ސައުދީ އަރަބިއްޔާގައި 2034 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕް ފައިނަލްގައި އެއްވެސް ބާވަތެއްގެ ބަނގުރަލެއް އެޤައުމުގައި ނުލިބޭނެއެވެ. މިކަން ހާމަ ކުރެއްވީ، އިނގިރޭސިވިލާތުގައި ހުންނަވާ ސައުދީ ސަފީރު ޕްރިންސް ޚާލިދު ބިން ބަންދަރް އާލަސައޫދެވެ.

އެލްބީސީ ރޭޑިއޯ ސްޓޭޝަނަށް ދެއްވި އިންޓަވިއުއެއްގައި ޕްރިންސް ޚާލިދު ވިދާޅުވީ ސައޫދީ އަރަބިއްޔާގެ އެއްވެސް ތަނެއްގައި ބަނގުރާ ނުވިއްކާނެ ކަމަށެވެ.

މިއީ 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑްގައި ކަން ކުރިގޮތާ ޚިލާފް ކަމެކެވެ. ޤަތަރުގައި ކަނޑައެޅިފައިވާ ސަޕޯޓަރުންނަށް ޚާއްސަ ވަކި ސަރަހައްދުތަކެއްގައި އަދި ފަސް ތަރީގެ ހޮޓާތަކުން ބަނގުރާ ލިބެން ހުއްޓެވެ.

"ކޮންމެ ބަޔެއްގެވެސް އަމިއްލަ ސަގާފަތެއް އޮންނާނެ. އަޅުގަނޑުމެންގެ ސަގާފަތުގެ އިމުގެ ތެރޭގައި މީހުންނަށް ޖާގަދީ އެމީހުން އުފާ ކުރަން ފުރުސަތު ދޭންވާނެ. ނަމަވެސް އަޅުގަނޑުމެން ބޭނުމެއް ނޫން އެހެން މީހަކަށްޓަކައި އަޅުގަނޑުމެންގެ ސަގާފަތް ބަދަލުކުރަން،" ޕްރިންސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ވޯލްޑް ކަޕަކީ "ސައުދީ އިވެންޓެއް ނޫން، އެއީ ދުނިޔޭގެ އިވެންޓެއް އަދި ސައޫދީއަށް އަންނަން ބޭނުންވާ އެންމެންނަށް މަރުހަބާ ސައޫދީން މަރުޙަބާ ކިޔާނެ" ކަމަށް ޕްރިންސް ވިދާޅުވިއެވެ.