އޭނާ އެ ދެ ބެއިން ގައިން ވަކި ކުރުމަށްފަހު މަޑުމަޑުން ހިނގާފައި ގޮސް އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ. އޭރު ޒާރާ ހެދުންތައް ފޮށްޓަކަށް އަޅަނީއެވެ. އޭނާވެސް އަނގައިން ނުބުނެ އޭނާގެ ހެދުންތައް ނަގާފައި ޒާރާގެ އަތަށް ދޭން ފަށައިފިއެވެ. އެއަށްފަހު ހަމަ ހިމޭން ކަމާއެކު ގެއިން ނުކުމެގެން ހިނގައްޖެއެވެ.
ޝެހެރޫޒް ޒާރާ ގޮވައިގެން ގޮސް ޒާރާގެ މަންމަގެއަށް ލާފައި ކޮންމެވެސް ތަނަކަށް ހިނގައްޖެއެވެ. ދިޔަ ތަނެއް ނުބުނެއެވެ. އެހެންވީމާ މަންމަގެ ސުވާލުތަކަށް ޖަވާބު ދޭން ޖެހުނީ އޭނާއަށެވެ.
“މަންމާ. އަހަރެން މިއުޅެނީ ކުޑަކޮށް ބަލިވެ. އެހެންވީމާ މި ގޭގައި ކުޑަދުވަސްކޮޅަކު މަޑުކޮށްލާނީ.” އޭނާ މިހެން ބުނެގެން މަންމަގެ ހިތް ހަމަޖައްސައިލަދިނީއެވެ.
ޝެހެރޫޒް އައީ ހަވީރުއެވެ. އޭރު ހުރީ ވަރުބަލިވެފައެވެ. އޭނާ އައީމާ ދެ މީހުން ގޮސް ވަކި ކޮޓަރިއަކަށް ވަދެއްޖެއެވެ.
“މަންމަ ގާތު ބުނީ ކީކޭ؟” އޭނާ އަހައިލިއެވެ.
“އަހަރެން ބުނީ މިއުޅެނީ ބަލިވެއޭ… އެހެންވީމާ މި ގޭގައި ދުވަސްކޮޅަކު އުޅެން ބޭނުމޭ.”
“އާނ… ޒާރާ މި ގޭގައި އުޅޭ. އަހަރެން ވަރަށް އަވަހަށް ގެއެއްގެ ކަންތައް އެބަ ހަމަޖައްސަން. ހަމަޖެހުނީމާ އަމިއްލަ ގެއަކަށް ދާނީ.”
“ޝެހެރޫޒް އުޅެނީ ކޮންތަނެއްގައި؟”
“އަހަރެންގެ ފިކުރު ނުކުރޭ. އަހަރެން އުޅެނީ ހޮޓަލެއްގައި.” އޭނާ ކުޑަކޮށް އަޅައިގަންނަމުން ބުނެލިއެވެ.
ޒާރާ ވިސްނައިލާފައި ބުންޏެވެ. “އެއްވެސް މީހެއް ގާތު އަދި އެއްވެސް ވާހަކައެއް ނުބުނާތި. އަހަރެން ކޮންމެ ދުވަހަކު ހަވީރު އަންނާން.”
އޭނާ އެއް ހަފުތާ ވާންދެން މަންމަގެ ގޭގައި އުޅުނެވެ. ހަފުތާއެއްހައި ދުވަސް ވީތަނާ ޝެހެރޫޒް އައިސް އަމިއްލަ ގެއެއް ހޯދި ވާހަކަ ބުނެފިއެވެ. އޭނާ ގެއަށް ދަމުން މި ދަނީ އަމިއްލަ ގެއަކަށޭ މަންމަ ގާތު ބުންޏެވެ. އޭގެ ފަހުން ކުރި އެއްވެސް ސުވާލަކަށް އޭނާ ޖަވާބެއްނުދެއެވެ. މަންމަ ހުރީ ޙައިރާންވެފައެވެ.
ޝެހެރޫޒާއި އޭނާ ދިޔަ ޓެކްސީ ގޮސް މަޑުކޮށްލީ ވަރަށް ސާފުތާހިރު ހިސާބެއްގައި ހުރި ރީތި ގެއެއްގެ ދޮރުމައްޗަށެވެ.
ގެއަކީ ބޮޑު ގެއެއް ނޫނެވެ. އެހެން ނަމަވެސް ހަދާފައި ހުރިގޮތުން ފެންނަނީ ވަރަށް ބޮޑު ގެއެއްގެ ގޮތުގައެވެ. ނިދާ ކޮޓަރީގެ ދެ ކޮޓަރިއާއި ބޮޑު ކޮޓަރިއަކާއި ބަދިގެއާއި ކާގެ ވަކީން ހުއްޓެވެ. ގެ ހުރީ އޭނާއަށް ކަމުދާ ގޮތަށެވެ. އެކަމަކު މިވަގުތު ފަރުނީޗަރު ހުރީ އެންމެ ކޮޓަރިއެއްގައެވެ. އެހެން ހުރިހައި ތަނެއް ހުރީ ހުހަށެވެ.
“ޒާރާއަށް ކަމުދާ ކަހަލަ ފަރުނީޗަރު ގަނެގެން ގެ ޒީނަތްތެރި ކުރުމުގެ މަސައްކަތް އަމިއްލައަށް ކޮށްލާ.” ޝެހެރޫޒް ބުނެލިއެވެ. އޭގެ ފަހުން ވޭތުވެގެން ދިޔަ އެތައް ދުވަހެއް އޭނާ ހޭދަކުރީ ގެ ޒީނަތްތެރި ކުރުމުގައެވެ. ބޭނުންވާ ގޮތަށް ގެ ޒީނަތްތެރިކޮށް ނިމުނު ދުވަހަކީ އޭނާ ހަމަޖެހުމުގެ ނޭވައެއް ލީ ދުވަހެވެ. އޭނާގެ އުފަލުގައި ބައިވެރިވެ އުފާވެރިކަން ފާޅުކުރުމަކީ ޝެހެރޫޒަށް މަޖުބޫރުވެފައިވާ ކަމެކެވެ. އެހެންނޫންނަމަ ޝެހެރޫޒްގެ ހިތުގައި އަބަދުވެސް އޮންނާނީ ނުބައި ކަމެއް ކުރެވިގެން އުޅޭކަމުގެ ޚިޔާލެވެ. އަދި މަންމަގެ ރުޅީގެ ސަބަބުންވެސް އޭނާގެ ބޮލުގައި ވަރަށް ބޮޑު ބުރައެއް އެޅިފައި އެބަ އޮތޭ ހީވެއެވެ. އެއިން އެއްވެސް ޚިޔާލަކުން އޭނާއަކަށް ސަލާމަތެއް ނުވެވުނެވެ. އެކަމަކު އެކަމެއް އޭނާ އެއްވެސް މީހަކަށް ނާންގައެވެ. ހިތުގައި ސިއްރު ކޮށްފައި ބާއްވަނީއެވެ. ޒާރާ އަބަދުވެސް އޭނާއަށް ވިސްނައި ދެނީ އޭނާ ކޮށްފައިވާ އެއްވެސް ކަމަކީ ނުބައި ކަމެއް ނޫން ކަމަށެވެ.
