މިސްރުގެ ރައީސް އަބްދުލްފައްތާޙު އައްސީސީ ވަނީ ވައިޓްހައުސްއަށް މި ދުވަސްވަރު ވަޑައިގަތުން މުނާސިބު ނޫންކަމަށް ވިދާޅުވެ އެމެރިކާ ދަތުރުފުޅު ފަސްކުރައްވާފައެވެ. އަދި މިސްރުން ވަނީ ޣައްޒާ އާރާސްތު ކުރުމަށް އައު ޕްލޭނެއްވެސް ތައްޠާރުކޮށްފައެވެ. އެ ޕްލޭންގެ ބައިތައް ވަނީ ހިއްސާ ކޮށްފައެވެ.
މިސްރުގެ ޕްލޭންގައި ވަނީ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ގިނަ އަދަދެއްގެ ރައްކާތެރި ސަރަހައްދުތަކެއް ޣައްޒާގައި ގާއިމް ކުރާށެވެ.
މި ސަރަހައްދުތަކުގައި ޒަޔަނިސްޓު ޓެރަރިސްޓުންގެ ނާޒީ ހަމަލަތަކުގައި ތަޅާލާފައިވާ އިމާރާތްތައް ސާފުކޮށް، ހޮސްޕިޓަލްތަކާއި ސްކޫލްތައް ގާއިމްކޮށް، ރައްޔިތުންނަށް އެނބުރި އައުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
އޭގެ އިތުރުން 18 މަސް ދުވަހުގެ ތެރޭގައި އާ ހައުސިން ޔުނިޓްތައް އަޅާނެއެވެ.
މި ޕްލޭންގެ ދަށުން މަސައްކަތް ހަވާލު ކުރާނީ ބައިނަލްއަގްވާމީ 24 ކުންފުންޏަކާއި 18 ކޮންސަލްޓިން ފާމަކާއެވެ. އަދި އެކަމަށް އަރަބި އަދި ޔޫރަޕްގެ ގައުމުތަކުން ތާއީދު ހޯދާނެއެވެ.
ޣައްޒާ އަލުން އާރާސްތު ކުރުމުގެ ރިކޮންސްޓްރަކްޝަން މަސައްކަތަށް ފައިސާ ހޯދާނެ ގޮތަކާއި އެކަމަށް ބާއްވާ ކޮންފަރެންސްގައި ބައިވެރިވާނެ ގައުމުތަކުގެ ތަފްސީލު އަދި ވަނީ ސިއްރުކޮށްފައެވެ.
މިސްރުން އެކުލަވާލާފައިވާ ރިކޮންސްޓްރަކްޝަން ޕްލޭނަށް މަޝްވަރާ ކުރެވޭނީ 27 ފެބްރުއަރީގައި ބާއްވާ އަރަބި ލީގުގެ ކުއްލި ބައްދަލުވުމުގަ އެވެ.
މިސްރު، އުރުދުން، ސައުދީ އަރަބިއްޔާ، ގަތަރު އަދި ޔޫއޭއީގެ ޑިޕްލޮމެޓުން އަރަބި ލީގުގެ ޖަލްސާގެ ކުރިން ސަމިޓެއް ބާއްވާނެ އެވެ.
ޓްރަމްޕްގެ ދަހިވެތި ޒަޔަނިސްޓު ރޭވުމުގައި ޣައްޒާ ދިރުވާލަން އުޅުމުން އަރަބިން ވަނީ އެކަމަށް މަލާމާތް ކޮށްފައެވެ.
އެމެރިކާއިން އެތައް ބިލިއަން ޑޮލަރެއްގެ އެހީ ހިފަހައްޓާނެ ކަމުގެ އިންޒާރު ދިން ނަމަވެސް މިސްރާއި ޖޯޑަން އިން ވަނީ އެ ގައުމުގެ ވިސްނުން ބަދަލު ނުކުރާނެ ކަމަށް ބުނެފައެވެ.
ޓްރަމްޕްގެ ދަތިވެތި ކަމުން އެމެރިކާގެ އެންމެ ގާތް އެކުވެރިންނާ މިހާރު ވަނީ މޫނުކެނޑޭ ހިސާބަށް ކަންތައް ގޮސްފައެވެ.
މިސްރުގެ އިސް މަސްއޫލު ވެރިން ވިދާޅުވަނީ ކެމްޕްޑޭވިޑް މުއާހަދާއަށް ފަހު އެމެރިކާއާއެކު ދުވަހަކުވެސް ގުޅުން ވަޅޯ ނުވާ މިންވަރަށް މިހާރު ގުޅުން ވަޅޯވެފައިވާ ކަމަށެވެ.