މަސްވެރިން ކުރައްވާ ބުރަ މަސައްކަތުގެ އަގު އިހުތިރާމާއެކު ވަޒަންކުރުމަކީ، ގައުމީ ވާޖިބެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ މަސްވެރިންގެ ދުވަހާގުޅިގެން، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސްގެ ޕޯސްޓުގައި އަތްވާއި ވާރޭގައި، ދުވާލާއި ރޭގަނޑު، ބިޔަ ކަނޑުތަކުގައި، ދިވެހި މަސްވެރީންކުރާ ހިންމަތުގެ އަގު އިޙްތިރާމާއެކު ވަޒަންކުރުމަކީ، ގައުމީ ވާޖިބެއްކަމުގައި ފާހަގަކުރައްވާފައި ވެއެވެ.

މަސްވެރިންނާއި ގާތުން މަސައްކަތްކޮށް، މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލުހޯދުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރައީސްގެ ވައުދުފުޅާ އެއްގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގައި އެކައުންޓް ހުޅުވާފައިވާ މަސްދޯނިތަކަށް، މިއަދުން ފެށިގެން، މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާވާނެ އިންތިޒާމު ސަރުކާރުން މިހާރުވަނީ ހަމަޖައްސަވައިފައެވެ.

އަދި މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމެއް ކަމަށްވާ ތެޔޮ ލިބުމުގައި ހުރި ދަތިކަމަށް ހައްލު ހޯދައި ދިނުމުގެ ގޮތުން މިއަދުން ފެށިގެން 4 ރަށެއްގައި ހުންނަ އެސް.ޓީ.އޯގެ ނުވަތަ އެފް.އެސް.އެމްގެ ސައިޓުތަކުން "އެސްޓީއޯ ރޭޓް"ގައި އަގު ހެޔޮކޮށް މަސްވެރިންނަށް ތެޔޮ ލިބޭނެކަމުގެ ޔަޤީންކަން، ރައީސް އިއްޔެ ވަނީ ދެއްވައިފައެވެ.

އެއީ، ކ. ހިންމަފުށި، ގއ. ކޫއްޑޫ، ޅ.ފެލިވަރު އަދި ސ. ހުޅުމީދޫއެވެ. އަދި ގއ. ކޫއްޑޫ އާއި ޅ.ފެލިވަރު ސަރަޙައްދުގައި ހަރަކާތްތެރިވާ މިފްކޯގެ ބޯޓުފަހަރުންވެސް "އެސްޓީއޯ ރޭޓް"ގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސެވުމަށް އެސް.ޓީ.އޯއިން މަސައްކަތް ކުރައްވަމުން ގެންދަވާކަންވެސް އެމަނިކުފާނު ވަނީ އިއްޔެ އިއުލާން ކުރައްވާފައެވެ.

މީގެ އިތުރުން، އެހެނިހެން ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އޮންނަ އިނާޔަތްތައް މަސްވެރިންނަށްވެސް ފަހިވުމަކީ މަސްވެރިން އެދި ތިބި ކަމެއްކަން ފާހަގަކުރައްވައި، މި ސަރުކާރުން އެކުލަވާލެއްވި މަސްވެރިންގެ ދަފުތަރަށް ގާނޫނީ ހައިސިއްޔަތު ދެއްވުމަށް ނިންމެވިކަންވެސް އެމަނިކުފާނު އިއްޔެ ވަނީ ހާމަކުރައްވައިފައެވެ.

މަސްވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށާއި، މިހާރަށްވުރެ ފުޅާކުރުމަށް މަސްވެރިންނާ ބައްދަލުކުރައްވައި، މަސްވެރީން ބޭނުންވާގޮތަށް ކަންކަން ނިންމެވުމަށް ރައީސް ދަނީ މަސައްކަތްޕުޅު ކުރައްވަމުންނެވެ. މިގޮތުން މިދިޔަ ހަފުތާވެސް އެމަނިކުފާނު ވަނީ ކެޔޮޅުންނާ ބައްދަލުކުރައްވާފައެވެ. އަދި މީގެ ކުރިންވެސް އެމަނިކުފާނު ވަނީ މަސްވެރިންނާ، އަދި މަސްވެރީންގެ ބައެއް ޖަމްއިއްޔާތަކާވެސް ބައްދަލުކުރައްވާ އެބޭފުޅުން ބޭނުންވާ ކަންކަން ބައްލަވައި އެކަންކަމާގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މަސްވެރިކަމުން ހޯދޭ އާމުދަނީ އިތުރުކުރުމަށްޓަކައި ރާއްޖޭގައި ބާނާ މަސް ވިއްކާނޭ ބޭރުގެ ބޮޑެތި މާރުކޭޓުތައް އިތުރަށް ހޯއްދެވުމަށާއި، ރާއްޖޭގައި މަހުގެ އުފެއްދުންތަކުގެ ކާރުޚާނާތައް އިތުރު ކުރައްވައި، މަސް ރައްކާކުރެވޭ ވަރު އިތުރުކުރެއްވުމަށް މި ސަރުކާރުގެ ފުރަތަމަ އަހަރު ވަނީ މަސައްކަތް ފަށްޓަވައިފައެވެ.