“އަހަރެމެންނަށް މި ކަހަލަ ގެއެއް ޢިމާރާތް ކުރެވުނީސްތަ؟” އޭނާ ބުނެއެވެ. “މުޅި އުމުރު ދުވަހު މަސައްކަތް ކުރިޔަސް ފޫޓެއްހައި ބިންކޮޅެއްވެސް ގަނެއެއްނުލެވޭނެ. މަންމަގެ ރުޅިއަކީ ވަގުތީ ރުޅިއެއް. ގޭގެ ޙާލަތު އޮންނަ ގޮތް ޝެހެރޫޒަށް އެނގޭނެ. އެ ޙާލަތާ ކުރިމަތިލައިގެން ތާއަބަދު އުޅުމަކީ މަންމައަކަށް ކުރެވޭނޭ ކަމެއް ނޫން. އެންމެ ފަހުން ފައިސާގެ ބޭނުންތެރިކަން މަންމައަށްވެސް ވިސްނޭނެ. އަދި ޝެހެރޫޒް ވަޒީފާ އަދާ ކޮށްގެން ހުރިހައި މައްސަލައެއް ޙައްލު ނުކުރެވޭނެކަންވެސް އެނގޭނެ.”
“ޒާރާއަކަށް މަންމަގެ ގޮތެއް ނޭނގޭނެ.” އޭނާއަށް ބުނެވުނީ ހަމައެކަނި މިހެންނެވެ.
“ޝެހެރޫޒް ކޮންމެ އެއްޗެކޭ ބުންޏަސް ކާނޭ އެއްޗެއް ނުލިބުނީމާ ހުރިހައި ޢިއްޒަތަކާއި، އަމިއްލަވަންތަކަމެއް ނެތިގެން ހިނގައިދާނެ.” ޒާރާ ބުންޏެވެ. “އަހަރެމެންގެ ނަސީބުގައި ހުރި އެއްޗެއްވިއްޔާ އަހަރެމެންނަށް ލިބޭނެ. އެކަމަކު އަތްއުރައިލައިގެން ތިއްބައެއް ނުލިބޭނެ. ނަސީބަކީ ކުރިއަށް ޖެހި ލިބިގަތީމާ ލިބޭ އެއްޗެއް. މި ދުވަސްވަރަކީ އަމިއްލަ ނަސީބުގައި ލައްވާފައިވާ އެއްޗަކުން ނުފުދިގެން އެހެން މީހުންގެ އެއްޗެހި ޖަހައިގަންނަ ޒަމާނެއް. ކާމިޔާބު ލިބޭނީ ޖަހައިގަތުމުގައި އިސްނަގާ މީހަކަށް.” ޒާރާ އޭނާގެ އަތުގައި ހިފައިލިއެވެ. އެ ވަގުތު އޭނާ އާދަޔާ ޚިލާފަށް ޒާރާގެ މައްޗަށް ލެނބެމުންދާ ކަމުގައި އިޙްސާސް ކުރެވުނެވެ.
ގެ ޒީނަތްތެރިކޮށް ބޭނުންވާ އެއްޗެހި ހޯދައި ނިމުނުއިރު އަތުގައި ހުރި ފައިސާ ހުސްވުމަކާ ގާތަށް ހިނގައްޖެއެވެ. މަހުގެ މުސާރަ އޭނާގެ އަތަށް އެރީމާ އަނބުރައި ނުގަތީ ކިރިޔާއެވެ. ގެއެއްގެ ކަންތައްތައް ބެލެހެއްޓުމުގެ ޒިންމާ އޭނާގެ ބޮލުގައި މި އެޅުނީ އަދި ކިރިޔާއެވެ. މަންމަމެން ކައިރީގައި އުޅުނުއިރު ހުރިހައި ޒިންމާއެއް އުފުލަނީ މަންމަމެންނެވެ. ޝެހެރޫޒްމެން ގެއަށް ދިޔައީމާ ހުރިހައި ކަމެއް އޮތީ އެ ގޭގެ މީހުންގެ އަތްމަތީގައެވެ. ޝެހެރޫޒްގެ ގޭގައި ވަރަށް ގިނަ މީހުން އުޅެއެވެ. އެންމެންގެ ޚަރަދުބަރަދު ބަލަހައްޓަނީ ޝެހެރޫޒަށް ލިބޭ އެއްޗަކުންނެވެ. އެކަމަކު އެންމެންވެސް ތިބެނީ ހަމަޖެހިގެންނެވެ. މި ގޭގައި ޝެހެރޫޒްގެ މުސާރަ އަތަށް ލިބުނީމާ އެއީ ވަރަށް ކުޑަ ފައިސާކޮޅެކޭ އޭނާގެ ހިތަށް އެރިއެވެ.
“ޝެހެރޫޒް… ކޮންމެވެސް ވިޔަފާރިއެއް ކުރަންވީއެއްނު؟” ކިތަންމެ ބޮޑު ވާހަކައެއްވެސް އާދައިގެ ގޮތަކަށް ބުނެލުމަކީ ޒާރާއަކަށް އެއްވެސް ކަމެއް ނޫނެވެ.
