ފުރަތަމަ ޑިވިޒަނުގައި އޮތް މާލޭގެ ދެ ކްލަބަކުން، އެ ދެ ކްލަބުގައި ތިބި އޭދަފުށީ ކުޅުންތެރިން ގޯލްޑް ކަޕުގައި އަމިއްލަ ރަށަށް ކުޅެން ރިލީޒް ނުދިނުމުންވެސް މިރޭ މާލޭގެ މައްޗަށް 2-0 އިން ކުރި ހޯދައި އޭދަފުށިން ފެންވަރު ސާބިތު ކޮށްދީފިއެވެ.

ގަލޮޅު ދަނޑުގައި މާލޭގެ މައްޗަށް އޭދަފުށިން ކުރި ހޯދީ ބަލާހިތްވާފަދަ ރީތި ކުޅުމެއް ކުޅެގެންނެވެ. އޭދަފުށިން ލީޑް ނެގީ ފުރަތަމަ ހާފުގައި ލިބުނު ހިލޭ ޖެހުމަކުން ޑިފެންޑަރު އަހްމަދު އައިހަމްއެވެ. ދެވަނަ ލަނޑު ދެވަނަ ހާފުގައި ބޮޑު އޭރިޔާގެ ރޮނގުމަތިން ކަހަލަ ގޮތަކަށް ފޮނުވާލި ހަމަލާއަކުން ކާމިޔާބު ކޮށްދިނީ ތަޖުރިބާކާރު ފޯވާޑް މުހައްމަދު ފާސިރު (ފާއްޓޭ) އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަކީވެސް އޭނާއެވެ.

މިމެޗުގެ ދެވަނަ ހާފުގައި މާލެއިން ވަރަށް ގިނަަ ފައުލްތައްކޮށް އޭދަފުށި ހުއްޓުވަން މަސައްކަތް ކުރިއެވެ. ހާއްސަކޮށް މާލޭގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) އޭދަފުށީގެ އިޝާން އިބްރާހިމް (ސައްޓު) އަށް ގަސްދުގައި ކުރި ފައުލްތައް ފާހަގަ ކޮށްލެވެއެވެ.

މާލެއިން ކުރަމުންދިޔަ ފައުލްތަކަށް ރެފްރީ ކާޑް ނުދެއްކުމާއި ބައެއް ފައުލްތައް ލައިންސްމަނުން ދޫކޮށްލުމުުން އޭދަފުށީ ކުޅުންތެރިންނާއި ސަޕޯޓަރުން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅު ކުރިއެވެ.

މިމޮޅާއެކު ގްރޫޕް ސްޓޭޖުގެ ފުރަތަމަ ބުރު އޭދަފުށިން ނިންމާލީ ކުޅުނު 3 މެޗުންވެސް މޮޅުވެ އެއްވަނަ ޓީމުގެ ގޮތުގައެވެ. މާލެ ދިޔައީ ދެވަނައަށެވެ.