ފްރީޒަރުގައި މައްސަލަޖެހި ފިނިކަން ކެނޑި، ޖަޕާނުގައި 1،000 އަށްވުރެ ގިނަ ޑޯޒްގެ ކޮވިޑް-19 ވެކްސިން ބޭކާރުވެ، އުކާލަން ޖެހިއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ ޖަޕާނު ސަރުކާރުގެ ހެލްތު މިނިސްޓްރީންނެވެ.

ހެލްތު މިނިސްޓްރީން ބުނެފައިވަނީ، 1،032 ޑޯޒްގެ ވެކްސިން އުކާލަންޖެހުނީ، އެ ރައްކާކޮށްފައި ހުރި ފްރީޒަރުގައި މައްސަލަޖެހި، ޓެމްޕަރޭޗަރ ހުންނަންޖެހޭ ވަރަށްވުރެ ދަށްވުމާ ގުޅިގެން ކަމަށެވެ.

މިއީ، މިފަދަ މައްސަލައެއް ކުރިމަތިވެ، ޖަޕާނުގައި ކޮވިޑް ވެކްސިންތަކެއް އުކާލަންޖެހުނު ފުރަތަމަ ފަހަރެވެ.

ޖަޕާނު ވެފައިވަނީ، ދުނިޔޭގެ ސިނާއީގޮތުން އެންމެ ކުރިއަރާފައިވާ ގްރޫޕްގައި ހިމެނޭ 7 ގައުމުގެ ތެރެއިން، ރައްޔިތުންނަށް އެންމެފަހުން ވެކްސިން ދޭންފެށި ގައުމަށެވެ.

ޖަޕާނުގައި ވެކްސިން ދޭން ފަށާފައިވަނީ މިދިޔަ ފެބްރުއަރީމަހުގެ 17 ވަނަ ދުވަހުއެވެ.

ފައިޒަރ-ބަޔޯއެންޓެކްގެ ކޮވިޑް ވެކްސިންގެ 3 ޝިޕްމަންޓް މިހާތަނަށް ޖަޕާނަށް އެތެރެކޮށްފައި ވެއެވެ. މިތިން ޝިޕްމަންޓްގައި ހިމެނެނީ 1.4 މިލިއަން ޑޯޒްގެ ވެކްސިނެވެ.

ފައިޒަރ-ބަޔޯއެންޓެކްގެ ކޮވިޑް ވެކްސިން ރައްކާކުރަން ޖެހެނީ ގާތްގަނޑަކަށް 75- ޑިގްރީ ސެލްސިއެސްގައެވެ.

މީގެ ތެރެއިން މައްސަލަ ޖެހުނީ، މެޑިކަލް ފެސިލިޓީއެއްގައި ވެކްސިން ރައްކާކޮށްފައި ހުރި ފްރީޒަރެއްގެއެވެ.

ފްރީޒަރުގެ މައްސަލަޖެހި ބޭކާރުވެ، އުކާލަންޖެހުނީ ކޮން ފެސިލިޓީއެއްގައި ހުރި ވެކްސިންތަކެއް ކަމެއް ޖަޕާނު ހެލްތު މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ. އަދި މައްސަލަ ޖެހުނީ ކޮން ކުންފުންޏަކުން އުފެއްދި ފްރީޒަރެއްގައި ކަމެއްވެސް ނުބުނެއެވެ.

ހަމަ އެކަނި ބުނެފައިވަނީ، ފްރީޒަރަށް ދިމާވި މައްސަލަ، އެ އުފެއްދި ކުންފުނިން ބަލާނޭ ކަމަށެވެ.