“މިހާރު ކުރާނީ ކޮން ވިޔަފާރިއެއް؟ ފައިސާކޮޅު އެކުގައި ޚަރަދުކޮށް ނިމިއްޖެއެއްނު؟”
“އެހެންވެއްޖެއްޔާ އަދި އެއް ދަތުރު ކޮށްލާ. އޭގެ ފަހުން ހަމަޖެހިލައިގެން އުޅެވިދާނެ.”
“ނޫނޭ… ޒާރާ… ދެނެއް ނުވާނެ.” އޭނާ ބޯ ހޫރައިލިއެވެ.
“ވިސްނާލާ. މިހާރު އަހަރެމެން މިތިބީ ދެ މީހުންގެ ގޮތުގައި. އެކަމަކު ޚަރަދުބަރަދު ހަމަޖެއްސެނީ ހަމަ ކިރިޔާ. ތިން މީހުން ވެއްޖެއްޔާ އުޅޭނީ ކިހިނެއް؟”
“ޒާރާ.” އޭނާ ބުނެލިއެވެ. “މަންމަވެސް ފުއްދައިގެން އުޅުނީ ހަމަ މި މުސާރައިން.”
“އެ ގޭގައި ކުރަން ޖެހެނީ ކޮން ޚަރަދެއް. ކާން ކުރަން ޖެހޭ ޚަރަދެއް ނޫން އެހެން ޚަރަދެއް ނޯވޭ. އެ ގޭގައި އޮންނަނީ އެންމެ ދެ ބޮކި. މި ގޭގައި ޓީވީއާއި އައިސްއަލަމާރި އެބަހުރި. އޭގެ އިތުރަށް ފޯނުބިލާއި ގޭގެ އެހެނިހެން ޚަރަދުތައް ހުންނާނެ އެ ގެއާއި މި ގެއާ ވަރަށް ބޮޑަށް ތަފާތު.”
“އެހެންވިޔަސް ދެން ދާ ހިތެއް ނެތް. އެކަހަލަ ކަމެއް ކުރާ ހިތެއް ނެތް.”
“އެއީ ކީއްވެގެން؟”
“މަންމަގެ ރުޅީގެ ސަބަބުން އަހަރެންގެ ސިކުނޑީގައި އޮތް ބުރަ އެއްގޮތަކަށްވެސް ލުޔެއް ނުވޭ. އޭގެ އިތުރަށް އަހަރެން ކުރީ ރަނގަޅު ކަމެއް ނޫނޭވެސް މާ ގިނައިން ހިތަށް އަރަނީ.” ޝެހެރޫޒް ތެދުވެއްޖެއެވެ.
އެ ދުވަހުން ފެށިގެން ޒާރާ އެހެން މަޝްރޫޢަކަށް ޢަމަލު ކުރާން ފަށައިފިއެވެ. އެއީ ގޭގެ ޚަރަދު ބޮޑު ވާނޭގޮތް ހޯދަހޯދައިގެން އެގޮތަށް ކަންތައް ކުރާން ފެށުމެވެ.
“ގޭގެ ހުރިހައި ކަމެއް މިހާރު އަހަރެން އެކަނި ކުރެވޭ ވަރެއް ނުވޭ. ނޯކަރަކު ގެނެސްދީ.”
“ޒާރާ. ނޯކަރަށް މުސާރަވެސް ދޭން ޖެހޭނެ. އަހަންނަކަށް އެހައި ވަރަކަށް އާމްދަނީއެއް ނުލިބޭ.”
“ދެން އަހަރެން ހަދާނީ ކިހިނެއް؟ އަހަރެން އުޅޭ ޙާލު ޝެހެރޫޒަކަށް ނުފެނޭތަ؟”
“އަހަރެން ޒާރާއަށް އެހީތެރިވެދޭނަން… ހިނގާ.”
“ދުވާލު ހަތަރުދަމު ޝެހެރޫޒް އުޅެނީ އޮފީހުގައި. އަހަންނާ އެހީވާނީ ކޮންއިރަކު؟”
އޭނާއަކަށް ދޭނެ ޖަވާބެއް ނޭނގެއެވެ.
މިއީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ދެކެވޭ ވާހަކައަކަށް ވެއްޖެއެވެ. އެންމެ ފަހުން ޝެހެރޫޒަށް ޖެހުނީ އަދި އެއް ދަތުރު ކުރަން އެއްބަސްވާށެވެ. އެނޫން އެހެން މަގެއް އޭނާއަށްވެސް ފެންނާން ނެތީމައެވެ.
އެ ދުވަހު އޮފީހަށް ދަމުން އޭނާ ދިޔައީ އަންނަ މަގުމަތީގައި ޚާވަރާ ބައްދަލުކުރާނޭ ކަމަށް ބުނެފައެވެ. އެދުވަހު ޒާރާ ހުރީ އުފަލުންނެވެ. ޝެހެރޫޒް އަންނާނޭ ވަގުތަކަށް އިންތިޒާރު ކުރީ އުފަލާއެކުގައެވެ. އެހެންނަމަވެސް ޝެހެރޫޒް އަވަހަށް ނާންނާނެކަން އެނގޭތީ މަންމަ ގެއަށް ދިޔައީއެވެ. އެ ގެއަށް ދިޔައީމާ އެންމެ ފުރަތަމަވެސް ފެނުނީ ސެހެރެވެ. އޭނާ ޙައިރާންވިއެވެ.
“ސެހެރް އައީ ކޮންއިރަކު؟” އޭނާ އަހައިލިއެވެ.
“އިއްޔެ.”
“އަޙްސަންވެސް އައިތަ؟”
“ނާދޭ… އަހަރެން އައީ ބޮޑުބޭބެއާ އެކީގައި. އެކަމަކު ވަރަށް އަވަހަށް އަޙްސަންވެސް އަންނާނެ. ސަރުކާރުން އޭނާ މި ރަށަށް ބަދަލު ކުރައްވައިފި.”
“ވަރަށް ރަނގަޅު. އެހެންވެއްޖެއްޔާ ދެން ސެހެރްވެސް އުޅޭނީ މި ރަށުގައިތާ؟”
“ދައްތަ އަމިއްލަ ގެއަކަށް ދިޔަ ވާހަކަ މަންމަ ބުނި.”
“އާނ އެއީ ތެދެއް. އެ ގެއަށްވެސް އަންނަންވާނެ.”
