ޔޫކޭގެ އެސްޓްރަޒެނެކާއާއި، ޗައިނާގެ ސިނޮވެކް ކުންފުނީގެ ވެކްސިން، ޝަރުތެއްގެމަތިން މެލޭޝިޔާގައި ބޭނުންކުރުމުގެ ހުއްދަ މެލޭޝިޔާގެ ކަމާބެހޭ އިދާރާއިން އަންގާރަ ދުވަހު ދީފިއެވެ.
މި ދެ ވެކްސިނަށް މެލޭޝިޔާއިން ހުއްދަ މިދިނީ، މެލޭޝިޔާގެ ރައްޔިތުންނަށް ކޮވިޑް ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށިތާ މާ ގިނަދުވަހެއް ނުވަނީހެވެ.
މެލޭޝިޔާއިން ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށާފައިވަނީ ނިމިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ވެކްސިން ދޭންފެށީ ފައިޒަރ-ބަޔޯއެންޓެކްގެ ވެކްސިން ބޭނުންކޮށްގެންނެވެ.
އެސްޓްރަޒެނެކާއާއި، ސިނޮވެކްގެ ވެކްސިން، މެލޭޝިޔާގައި ބޭނުންކުރަން ފެށުމުގެ ހުއްދަދިނުމަށް ކުރިމަތިކުރި ޝަރުތަކީ، އެ ވެކްސިންތަކުގެ ރައްކާތެރިކަމާއި އަދި ބަލިން ދިފާއުކޮށްދޭ މިންވަރު އެނގޭނޭ އިތުރު މައުލޫމާތު ހުށަހެޅުން ކަމަށް، މެލޭޝިޔާ ސަރުކާރުގެ ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ނޫރް ހިޝާމް އަބްދުﷲ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވެއެވެ.
މެލޭޝިޔާގެ ކަމާބެހޭ އިދާރާއިން ގެންދަނީ، ރަޝިޔާގެ ގަމާލިއާ އިންސްޓިޓިއުޓުން ތަރައްގީކޮށް އުފައްދާފައިވާ ކޮވިޑް ވެކްސިންވެސް އިވެލުއޭޓް ކުރަމުންނެވެ.
އަދި މެލޭޝިޔާގައި ހުންނަ، ސިނޮވެކް ކުންފުނީގެ ވެކްސިން ފުޅީގައި ބަންދުކުރާ ފެސިލިޓީވެސް މެލޭޝިޔާއިން ގެންދަނީ އިވެލުއޭޓް ކުރަމުންނެވެ.
މެލޭޝިޔާގެ ބޭސް އުފައްދާ ކުންފުނި، ފާރމަނިއަގާއެކު ޗައިނާގެ ސިނޮވެކް ކުންފުނިންވަނީ އެއްބަސްވުމެއް ހަދާފައެވެ.
އެއްބަސްވުމުގެ ދަށުން، މެލޭޝިޔާއަށް ބޭނުންވާ ސިނޮވެކްގެ ވެކްސިން ފުޅީގައި ބަންދުކުރުމުގެ މަސައްކަތް ހަވާލުވެފައިވަނީ ފާރމަނިއަގާއާ އެވެ. އަދި ފަހުގެ މަރްހަލާގައި މެލޭޝިޔާގައި ވެކްސިން އުފެއްދުމުގެ ފުރުސަތުވެސް އެ ކުންފުންޏަށް ދީފައި ވެއެވެ.
މެލޭޝިޔާއިން އަމާޒު ހިފާފައިވަނީ، އެގައުމުގެ އާބާދީގައި ހިމެނޭ 32 މިލިއަން މީހުންގެ ތެރެއިން %80 މީހުންނަށް އަންނަ އަހަރުގެ ފެބްރުއަރީ މަސް އައުމުގެ ކުރިން ވެކްސިންދީ ނިންމުމަށެވެ.
މެލޭޝިޔާ ސަރުކާރުން މިދިޔަމަހު ބުނެފައިވަނީ، 66.7 މިލިއަން ޑޯޒްގެ ވެކްސިން ލިބޭނޭކަމުގެ ކަށަވަރުކަން ސަރުކާރުން ހޯދާފައިވާ ކަމަށެވެ. އެއީ، ގާތްގަނޑަކަށް މެލޭޝިޔާގެ މުޅި އާބާދީއަށް ވެކްސިން ޖެހޭނެ މިންވަރެކެވެ.