ދައުލަތުގެ ދަރަންޏާ ބެހޭ ބިލާއި ފިސްކަލް ޒިންމާގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ތަސްދީގު ކުރައްވައިފިއެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މި ދެ ބިލަަށް އެ ބިލަށް އަމަލުކުރަން ފަށާނީ ހަމަސް ފަހުން ނެވެ.

އެގޮތުން ދަރަންޏާ ބެހޭ ބިލަކީ ދައުލަތުގެ އެކިއެކި ބޭނުންތަކަށް ފައިސާ ހޯދުމަށްޓަކައި، ދަރަނީގެ ހިރާސްތަކަށް ރިއާޔަތްކުރެވިގެން އަދި އެންމެ ހަރަދުކުޑަވާނެ ގޮތަކަށް، ރާއްޖޭގެ އެތެރެއިންނާއި ރާއްޖެއިން ބޭރުން، ދައުލަތުގެ ނަމުގައި ދަރަނި ނެގުމުގައި ސަރުކާރު ބާރުވެރިކުރުވުމުގެ މަގުސަދުގައި އެކުލަވާލި ބިލެއް ކަމަށް ސަރުކާރުން ބުނެފައިވެއެވެ. އަދި ބިލަށް އަމަލުކުރަން ފެށުމާއެކު ދައުލަތުގެ ދަރަނި ބަލަހައްޓައި މެނޭޖުކުރުމަށްޓަކައި"ޑެޓް މެނޭޖްމަންޓް ޑިޕާޓްމަންޓް" ގެ ނަމުގައި ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާނެ އިދާރާއެއް އުފައްދައި، މިނިސްޓްރީގެ ދަށުން މިހާރު ހިނގަމުން އަންނަ "ޑެޓް މެނޭޖްމަންޓް ޑިޕާޓްމަންޓް" ގެ އެންމެހައި ޒިންމާތަކާއި ވަސީލަތްތަކާއި، އިލްތިޒާމްތައް އެ އިދާރާއަށް ބަދަލުކުރާގޮތަށް ވަނީ ކަނޑައަޅައިފަ އެވެ.

އަދި ފިސްކަލް ޒިންމާގެ ބިލަކީ މިހާރު އަމަލުކުރަމުން އަންނަ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބަދަލުގައި، އެކަށީގެންވާ ގޮތެއްގައި ތަންފީޒުކުރެވޭނެ ފިސްކަލް ހަމަތަކާގުޅޭ އައު ނިޒާމެއް ތައާރަފުކޮށް، ދައުލަތުގެ ފިސްކަލް އެންމެހައި ކަންކަން ހިންގަނީ ފިސްކަލް ޑިސިޕްލިން ހާސިލުކުރެވޭނެ ފަދައިން، ދެމެހެއްޓެނިވި، ދެފުށް ފެންނަ، އަދި ޒިންމާދާރު ގޮތެއްގައިކަން ކަށަވަރުކުރުމުގެ ގޮތުން، ދައުލަތުގެ ފިސްކަލް ކަންކަމާ ގުޅޭ ހަމަތަކާއި، އަމާޒުތަކާއި، އުސޫލުތައް ބަޔާންކުރުމުގެ ގޮތުން ހުށަހެޅި ބިލެކެވެ.

މި ބިލުގައި، ދައުލަތުގެ ކޭޝް ފްލޯ މެނޭޖުކުރުމަށް ޓަކައި، ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި ސަރުކާރަށް ލިބުނު ޖުމުލަ އާމްދަނީގެ މައްޗަށް ބިނާކޮށް، އަހަރަކަށް ޖެހޭ އެވްރެޖް އާމްދަނީގެ 2.5 އިންސައްތައަށްވުރެ އިތުރުނުވާނެ ގޮތެއްގެ މަތީން، ދައުލަތުގެ މަރުކަޒީ ބޭންކުން އެޑްވާންސަށް، ސަރުކާރަށް ދަރަންޏަށް ފައިސާ ނެގިދާނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.