“އަންނާނަން. އެކަމަކު އަންނާނީ އަޙްސަން އައީމާ.”
ބޭނުންވާ ދިރިއުޅުމެއް ހޯދާން އޭނާއަށް މާގިނަ ދުވަހު އިންތިޒާރު ކުރަން ނުޖެހުނޭ އަޙްސަން ގާތު ބުނާނަމޭ އެވަގުތު އޭނާ ހިތަށް އެރިއެވެ. މިހެން ހިތަށް އެރުމާއެކު ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ.
ދުވާލު މަންމަގެ ގޭގައި ހުރުމަށްފަހު ޝެހެރޫޒް އޮފީހުން އައުމުގެ ކުރީން އޭނާ ގެއަށް އަތުވެއްޖެއެވެ. ގެއަށް ވަދެވުމާއެކު ޝެހެރޫޒް އަންނާނީ ޚާވަރާ ބައްދަލުކޮށްފައޭ ބުނި ހަނދާންވެއްޖެއެވެ. އެޔާއެކު އަނެއްކާވެސް އޭނާ ޚިޔާލީ ދުނިޔެއަށް ގެއްލިއްޖެއެވެ.
ޝެހެރޫޒް ގެއަށް އައީ އޭނާ ޚިޔާލީ ދުނިޔެއަކަށް ގެއްލިފައި އިންދައެވެ. އޭނާ ފެނުމާއެކު ޚާވަރާ ބައްދަލު ކުރީމާ ވީ ކިހިނެއް ހެއްޔޭ އަހައިފާނަމޭ ހިތަށް އެރިއެވެ. އެކަމަކު އޭނާ އެކަމުގައި ކެތްތެރިކަން ކުޑަވެފައި ހުރިވަރު ޝެހެރޫޒަށް ވަޒަން ކުރެވިދާނެތީ ސުވާލު ނުކުރީއެވެ.
“ކާން ހަދަންތަ؟” އޭނާ ތެދުވަމުން އަހައިލިއެވެ. ޝެހެރޫޒް އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލުމުން އޭނާ ބަދިގެއާ ދިމާއަށް ހިނގައިގެންފިއެވެ. ކެއުމުގެ ތެރޭގައި އޭނާ ފުރަތަމަ ދެއްކީ މަންމަގެ ގެއަށް ދިޔަ ވާހަކަ އާއި އެ ގެއިން ސެހެރާ ބައްދަލުވީ ވާހަކައެވެ.
ކައި ނިމިގެން އައިސް ޓީވީ ދޮށުގައި އިށީނުމަށްފަހު ފުރަތަމަ ވާހަކަ ދައްކާން ފެށީ ޝެހެރޫޒެވެ.
“ޚާވަރާ ބައްދަލުކުރަން ދިޔައިން.”
އެ ވަގުތު ޒާރާގެ ސަމާލުކަން އެ ވާހަކައިގެ މައްޗަށް ހުއްޓިއްޖެއެވެ.
“އަހަރެން ހުއްޓާ ޚާވަރު ކޮންމެވެސް ތަނަކަށް ފޯނު ކޮށްގެން ވާހަކަ ދެއްކި… ދަތުރު އޮތީ ފަނަރަ ދުވަސް ފަހުން.”
“ކޮން ތަނަކަށް؟”
“ލަންޑަނަށް.”
“އަހަރެންގެ ބަނޑު ބޮޑު ނޫންނަމަ ޝެހެރޫޒާއެކީގައި ދިޔައީމުސް. އަހަރެން ވަރަށް ބޮޑަށް ލަންޑަނަށް ދާހިތްވޭ.”
“ޒާރާ ގޮވައިގެން ދިޔުމަކީ ވަރަށް ނުރައްކާތެރި ކަމަކަށް ވާނެ. އެކަމަކު ފަހުން ޒާރާ ގޮވައިގެން ލަންޑަން ބަލައިލާން ދާނަން.”
“ޔަޤީންތަ؟” އޭނާގެ އުފަލުގެ ކޮޅެއް ނެތެވެ.
* * *
އެއީ ޝެހެރޫޒް ދިޔަތާ ދެވަނައަށްވީ ދުވަހެވެ. ކުއްލިއަކަށް އޭނާ ވަރުބަލިވެ ބަނޑުގައި ރިއްސާގޮތް ވާން ފަށައިފިއެވެ. އޭނާ އަވަސް އަވަހަށް ދިޔައީ މަންމަގެ ގެއަށެވެ. އެ ގެއިން ދިޔައީ ހަސްފަތާލަށެވެ. އެއީ އޭނާގެ ފިރިހެން ދަރިފުޅު ދުނިޔެއަށް އައި ދުވަހެވެ. އޭނާ އޮތީ ވަރަށް ބޮޑަށް އުފާވެފައެވެ.
ދަރިފުޅާ ދިމާއަށް ބަލަހައްޓައިގެން އޮތް އިރު ހިތަށް އަރައެވެ. ޝެހެރޫޒް އޭނާއަށް ދޭން ހަދިޔާ ހިފައިގެން އައީމާ އޭގެ ބަދަލުގައި އޭނާ ދޭނެ ހަދިޔާއަކީ މިއީއެވެ. ހަސްފަތާލުން ދޫކޮށްލީމާ ޝެހެރޫޒް ލަންޑަނުން އަންނަންދެން އެގޭގައި އިންނާން ދާންވީ ނޫންހޭ މަންމަ އެއްސެވެ. އެހެންނަމަވެސް ޒާރާ އެގޮތަކަށް އެއްބަހެއް ނުވިއެވެ. އޭނާ ބޭނުންވަނީ އަމިއްލަ ގެއަށް ދާށެވެ. އެއްދުވަހަކު ހަވީރު ދަރިފުޅުގެ ކަންތަކުން އަވަދި ވެގެން ޓީވީގެ ދޮށުގައި ޖައްސާލިތަނާ އަޙްސަނާއި، ސެހެރާ ދެ މީހުން އަތުވެއްޖެއެވެ.
“އަހަރެން މިއައީ ޒާރާ ހައްޔަރުކުރަންވެގެން.” ޒާރާ ފެނުމާއެކު އަޙްސަން ބުނެލިއެވެ.
