ދިވެހިރާއްޖޭގައި ދިމާވެފައިވާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން އައްޑޫ ސިޓީގެ މަރަދޫ އަވަށުގައި މަސައްކަތް ފެށުމަށް ވަނީ ތައްޔާރުވެފައެވެ.
އައްޑޫ ސިޓީ ކައުންސިލުން މިއަދު ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މި އޮޕަރޭޝަންގެ ދަށުން މަރަދޫގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު އަދާހަމަކުރުމުގެ މަސައްކަތް ފެށޭނީ މާދަމާއިން ފެށިގެންނެވެ. މި އޮޕަރޭޝަންގެ ދަށުން، 5 ޑިސެމްބަރު 2024 އިން 24 ޑިސެންބަރު 2024 ގެ ނިޔަލަށް، މަރަދޫގައި ދިރިއުޅޭ ހުރިހާ ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މި މުއްދަތުގެ ތެރޭގައި ބަޔޯމެޓްރިކްސް ނުނަގާ ފަރާތްތަކާމެދު 31 ޑިސެމްބަރ 2024 ގެ ފަހުން ސަރުކާރުން ނިންމަވާ ގޮތެއްގެ ދަށުން ފިޔަވަޅު އެޅިގެންދާނެ ކަމަށް ކައުންސިލުން ވަނީ އަންގާފައެވެ.
ބަޔޯމެޓްރިކް ޑޭޓާ ނެގުމަށްޓަކައި ބިދޭސީ މަސައްކަތްތެރިޔާގެ ޕާސްޕޯޓް، ވޯކްވިސާ އަދި ޒިންމާދާރުވާ ފަރާތުގެ އައިޑީކާޑު ކޮޕީ ގެންނަންޖެހޭނެ ކަމަށް ކައުންސިލުން ވަނީ އަންގާފައެވެ. މި އޮޕަރޭޝަނަކީ ބިދޭސީ މަސައްކަތްތެރިންގެ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށް ކައުންސިލުން ފާހަގަކޮށްފައިވެއެވެ.
މި އޮޕަރޭޝަނުގެ ސަބަބުން މަރަދޫގައި ދިރިއުޅޭ އަދި މަސައްކަތްކުރާ ބިދޭސީންގެ ސައްޙަ މަޢުލޫމާތު ލިބި، އެ ފަރާތް، އެ ފަރާތްތަކުގެ ޙާލަތު ދެނެގަނެވި، ޤާނޫނާ ޚިލާފަށް ރާއްޖޭގައި ތިބޭ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ. މި އޮޕަރޭޝަނުގައި ބައިވެރިވުމަށް ހުރިހާ ބިދޭސީ މަސައްކަތްތެރިންނަށާއި އެ ފަރާތްތައް ގެންގުޅޭ ވެރިފަރާތްތަކަށް ކައުންސިލުން ވަނީ ގޮވާލާފައެވެ.