ޔޫރަޕް ސަރަހައްދުގައި ކޮވިޑް-19 ވެކްސިންގެ ޑިޖިޓަލް ގްރީން ފާހެއް ތައާރަފް ކުރުމަށްޓަކައި، އެކަމުގެ އުސޫލުތައް ހިމެނޭ ގާނޫނެއްގެ ދެލިކޮޕީ، މި މަހުގެ ތެރޭގައި ހުށަހަޅުއްވާނޭ ކަމަށް ޔޫރަޕިއަން ކޮމިޝަންގެ ރައީސާ އުރްސުލާ ވޮން ޑަ ލެޔެން ވިދާޅުވެއްޖެއެވެ.

ޔޫރަޕިއަން ކޮމިޝަންގެ ރައީސާ މިކަން ހާމަކުރެއްވީ، ހޯމަދުވަހު ކުރެއްވި ޓްވީޓެއްގައެވެ.

މިކަމުގެ ތަފްސީލް ދެއްވަމުން އުރްސުލާ ވިދާޅުވެފައިވަނީ، ޑިޖިޓަލް ގްރީން ފާހުގެ ބޭނުމަކީ، ޔޫރަޕް ސަރަހައްދުގައި ދަތުރުފަތުރު ކުރާ މީހުން ކޮވިޑް ވެކްސިން ޖަހާފައިވާކަން ކަށަވަރު ކުރުމުގެ އިތުރުން، ކޮވިޑް ޓެސްޓްގެ ނަތީޖާ އޮތްކަން ކަށަވަރުކުރުން ކަމަށެވެ.

މި ފާހުގެ ސަބަބުން، ޔޫރަޕް ސަރަހައްދުގެ އިތުރުންވެސް، ވަޒީފާ އަދާކުރުމަށާއި، ފަތުރުވެރިންގެ ގޮތުގައިވެސް ދުނިޔޭގެ އެހެން ހިސާބުތަކަށް ދަތުރުކުރާ މީހުންނަށް ރައްކާތެރިކަމާއެކު ދަތުރު ކުރެވޭނޭ ކަމަށް އުރްސުލާ ވިދާޅުވިއެވެ.

އުރްސުލާގެ ނާއިބް، ޔޫރަޕިއަން ކޮމިޝަންގެ ނައިބް ރައީސް މާގަރިޓިސް ޝިނާސް ނޫސް ކޮންފަރެންސެއްގައި ވިދާޅުވީ، ޑިޖިޓަލް ގްރީން ފާހާބެހޭ ގާނޫނުގެ ދެލިކޮޕީ، މި މާޗްމަހުގެ 17 ވަނަ ދުވަހު ޔޫރަޕިއަން ޕާލަމެންޓަށް ހުށަހަޅުއްވާނެ ކަމަށެވެ.

އަދި މި ދެލިކޮޕީ، އެޑޮޕްޓް ކުރުމަށްޓަކައި، މާޗްމަހުގެ 25 ވަނަ ދުވަހު އޮންނަ އީޔޫގެ މެމްބަރު ގައުމުތަކުގެ އެންމެ އިސްވެރިންގެ ސަމިޓަށް ހުށަހަޅުއްވާނެ ކަމަށްވެސް މާގަރިޓިސް ވިދާޅުވިއެވެ.

ގްރީން ފާހުގެ މަޝްވަރާތައް އީޔޫގެ މަސްއޫލުވެރިން ކުރިން ބޭއްވި ބައްދަލުވުމެއްގައިވެސް ކުރައްވާފައި ވާއިރު، މެމްބަރު ހުރިހާ ގައުމުތަކުގެ އެއްގޮތް މައުލޫމާތުތަކެއް ހިމެނޭ ވެކްސިން ސެންޓެފިކެޓެއް ތައާރަފް ކުރުމުގެ ވާހަކަތައްވެސް ދެކެވެމުން ދެއެވެ.

އެހެންނަމަވެސް، ގްރީން ފަހުގެ މައްސަލާގައި ވަރުގަދަ ބަހުސްތަކެއް ހިނގަމުން އެބަދެއެވެ. އީޔޫގެ މަސްއޫލުވެރިންނަށް އެއްބަސްވުމަށް އާދެވިފައި ނުވަނީ، ގްރީން ފާސް ބޭނުންކުރާނެ ގޮތަކާމެދުގައެވެ.

ފަތުރުވެރިކަމަށް ބަރޯސާވާ ގްރީސްފަދަ އީޔޫގެ މެމްބަރު ގައުމުތަކާއި، އެއަރލައިން ލޮބީ ގްރޫޕްތަކުން ބޭނުންވަނީ، ގްރީން ފާސް "ވެކްސިން ޕާސްޕޯޓް" އެއްގެ ގޮތުގައި ބޭނުން ކުރުމަށެވެ. އެއީ، ވެކްސިން ޖަހާފައިވާ މީހުން ގައުމުތަކަށް ދަތުރުފަތުރު ކުރާއިރު، އިތުރަށް ޓެސްޓް ހަދަން ނުޖެހި އަދި ކަރަންޓީނުވުމުން ސަލާމަތްވުމުގެ ގޮތުން ކަމަށެވެ.

ޑިޖިޓަލް ގްރީން ފާހެއް ތައާރަފްކުރުމަށް ތައްޔާރުވަމުން ދާއިރު، ކޮވިޑް ވެކްސިން ދިނުމުގެ މަސައްކަތްވެސް ޔޫރަޕް ސަރަހައްދުގައި އިތުރަށް ވަރުގަދަކޮށް ފުޅާކުރުމަށްވެސް ގެންދަނީ ތައްޔާރު ވަމުންނެވެ.