“ތިޔަ ކަހަލަ ފޮނި ވާހަކަ އެހެން މީހުންނަށް އަޑު އިވޭ ހިސާބުގައި ދައްކާ. އަހަރެން މިއީ ތިޔަ ކަހަލަ ކާކީ ޔުނިފޯމު ދެކެ ބިރުގަންނަ މީހަކީމެއް ނޫން.”
“އަހަރެންގެ ޔުނިފޯމުގެ އަގު ވައްޓާނުލާތި. މިއީ އަހަރެން ފުރާނައަށް ވުރެވެސް ބޮޑަށް ލޯބިވާ އެއްޗެއް.”
“އެހެންތަ؟” އޭނާ ހީނގަތެވެ.
“މި ގެއަށް ކުޑަކުޑަ ފުށްގުޑިއެއް ގެނައި ވާހަކަ އަޑުއެހިން. އެ ސޮރު ކޮބާ؟” އަޙްސަން ޒާރާޔާ ދިމާއަށް ލާނެތް ގޮތަކަށް ބަލައިލާފައި އަހައިލިއެވެ.
“ނިދާފައި އެބައޮތް.”
“އަވަހަށް ގޮސް ގޮވައިގެން އާދޭ. ވައްތަރީ ކާކާތޯ ބަލާލަންވާނެ.”
“ވައްތަރީ އެ ސޮރުގެ ބައްޕަޔާ.” ޒާރާ ފަޚުރުވެރިކަމާއެކު ބުނެލިއެވެ.
“އެހެންވެއްޖެއްޔާ އެހައި ރީއްޗެއް ނުވާނެ.” އޭނާ ޒާރާއާ ދިމާކޮށްލުމުގެ ގޮތުން ބުނެލިއެވެ.
“ހަސަދަވެރިވަނީތަ؟”
“ދައްތާ. އެއީ އަޙްސަން ސަމާސައަކަށް ބުނި އެއްޗެއް.” ސެހެރް އަވަސް އަވަހަށް ބުނެލިއެވެ.
“މިއީ ވަރަށް ރީތި ގެއެއް. ކޮން ދުވަހަކު ގަތް ގެއެއް؟” އަޙްސަން އެކި ދިމަދިމާއަށް ނަޒަރު ހިންގައިލުމަށްފަހު އަހައިލިއެވެ.
“މީގެ ހައެއްކަ މަސް ދުވަސް ކުރިން”
“ޝެހެރޫޒަށް ނަސީބު ނަންބަރެއް ދިމާވީތަ؟”
“ނަސީބު ނަންބަރެކޭ..؟ ނޫނޭ…”
“އެހެންވެއްޖެއްޔާ…”
“މިއީ އޭނާގެ އަތުގައި ޖަމާކޮށްފައި ހުރި ފައިސާކޮޅަކާއި އަހަރެންގެ ގަހަނާ ވިއްކައިގެން ލިބުނު ފައިސާކޮޅަކާއި މީހެއްގެ އަތުން ދަރަންޏަށް ހޯދި ފައިސާކޮޅަކާ އެއްކޮށްގެން ގަތް ގެއެއް.” މިއީ އޭނާ އެތައް ފަހަރަކު ދައްކާފައިވާ ވާހަކައަކަށް ވާތީ އެ ވާހަކަ ދައްކާކަށް މިހާރަކު އުނދަގުލެއް ނޫނެވެ.
“އަމިއްލަ ގެއެއް ހޯދިކަން ވަރަށް ރަނގަޅު… އެކަމަކު ފުރަތަމަ ޝެހެރޫޒްގެ ކޮއްކޮމެންގެ ކާވެނި ކުރުވިނަމަ މާ ރަނގަޅުވީސް.”
“އެ މީހުންގެ ކާވެނިވެސް ކުރުވިދާނެ.” މި މައުޟޫއުގެ މައްޗަށް އިތުރު ވާހަކައެއް ދައްކާކަށް އޭނާ ބޭނުމެއް ނުވިއެވެ. އެހެންވީމާ މަވްޟޫޢު ބަދަލު ކޮށްލުމުގެ ގޮތުން އަހައިލިއެވެ.
“އަޙްސަންމެން އުޅެނީ ބޮޑުބޭބެގެ ގޭގައިތަ؟”
“ނޫނޭ… އަހަރެމެން އުޅެނީ އަހަންނަށް ސަރުކާރުން ދެއްވާފައިވާ ގެއެއްގައި. އެ ގެއަށް ޒާރާ އަންނަން ވާނެ.”
“ޝެހެރޫޒް އައީމާ އަންނާނަން.”
“ޝެހެރޫޒް އަންނަނީ ކޮން ދުވަހަކު؟”
“ހީވަނީ ދިހަވަރަކަށް ދުވަސް ވާނެހެން.”
ފޯނު ރަނގަބީލުވާ އަޑު އިވުމުން އޭނާއަށް ޖެހުނީ ވާހަކަ މެދުކަނޑައިލާށެވެ. އެއީ ޝެހެރޫޒްގެ ފޯނެކެވެ. އަޑު އަންނަނީ ކެނޑިކެނޑިގެންނެވެ. އޭނާ ވާހަކަ ދައްކަމުން ދިޔައިރު އިރުއިރުކޮޅާ އަޙްސަނާ ދިމާއަށް ބަލައިލައެވެ. އޭނާ ހުރީ ބޭއިޚްތިޔާރުގައި ނަމަވެސް ދައްކައިގެން ނުވާނޭ ކަހަލަ ވާހަކައެއް ދެއްކިދާނެތީ ބިރުންނެވެ. އެކަމަކު އެންމެ ފަހުން ފޯނު ބޭއްވިއިރު ހިތުގައި އޮތް އެދުމެއް ފާޅުކޮށްލެވިއްޖެއެވެ.
“އަހަންނަށް ދޭން ކާރެއް ހޯދާތި؟”
މި ކުރެވުނީ ރަނގަޅު ކަމެއް ނޫން ކަމުގެ އިހުސާސް އޭނާއަށް ކުރެވުނީ މާ ލަހުންނެވެ. އެހެންވީމާ މައްސަލައެއް ކުރިމަތިވެދާނެތީ އަވަސްއަވަހަށް ގޮސް ބަދިގެއަށް ވަދެއްޖެއެވެ. އޭނާ ސައި ހިފައިގެން އައި އިރު ހުރީ ކޮންމެވެސް ވަރަކަށް ހާސްކަން ކުޑަ ވެފައެވެ.
