އިންޑިއާގެ ކޮވިޑް-19 ވެކްސިން އުފައްދާ ދެ ކުންފުންޏެއްގެ އައިޓީ ސިސްޓަމްތައް ހެކްކުރަން، ޗައިނާ ސަރުކާރުގެ މަދަދާއެކު ހަރަކާތްތެރިވާ ހެކަރުންގެ ގްރޫޕަކުން މަސައްކަތް ކުރަމުންދާ ކަމަށް ކުރި ތުހުމަތު ޗައިނާ ސަރުކާރުން ދޮގުކޮށްފިއެވެ.

މިފަދަ ކަމެއް ހިނގަމުންދާ ކަމަށް ބުނީ، ސައިބަރ ޖާސޫސާބެހޭ އިދާރާއެއް ކަމަށްވާ "ސައިފާރމާ" އިންނެވެ.

ސައިފާރމާއިން ބުނެފައިވަނީ، އޭޕީޓީ10 ނުވަތަ "ސްޓޯން ޕެންޑާ" ނަމަކަށްކިޔާ ގްރޫޕަކުން ބާރަތު ބަޔޯޓެކާއި، ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގެ އައިޓީ އިންފްރާސްޓްރަކްޗަރގައި ހުރި ނާޒުކު ކަންތަކާއި، އަދި ސަޕްލައި ޗެއިން ސޮފްޓެވެއަރގެ ކަންކަން ބަލައި، ދެނެގެންފައިވާ ކަމަށެވެ.

މިކަމުގެ އަޑީގައި އޮތީ ޗައިނާ ސަރުކާރުގެ ހެކަރުންގެ ގްރޫޕެއް ކަމަށް ކުރެވުނު ތުހުމަތު، ޗައިނާގެ ފޮރިން މިނިސްޓްރީންވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.

ބުނެފައިވަނީ، އެއްވެސް ހެއްކެއްނެތި ސައިފާރމާއިން ކޮށްފައިވާ ތުހުމަތުތަކަކީ ހަގީގަތެއް އެކުލެވިގެންނުވާ ދޮގު ވާހަކަތަކެއް ކަމަށެވެ.

މިއީ ވަރަށް ޒިންމާދާރުކަންކުޑަ ތުހުމަތުތަކެއް ކަމަށްބުނެ ޗައިނާ ފޮރިން މިނިސްޓްރީން ބުނެފައިވަނީ، މި ތުހުމަތުތަކާ ޗައިނާ ކަނޑައެޅިގެން ދެކޮޅުހަދާ ކަމަށެވެ.

ޗައިނާ ސަރުކާރުގެ ވާހަކަތަކާ ގުޅިގެން ސައިފާރމާއިން ބުނެފައިވަނީ، އެ ކުންފުނީގެ ހޯދުންތަކާއި ދިރާސާތައް ރަނގަޅު ކަމަށާއި، އެމީހުންގެ ވާހަކަތައް ބަދަލު ނުކުރާނޭ ކަމަށެވެ.

ކޮވިޑް ވެކްސިން އުފެއްދުމާއި، ގައުމުތަކަށް ވެކްސިން ހިލޭ ދިނުމާއި، ވިއްކުމުގައި ޗައިނާއާއި އިންޑިއާއާ ދެމެދު ވަރަށް ބޮޑު ވާދަވެރިކަމެއް އުފެދިފައި ވެއެވެ.

ޗައިނާއިން 5 ކޮވިޑް ވެކްސިނެއް ތަރައްގީކޮށް އުފައްދާފައި ވާއިރު، އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން ގެންދަނީ، ޔޫކޭގެ އެސްޓްރަޒެނެކާގެ ކޮވިޑް ވެކްސިން އުފައްދައި، އެތައް ގައުމަކަށް ބޭރުކުރަމުންނެވެ.

އެމެރިކާގެ ނޯވާވެކްސް ވެކްސިން އުފެއްދުމުގެ މަސައްކަތް ފެށުމަށްވެސް ސިރަމްއިން ތައްޔާރުވަމުން ދާއިރު، އިންޑިއާގެ ބާރަތު ބަޔޯޓެކުން ތަރައްގީކޮށް އުފައްދާފައިވާ ކޮވެކްސިން އެހެން ގައުމުތަކަށް އެކްސްޕޯޓްކުރަން އެ ކުންފުނިންވެސް ދަނީ ތައްޔާރުވަމުންނެވެ.

ބާރަތު ބަޔޯޓެކްގެ ވެކްސިން ފުރަތަމަ އެކްސްޕޯޓްކުރާ ގައުމުތަކުގެ ތެރޭގައި ބްރެޒިލްއާއި، ފިލިޕީންސް ހިމެނެއެވެ.

ނުވިތާކަށް ޗައިނާގެ ވެކްސިންތައްވެސް ދުނިޔޭގެ އެތައް ގައުމަކަށް ގެންދަނީ އެކްސްޕޯޓް ކުރަމުންނެވެ.

ޚާއްސަކޮށް ދުނިޔޭގެ ފަގީރު އަދި މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކަށް ހިލޭ، އެކި މިންވަރަށް ވެކްސިން ފޯރުކޮށްދިނުމުގައި ޗައިނާއާއި އިންޑިއާއާ ދެމެދު ވާދަވެރި ރޭހެއް ފެށިފައި ވެއެވެ.