދު އެވެ. އެސްޓީއޯ އިން ބުނީ ކުރިން 106 ރުފިޔާއަށް ވިއްކަމުންދިޔަ ރެމްކޯ ސިމެންތި މިއަދުން ފެށިގެން ވިއްކަމުންދަނީ 90 ރުފިޔާއަށް ކަމަށެވެ.
ކުރިއަށް އޮތް ތަނުގައި ސިމެންތީގެ އިތުރުން ތަފާތު އެކި ބާވަތް ތަކުގެ މުދާ ކޮޗިން ފެރީ މެދުވެރިކޮށް ގެނައުމަށް އެސްޓީއިން އަމާޒު ހިފާފައިވާއިރު މިއީ ކުޅުދުއްފުއްޓާ އެސްޓީއޯގެ ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ލލިބިގެންދާނެ މަންފާ އެއް ކަމަށް އެސްޓީއޯއިން ބުނެއެވެ.
އެސްޓީއޯއިން ބުނީ ކާގޯފެރީގެ ހިދުމަތުގެ ބޭނުން ރަނގަޅުގޮތުގައި ހިފާ ކުޅުދުއްފުއްޓާއި އެ ސަރަހައްދުގެ އެހެނިހެން ރަށްރަށަށް ހެޔޮ އަގުގައި މުދާ ފޯރުކޮށްދިނުމަކީ އެކުންފުނީގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.
އިންޑިއާގެ ކޮޗިން އިން މި މަހުގެ 21 ވަނަ ދުވަހު ފުރި، "އެމްސީޕީ ލިންޒް" ނަމަކަށް ކިޔާ އެ ބޯޓު އެހެނިހެން ތަކެތި ހިމެނޭ ގޮތަށް 20 ފޫޓުގެ ދެ ކޮޓައިނާގެ އިތުރުން 500 ޓަނުގެ ސިމެންތި ގެނެސްފައިއެވެ.
ރާއްޖެއާއި އިންޑިއާއާއި ދެމެދު ކާގޯ ފެރީގެ ހިދުމަތް ރަސްމީކޮށް ފަށާފައިވަނީ މިމަހުގެ 21 ވީ ހޯމަ ދުވަހުއެވެ. ކޮޗިން އިން މުދާ ހިފައިގެން ރާއްޖެ އައި މި ކާގޯ ފެރީން ކުޅުދުއްފުއްޓަށް މުދާ ބޭލުމަށްފަހު މާލެއަށް ބަނދަރު ކުރިއެވެ.
މި ޚިދުމަތް ފެށުމާއެކު ރާއްޖެ އާއި ކޮޗިންއާ ދެމެދު މަހަކު 2-3 ދަތުރު ކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ. މި ދަތުރުތައް ކުރާނީ ކޮޗިން އިން ކުޅުދުއްފުށީގެ ޕޯޓަށާއި މާލޭގެ ޕޯޓަށެވެ. އެއާއެކު ރާއްޖޭގެ ވިޔަފާރިތައް އިތުރަށް ފުޅާވެ، އަތޮޅު ތެރޭގައިވެސް ވިޔަފާރީގެ އިތުރު ފުރުސަތުތައް ފަހި ކުރުމަށް މިވަނީ މަގު ފަހިވެގެން ގޮސްފައެވެ