“ދައްތަ ބުނި ނަމަ އަހަރެން ސައި ހަދައި ދީފީމުސް.” ސެހެރް ބުނެލިއެވެ.
“ނޫނޭ… މި ގެއަށް އައިސް އަހަރެން ހަދާ ސައި ނުބޮއެއް ނުވާނެ.” އޭނާ ތަބަށް މޭޒު މަތީގައި ބަހައްޓަމުން ބުނެލިއެވެ. “ސެހެރް ފިރިމަނިކުފާނަށް ސައި ހަދައިދީ. އަހަރެން ކާން ތައްޔާރުކޮށްފައި އަންނާނަން.”
“އަހަރުމެންނަށް ލައިގެން ނުކައްކާތި.”
“އެއީ ކީއްވެގެން؟”
“އަހަރެމެން ދެން ދަނީ.”
“ދާނީ ގެއަކަށްނު؟ އެހެންވީމާ ކައިގެން ދިޔަޔަސް ރަނގަޅުވާނެ.”
“ނޫނޭ… އަދި އެހެން ދުވަހަކުން ކާން އަންނާނަން.”
ޒާރާ އެ މީހުން ހުއްޓުވާން މަސައްކަތް ކުރީމާވެސް އަޙްސަން މަޑެއް ނުކުރިއެވެ.
ޒާރާ އެމީހުންނާއެކު ބޭރަށް ނުކުތެވެ. ދޮރާށްޓާ ހަމައަށް ގޮސްފައި އަޙްސަން ބުނެލިއެވެ. “ޒާރާ. އަހަރެންވެސް ހުރީ ފިރިހެން ކުއްޖަކަށް އުއްމީދު ކޮށްގެން. އެކަމަކު މިހާރު ބޭނުންވަނީ އަންހެން ކުއްޖެއް؟”
“އެޔޯ؟”
“އެއީ ޒާރާއާ ހަތަރު ވަނަ ގުޅުން އުފައްދަން ވެގެން.”
“ހަތަރުވަނަ ގުޅުމޭ؟” އޭނާ ޙައިރާންވެފައި ފުރަތަމަ ބަލައިލީ ސެހެރާ ދިމާއަށެވެ.
“އެންމެ ފުރަތަމަ އަހަރެން މިއީ ޒާރާގެ ބޮޑުބޭގެ ދަރިއެއް. އޭގެ ފަހުން ލޯބިވެރިއެއް. އޭގެ ފަހުން ޅިޔަނެއް. އަންހެން ކުއްޖަކު ލިބިއްޖެއްޔާ ދެ މީހުންގެ ދަރިން އިނީމާ އެ އޮތީ ހަތަރުވަނަ ގުޅުން އުފެދިފައެއްނު؟”
ސެހެރް ވަރަށް ބާރަށް ހީނގަތެވެ.
“ސެހެރް ވެސް ހުއްޓާ ތިޔަ ކަހަލަ ވާހަކަ ދައްކާކަށް ލަދެއް ނުގަނޭތަ؟”
“އަހަރެން މިއީ ސެހެރްގެ އެކަނި ލޯބިވެރިއެއް. ދެން ޖަހާނީ ހައްތަހާވެސް ނުއަތު ބުރު. އެއީ އެވަރުގެ ކަމެއް ނޫން.”
“ސެހެރް މީނާ ރަނގަޅަށް ބަލަހައްޓާތި! އެހެން ނުއަތު ބުރު ޖަހަމުން ގޮސް އޮބާލަފާނެ.”
“ނޫނޭ ދައްތާ. އަޙްސަނަކީ އެ ކަހަލަ މީހެއް ނޫން.” ސެހެރް މިހެން ބުނީމާ އޭނާއަކަށް ދައްކާނޭ އިތުރު ވާހަކައެއް ނުވިސްނުނެވެ.
“އެންމެ ރަނގަޅު ޒާރާ. ދެން ދަނީ. ޒާރާގެ ހުވަފެން ހަގީގަތަކަށްވާތީ އަހަރެން ވަރަށް ބޮޑަށް އުފާ ކޮށްފިން.” އަޙްސަން އޭނާގެ ރީތިގެއާ ދިމާއަށް ބަލައިލާފައި ބުނެލިއެވެ.
އެއް ހަފުތާ ވަރަށް އަވަހަށް ފާއިތުވެގެން ހިނގައްޖެއެވެ. އެއްރެއަކު ކުއްލިއަކަށް ޝެހެރޫޒްގެ ފޯނެއް އަތުވެއްޖެއެވެ.
“އަންނަނީ ކޮން އިރަކު؟”
“މިއަދު.”
“ކީކޭ؟”
“އަހަރެން މި ވާހަކަ ދައްކަނީ ނައިރޯބީ އެއާޕޯޓުން. ހަތަރު ފަސްގަޑި އިރު ފަހުން އެބަ ދަން.”
“އަހަރެން އިންތިޒާރުކުރާނަން…”
“ވަރަށް ރަނގަޅު.” މިހެން ބުނެފައި އޭނާ ފޯނު ކަނޑައިލިއެވެ.
ޒާރާ ގަޑި ބަލަން ފަށައިފިއެވެ. އެގާރަ ޖަހަން ކައިރިވެއްޖެއެވެ. އޭނާ އަމިއްލައަށް ހިތާހިތާ ވާހަކަ ދައްކަމުން ދިޔައެވެ.
ތިނެއް ޖަހަންވާއިރަށް ޝެހެރޫޒް އަންނާނެއެވެ.
