ފާއިތުވެދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ ވިންޑޯގައި ލަމީން ޔަމާލްއަށް 250 މިލިއަން ޑޮލަރު ހުށައެޅީ ޕީއެސްޖީއިން ކަމުގެ އިޝާރާތެއް ބާސެލޯނާގެ އޮފިޝަލެއް ކަމުގައިވާ އެންރިކް މެސިޕް ދީފިއެވެ.

ބާސެލޯނާގެ ރައީސް, ޖޯން ލަޕޯޓާ ވަނީ މި ދިޔަ އޮކްޓޯބަރު މަހު, ކްލަބަކުން 17 އަހަރުގެ ލަމީން ޔަމާލްއަށް 250 މިލިއަން ޑޮލަރު ހުށައެޅިކަން ހާމަކޮށްފައެވެ. ނަމަވެސް އެ އަދަދު ހުށައެޅި ކްލަބެއް ލަޕޯޓާ ހާމައެއް ނުކުރެއެވެ.

ބާސާގެ އޮފިޝަލް އެންރިކް, ޔަމާލްއަށް ހުށައެޅި ބޮޑު އަދަދާ ބެހޭ ގޮތުން ވާހަކަދައްކަމުން ބުނި ގޮތުގައި ޔަމާލް ގަންނަން 250 މިލިއަން ހުށައެޅީ ފްރާންސްގެ ކްލަބެއް ކަމަށް ބުނެފައެވެ.

އެންރިކް, ސީދާ ޕީއެސްޖީގެ ނަން ނުގަތް ކަމުގައިވިއަސް ފްރާންސްގައި އެހާ ބޮޑު ފައިސާގެ އަދަދެއް ހުށައެޅޭނެ ހަމައެކަނި ކްލަބަކީ ޕީއެސްޖީ ކަމަށް ވާތީ, ފުޓުބޯޅަ ސަޕޯޓަރުންނަށް ޔަމާލް ގަންނަން ޕީއެސްޖީއިން މަސައްކަތް ކުރިކަން ވަނީ ޔަގީން ވެގެން ގޮސްފައެވެ.

ޔަމާލްއަކީ މި ވަގުތު ފުޓުބޯޅަ ދުނިޔޭގައި އެންމެ ގަދައަށް ވިދަމުން އަންނަ އެއް ޒުވާން ތަރިއެވެ. އެންމެ 17 އަހަރުގައި އޭނާ ވަނީ ބަލަންޑޯ ގަދަ ދިހައެއްގައި ހިމެނީ, އެންމެ މޮޅު ޒުވާން ފުޓުބޯޅަ ކުޅުންތެރިޔާއަށް ދޭ ކޮޕާ ޓްރޮފޯ ވެސް ހާސިލުކޮށްފައެވެ.