މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޯލޮޖީ ހިންގެވުން އިކޮނޮމިކް މިނިސްޓަރާ ޙަވާލު ކުރައްވައިފިއެވެ.

އެ މިނިސްޓްރީ ހިންގެވުމުގެ ޒިންމާ ރައީސް އިބްރާހީމް މުޙައްމަދު ސާލިހު އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރ ފައްޔާޒް އިސްމާޢީލާ ވަގުތީ ގޮތުން ޙަވާލު ކުރެއްވީ ކޮމިޔުނިކޭޝަން މިނިސްޓަރަކަށް ކުރިން ހުންނެވި މުޙައްމަދު މަލީޙު ޖަމާލްގެ އިތުބާރުނެތް ކަމުގެ ވޯޓެއް ރައްޔިތުންގެ މަޖިލީހުގައި މިއަދު ނަންގަވައި އެމަޤާމުން އޭނާ ވަކި ކުރެއްވުމުންނެވެ.

މަލީހްގެ އިތުބާރު ނެތްކަމަށް ފާސްވެފައިވަނީ މަޖިލީހުގެ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 59 މެމްބަރުންގެ ވޯޓުންނެވެ. އަދި މަލީހުގެ އިތުބާރު އޮތްކަމަށް އެއް މެމްބަރަކު ވޯޓު ދެއްވާފައިވެއެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ ހަތަރު މެމްބަރުން ތިއްބެވި އެވެ.

ގާނޫނުއަސާސީގެ 101 ވަނަ މާއްދާގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުން ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތްކަމަށް ފާސްކޮށްފިނަމަ އެ މެންބަރަކު އޭނާގެ މަގާމުން ވަކިވީ ކަމަށެވެ.

އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އިސްނަންގަވައިގެން 14 މެމްބަރުންގެ ސޮއި އާއެކު މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ ހުސްވި ފެބުރުއަރީ 10 ވަނަ ދުވަހު އެވެ.