އޭނާ މީގެ ކުރީން ހުރީ ނިދި އައިސްފައެވެ. އެހެން ނަމަވެސް ނިދީގެ އެއްވެސް އަސަރެއް ނެތެވެ. ކެތްތެރިކަމެއް ނެތް ގޮތެއްގައި ޝެހެރޫޒަށް އިންތިޒާރު ކުރަމުންދަނީއެވެ. ވަގުތު ހޭދަކުރާނޭ ގޮތެއް ނޭނގިގެން ފުރަތަމަ އުޅުނީ މަޖައްލާއެއް ކިޔޭތޯއެވެ. އެކަމެއް ނުވިއެވެ. ދެން ބެލީ ފިލްމެއް ބަލަން ތަނެއްގައި އިށީނދެލައިގެން އިނދެވޭތޯއެވެ. އެކަމެއްވެސް ނުވިއެވެ. އެންމެ ފަހުން ދެކޮޅަށް ކުރުކާލިކަނޑަން ފަށައިފިއެވެ.
“މިހާރު އޭނާ އަންނާނެއެވެ.”
އޭނާގެ ހިތަށް މިހެން އެރުމާއެކު ބަދިގެއަށް ވަދެ ސައި ހަދަން ފަށައިފިއެވެ.
ވަގުތު ފާއިތުވަމުން ދަނީއެވެ. އެއް ގަޑިއިރު ވެއްޖެއެވެ. ދެ ގަޑިއިރު ވެއްޖެއެވެ. އެންމެ ފަހުން ފަތިސްވެއްޖެއެވެ. ޝެހެރޫޒްގެ ޚަބަރެއް ނުވިއެވެ. ޒާރާގެ ހާސްކަން ބޮޑުވާން ފަށައިފިއެވެ.
“އޭނާ ނައިސްގެން އުޅެނީ ކީއްވެގެން ބާވައެވެ؟ ފްލައިޓް ކެންސަލްވީ ކަމަށް ވެދާނެއެވެ.”
“އެކަމަކު އެހެން ވެދާނެ ބާވައެވެ. އަނެއްކާ އޭނާ ސަމާސާ ކުރަނީއެއް ނޫންބާވައެވެ؟”
ސަމާސައެއް ކަމަށް ވަންޏާ މިއީ ވަރަށް ވިޔާނުދާ ސަމާސައެކެވެ. އެކަމަކު ޝެހެރޫޒް ސަމާސާ ކުރަނީކަން މިހާރު އޭނާއަށް ޔަގީންވެއްޖެއެވެ.
ޒާރާ މަޑުމަޑުން ގޮސް ކުޑަ ދަރިފުޅުގެ ނެޕީ ބައްދަލުކޮށްލިއެވެ. އެއަށްފަހު އާދައިގެމަތީން ކަންތައް ކުރާ ގޮތަށް ބޮލާއެކު ރަޖާ އަޅައިގެން އޮށޯވެއްޖެއެވެ. ވަރަށް ބޮޑަށް ނިދި އައިސްފައި ހުރީމާ ކަމަށް ވެދާނެއެވެ. އޮށޯތުމާއެކު ނިދިއްޖެއެވެ.
އޭނާއަށް ނިދާފައި އޮވެވުނީ ކިހައި އިރެއް ވާންދެން ކަމެއް ނޭނގެއެވެ. ހޭލެވުނީ ދޮރުގެ ރަނގަބީލުގެ އަޑަށެވެ. އޭނާއަށް ހީކުރެވުނީ ޝެހެރޫޒް އައީ ކަމަށެވެ. އެހެންވެ ރަޖާގަނޑު އެއްލައިލާފައި ދޮރާ ދިމާއަށް ދުއްވައިގެންފިއެވެ. އެކަމަކު ދޮރުމަތީގައި ޚާވަރު ހުއްޓައި ފެނުނީމާ އޭނާގެ އުއްމީދުތައް ފެނަށް ވެގެން ހިނގައްޖެއެވެ. އޭނާ ގާތު މި ވަގުތު އިހަށް ދާށޭ ބުނެފާނަމޭ ހިތަށް އެރިއެވެ. އެހެންނަމަވެސް އެހެން ހަދާކަށް ނުކެރުނެވެ. އެހެންވީމާ އޭނާ ގޮވައިގެން އައިސް ގެއަށް ވަދެއްޖެއެވެ.
“ޝެހެރޫޒް ވީ ތަނެއް ޚާވަރަށް އެނގޭތަ؟” ޚާވަރް އިށީނުމާއެކު އޭނާ އަހައިލިއެވެ.
ޚާވަރު އެއްވެސް ޖަވާބެއް ނުދީ ސިނގިރޭޓެއް ރޯކޮށްލިއެވެ.
“ރޭ ނައިރޯބީން އޭނާ އަހަންނާ ގުޅި. ބުނި ތިން ހަތަރު ގަޑިއެއްހައި އިރު ތެރޭގައި އަންނާނަމޭ. އެކަމަކު އަދިވެސް އޭނާގެ ޚަބަރެއް ނުވޭ.”
“އޭނާ އަށް އާދެވޭނީ ޒާރާ ގޮސް އޭނާ ގެނައީމާ.”
“އޭނާ ވީ ކޮންތަނެއްގައި؟” ޒާރާ ކެތްތެރިކަމެއް ނެތް ގޮތެއްގައި ސުވާލު ކޮށްލިއެވެ.
“އިށީނދޭ. އަހަރެން ބުނާނަން.” ޚާވަރް އަތުގައި އޮތް ބްރީފްކޭސް ޒާރާގެ އަތަށް ދިނެވެ.
“ފުރަތަމަ މި އަމާނަތާ ޙަވާލުވޭ. އަހަރެން ބުނި ކަންތައް ޝެހެރޫޒް ކޮށްފި. މީއީ އެކަމުގެ އަގު.”
“އެކަމަކު…” ބްރިފްކޭސް އަތުލީ ވަގުތު އޭނާ ކުޑަކުޑަކޮށް ތުރުތުރު އެޅިއެވެ.
ޚާވަރު ކުޑައިރުކޮޅަކު ވިސްނައިލުމަށްފަހު ބުންޏެވެ.
“އަހަންނަށް ހީވަނީ އެކޮޅުންވެސް ޝެހެރޫޒް ލައްވައި މިކަހަލަ ކަމެއް ކުރުވީހެން. މިކޮޅަށް އައިތަނުން އޭނާ ހައްޔަރުކޮށްފި.”
“ކީކޭ؟” ބްރީފް ކޭސް އޭނާގެ އަތުން ދޫވެގެން ވެއްޓިއްޖެއެވެ އޭގައި ހުރި ނޫޓު ބޮނޑިތައް އެކި ދިމަދިމާއަށް ފެތުރިގެން ދިޔައެވެ.
