ފެނަކަ ކޯޕަރޭޝަން ލިމިޓަޑަކީ މީގެ އަހަރުތަކެއް ކުރިން އުފެދިފައިވާ އުމުރުން ހަނގު ކުންފުންޏެކެވެ.

އުމުރުން ހަނގަސް އެކުންފުނީގެ ޒިންމާއެއް ކުޑައެއް ނޫނެވެ. އެ ކުންފުނީން އަންނަނީ 153 ރަށަށް، އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ. އެ ޚިދުމަތްތައް ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ މެކޭނިކަލް މަސައްކަތްކުރާ ފަންނީ ގާބިލު މީހުން ހޯދުމަކީ ކުންފުންޏަށް ދިމާވެފައިވާ ދަތި ކަމެކެވެ.

އަދި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ރަށްރަށުގައި ކޮންމެހެން ކުރަން ޖެހޭ މެކޭނިކަލް މަސައްކަތްތައް ކުރަން ޖެހިފައި އޮންނަނީ އެކަމުގެ ފަންނީ އިލްމާއި ތަޖުރިބާ ހުރި މުވައްޒަފުންގެ މަސައްކަތު ތާވަލަށް ބިނާކޮށްގެންނެވެ. އެ ކަމުގެ ސަބަބުން ދިމާވާ މައްސަލަތައް ހައްލުކުރުމަށް ލަސްތަކާއި ކުރިމަތިވެ، ރައްޔިތުންނަށް ފޯރުކޮށްދެންޖެހޭ އަސާސީ ހިދުމަތްތައް ހަލުވިކަމާއެކު ފޯރުކޮށްދިނުމަށް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަމަށް ފެނަކައިން ވިދާޅުވެފައިވެއެވެ.

މިކަމަށް އެދެވޭ ހައްލެއް ހޯދުމުގެ ގޮތުން، ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައީދު މުހައްމަދުގެ ދުރު ވިސްނުންފުޅާއި އިސްނެންގެވުމާއިއެކު، ފެނަކަ އިންސްޓިޓިއުޓް ފޯރ ޓްރެއިނިންގ އެންޑް ރިސާރޗް އުފައްދަވައި "ފުނަރު ޕްރޮގްރާމް" ތަޢާރަފް ކުރެއްވިއެވެ. އަދި އެ ޕްރޮގްރާމުގެ ދަށުން "އިންޖީން ރިޕެއަރ އެންޑް މެއިންޓެނަންސް" ޕްރޮގުރާމެއް ވެސް ވަނީ ފަށައިފައެވެ. އެއީ ދާއިރާއަށް ބޭނުންވާ މީހުން ބިނާކޮށް، ފަންނީ ޤާބިލު މީހުން ޙޯދުމުގައި ދިމާވާ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމެއް ކަމަށް ފެނަކައިން ވިދާޅުވެފައިވެއެވެ.

ފުނަރު ޕްރޮގުރާމުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ ކަރަންޓު ހިދުމަތް ދިނުމުގެ ދާއިރާ އިތުރަށް ތަރައްގީކޮށް މިދާއިރާގައި ފަންނީ ޤާބިލުކަން ހުރި މަސައްކަތަށް ކަމޭހިތާ އިޚްލާޞްތެރި މީހުން ބިނާކުރުމެވެ.

މި ޕްރޮގްރާމުގެ ދަށުން

- މެކޭނިކަލް ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދެ ޖިންސުގެ ޒުވާނުންނަށް ފުރުސަތު ހުޅުވާލުން

- މެކޭނިކަލް ދާއިރާއިން ޤާބިލުކަންހުރި މީހުންގެ އަދަދު އިތުރުކުރުން

- ޒުވާނުންނަށް މިދާއިރާގެ ވަޒީފާގެ ފުރުސަތުތަކަށް ކުރިމަތިލުމަށް މަގުފަހިކޮށްދިނުން

- ދިވެހިރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްގީކުރުމަށް މަސައްކަތްކުރުން

- ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ މުއައްސަސާތަކަށް ދިމާވާ މެކޭނިކަލް މައްސަލަތައް އިތުބާރާއި ޔަގީންކަމާއިއެކު ހައްލުކުރުމަށް އެހީތެރިވެދިނުން.

މިއީ މި ޕްރޮގްރާމުން ޙާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިތަކެވެ. ފުނަރު ޕްރޮގުރާމަކީ އޭގެ ސަބަބުން އެތައް ބަޔަކަށް އެއިން މަންފާ ލިބިގެންދާނެ ޚާއްސަ ޕްރޮގްރާމެކެވެ. ޚާއްސަކޮށް ޒުވާނުން ބާރުވެރިކޮށް، މިދާއިރާއިން ކުރިއަށް ދިޔުމަށް ހިތްވަރުދީ، މެކޭނިކަލް ދާއިރާއިން ޓެކްނީޝަނުން އުފައްދައި، އަދި މިދާއިރާގައި މަސައްކަތްކުރާ ޒުވާނުންނަކީ ހުނަރުވެރި ބަޔަކަށް ހެދުމަކީ ފެނަައިގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

"ފުނަރު ޕްރޮގުރާމް އިން އިންޖީން ރިޕެއަރ އެންޑް މެއިންޓެނަންސް" އަކީ ތިއަރެޓިކަލް ބަޔާއި ޕްރެކްޓިކަލް ބައި ހިމެނިގެން 03 މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދެވޭނެ ޕްރޮގުރާމެކެވެ. މި ކޯސް ރާއްޖޭގެ އެކިއެކި ސަރަހައްދުތަކުގައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

16 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށްވެސް ކުރިމަތިލެވޭގޮތަށް އާއްމުކޮށް ހުޅުވައިލައިގެން ކުރިއަށް ގެންދެވޭ މި ޕްރޮގުރާމުގައި އަންހެން ފިރިހެން ދެ ޖިންސުގެ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ. ފުނަރު ޕްރޮގްރާމުގެ ދަށުން "އިންޖީން ރިޕެއަރ އެންޑް މެއިންޓެނަންސް" ކޯހެއް އިއްޔެ ވަނީ ފަށައިފައެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ މިފަދަ ޕްރޮގުރާމްތަކުގެ އަލީގައި މުޖުތަމައުއަށް ފައިދާހުރި ހުނަރުވެވި ޤާބިލް ފަރާތްތަކެއް ތަމްރީނުވެގެން ދިއުމެވެ." ފެނަކައިން ވިދާޅުވެފައިވެއެވެ.