މެންޗެސްޓާ ސިޓީގެ ހާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައިކަމަށް އެ ކްލަބުގެ ކޯޗު ޕެޕް ގާޑިއޯލާ އެއްބަސްވެއްޖެއެވެ.
ރޭ ޗެމްޕިއަންސް ލީގުގައި ފެޔެނޯޑް, ފަހަތުން އަރާ 3-3 އިން ސިޓީ މަތަކުރި މެޗަށްފަހު ވާހަކަދައްކަމުން ގާޑިއޯލާ ވަނީ ސިޓީގެ ޓީމު މި ވަގުތު އޮތީ ވަރަށް ދަށް ފެންވަރެއްގައި ކަމަށް އެއްބަސްވާކަމަށް ހާމަކޮށްފައެވެ.
"އަހަރެމެން ކޮޅަށް މިހާ ގިނައިން ގޯލު ވަންނަ ސަބަބަކީ ޓީމުގަ ބެލޭންސް ނެތީމަ. ފަހަކަށް އައިސް އަހަރެމެން ބައިވަރު މެޗުތަކުން ބަލިވެއްޖެ. ޓީމުގެ ހާލު މިއޮތީ ވަރަށް ދަށްވެފަ" ރޭގެ މެޗަށް ފަހު ވާހަކަދައްކަމުން ގާޑިއޯލާ ބުންޏެވެ.
ރޭގައި ފެޔެނޯޑާ ދެކޮޅަށް ނިކުތް މެޗަށް ގާޑިއޯލާގެ ސިޓީ ނިކުތްއިރު އެ ޓީމު ވަނީ އެންމެ ފަހުން ކުޅުނު 5 މެޗުން ވެސް ބަލިވެފައެވެ. މޮޅުވުމުގެ އަޒުމުގައި ނިކުތް ސިޓީ ވަނީ 3-0 ގެ ވަރުގަދަ ލީޑެއް ނަގާފައެވެ. ނަމަވެސް މެޗުގެ ފަހު 15 މިނެޓު ތެރޭގައި ޖެހި ތިން ގޯލާއެކު ފެޔެނޯޑު ވަނީ 3-3 އިން މެޗު އެއްވަރުކޮށްފައެެވެ.
ރޭގެ ފަހު 15 މިނެޓު ތެރޭގައި ސިޓީގެ ފަރާތުން ފެނިގެންދިޔަ އާދަޔާހިލާފު ދަށް ކުޅުމުގެ ސަބަބުން އެ ޓީމުގެ އަމިއްލަ ސަޕޯޓަރުން ވެސް ވަނީ ދަނޑުމަތީގައި ކުޅުންތެރިންނާ ދެކޮޅަށް އަޑު އުފުލާފައެވެ. ރޭގެ މެޗުން އެއްވަރުވުމާއެކު ސިޓީއަށް މިހާރު ވަނީ އެންމެ ފަހުން ކުޅުނު 6 މެޗުން ވެސް މޮޅުވެވޭގޮތް ނުވެފައެވެ.
ނާޒުކު ފައްތަރެއްގައި އޮތް ސިޓީ ދެން ނިކުންނާނީ އިނގިރޭސި ޕްރިމިއާ ލީގުގައި, ނުރައްކާތެރި ފޯމެއްގައި އޮތް ލިވަޕޫލާ ދެކޮޅަށެވެ.