“ފަހަރި… ހާސްވާނެ ކަމެއް ނެތް. ފައިސާގައި ވަރު ހުންނާނެ.” ޚާވަރް އެ ނޫޓު ބޮނޑިތަކަށް އިޝާރާތް ކުރަމުން ބުނެލިއެވެ. “މިފައިސާގެ ދެބައިކުޅަ އެއްބައި ޝެހެރޫޒް ސަލާމަތް ކުރަން ޚަރަދު ކޮށްލިޔަސް ފުދޭ ވަރަށް ބާކީ ހުންނާނެ.”
އެއީ ތެދެކެވެ. އެކަމަކު ކަންތައްތައް މިކަހަލަ ގޮތަކަށް ދިމާވީމާ ކުޑައިރުކޮޅަކަށް އެކަން އޭނާ ހަނދާނުން ފުހެވިގެން ދިޔައީއެވެ.
“ޚާވަރު. މިކަހަލަ ކަންތައްތަކަށް އަހަރެން ވަރަށް އާ ވާނެ. އެހެންވީމާ ޚާވަރް އަހަންނަށް މިކަން ކޮށްލަދީ.”
“އަހަރެން އުފަލާއެކު ކޮށްދިނީމުސް. އެކަމަކު މިތާނގެ އެސްޕީއަކީ އަހަރެން ދަންނަ މީހެއް ނޫން. އެއީ ކޮން ކަހަލަ މީހެއްކަމެއްވެސް ނޭނގޭ. އަހަރެންގެ ހުށަހެޅުން އޭނާ ގަބޫލުކުރާނެކަމެއް ނޫނީ ނޫންކަމެއްވެސް ނޭނގޭ.” އިރުކޮޅަކު ހިމޭނުން ހުރުމަށްފަހު ޚާވަރް އަނެއްކާވެސް ބުނެލިއެވެ. “އެންމެ ފުރަތަމަ ޒާރާ މަސައްކަތް ކޮށްލާ. ނުވިއްޔާ އަހަންނަށް އަންގާލާތި… އަހަރެން އެހެން މަގެއް ފެނޭތޯ ބަލާނަން…” މިހެން ބުނެފައި އޭނާ ތެދުވެއްޖެއެވެ.
“ސައި ބޯނަންތަ؟”
“ސައިބޯން އެހެން ވަގުތަކުން އަންނާނަން. ޝެހެރޫޒް އައީމާ ތިން މީހުން އެކީ ތިބެގެން ސައިބޯނީ.”
“އެންމެ ރަނގަޅު.”
ޚާވަރް ދިޔައީމާ އޭނާ ވިސްނައިލިއެވެ.
“ފިޔަވަޅެއް އަޅާނީ ފަހުން ހެއްޔެވެ؟ ނޫނީ ހަމަ މިވަގުތު ހެއްޔެވެ؟”
“ހަމަ މި ވަގުތު ކުރެވެން އޮތް ކަމެއް ކުރަންވީއެވެ.” އޭނާގެ ހިތުގެ ގޮވައިލުމުގެ އަޑު އިވުނެވެ.
އޭނާ އަވަހަށް ބޭރަށް ދާން ތައްޔާރުވާން ފަށައިފިއެވެ.
ދަބަހަށް ލައްކައެއްހައި ރުފިޔާ ލައިގެން ދަރިފުޅުވެސް ގޮވައިގެން ގެއިން ނުކުމެއްޖެއެވެ. ގަސްތުކުރީ ދަރިފުޅު މަންމަ ގެއަށް ލައިފައި ސީދާ ފުލުސް އޮފީހަށް ދާށެވެ.
ގެޔާ ވަރަށް ކައިރިން އޭނާއަށް ޓެކްސީއެއް ލިބިއްޖެއެވެ. ދަިފުޅު މަންމަޔާ ހަވާލުކޮށްފައި ދާން ފެށީމާ މަންމަ ވަރަށް ގިނަ ސުވާލުކުރިއެވެ. އޭނާ ވަރަށް މުހިއްމު ކަމެއް ޖެހިގެން ދަނީއޭ، ވަރަށް އަވަހަށް އަންނާނަމޭ ބުނެފައި ދިޔައީއެވެ.
އަމިއްލަ ނަފުސު ކޮންޓުރޯލުކުރަން މަސައްކަތް ކުރި ނަމަވެސް ހާސްކަން އިތުރުވަމުންދާ ކަމުގައި އޭނާއަށް އިހުސާސްކުރެވުނެވެ.
ފުލުސް އޮފީހުން އެންމެ ފުރަތަމަ އޭނާޔާ ބައްދަލުވީ އިންސްޕެކްޓަރަކާއެވެ.
“އަޅުގަނޑު މި އައީ އެސްޕީއާ ބައްދަލުކޮށްލަން.”
އިންސްޕެޓަރު އޭނާޔާ ދިމާއަށް ފުންކޮށް ބަލައިލުމަށް ފަހު އެހެން ފުލުހެއްގެ ހަވާލުގައި އޭނާ އެސްޕީގެ ކޮޓަރިއަށް ފޮނުވައިފިއެވެ.
އެސްޕީގެ ކޮޓަރީގެ ކުރިމަތީގައި ހުރެގެން އޭނާ ފުންލޭވައެއް ލުމަށް ފަހު ދަބަހުގައި ވަރަށް ބާރަށް ހިފަހައްޓައިލިއެވެ. އަދި ކުއްލިއަކަށް ދޮރު ހުޅުވައިލާފައި އެތެރެއަށް ވަދެއްޖެއެވެ. ދެވަނަ ސިކުންތުގައި އޭނާގެ ފައި ބިންމަތީގައި ތަތްލީ ކަހަލައެވެ. ބޭރަށް ނުކުންނާންވީ ކަމެއް، އެތެރެއަށް ވަންނާންވީ ކަމެއް ކަނޑައެއް ނޭޅުނެވެ. ކުރިމަތީގައި ފެންނާން އެހެރީ އެސްޕީއެވެ. ފުލުހުންގެ އެސިސްޓަންޓް ސުޕްރިންޓެންޑަންޓެވެ. އަޙްސަނެވެ.
(ނުނިމޭ)