މޫސުމީ ކާރިސާތަކަކީ ސިޔާސީ މަޝްވަރާތަކަށް އިންތިޒާރުކޮށް، މަޑުކުރާނެ ކަމެއް ނޫންކަމަށާއި، ތޫފާނީ ބާރު ގަދަވުމަކީ އިގްތިސާދީ އޮއިވަރާ ގުޅިފައި އޮތް ކަމަކަމަށް ނުވާ ފަދައިން، ފިނިހޫނުމިން މަތިވުމަކީ ސަރަޙައްދީ އިމަކަށް ބަލައިގެން މެދުވެރިވާ ކަމެއް ނޫން ކަމުގައި ނާއިބު، އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނާއިބު ރައީސް މި ފަދައިން ވިދާޅުވީ ޔުނައިޓެޑް އެރެބް އެމިރޭޓްސްގައި މިހާރު ކުރިއަށްދާ "ވޯލްޑް ގަވަމަންޓްސް ސަމިޓް 2025"ގެ ހަވާސާގައި މިއަދު ކުރިއަށްދާ، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ބެހޭ ފޯރަމްގައި ތަގުރީރު ކުރައްވަމުންނެވެ.

މި ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ އަސަރުތައް ކުޑަކުރުމަށާއި، ކާރިސާތައް މެނޭޖްކުރުމަށްޓަކައި، ޙަރަކާތްތެރި ލީޑަރޝިޕެއް ބޭނުންވާކަން ފާހަގަކުރެއްވިއެވެ. އަދި ބޮޑެތި އިގްތިސާދުތަކުން ވެފައިވާ މޫސުމީ ބަދަލުތަކުގެ ވައުދުތަކަށް އިޙްތިރާމްކޮށް، އެގައުމުތަކުގެ އަމަލުތައް އެއްގޮތް ކުރަން ޖެހޭކަން ފާހަގަކުރައްވައި، ދުނިޔޭގެ ހަމަޖެހުން ބަރޯސާވަނީ ފަރުދީ ޢަމަލުތަކުގެ މައްޗަށް ނޫންކަމާއި، އިތުބާރުގެ މައްޗަށްކަން ގަބޫލުކުރަން ޖެހޭކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން މޫސުމަށް އަންނަ ބަދަލުތަކަކީ، ސަރުކާރުގެ ކޮންމެ ނިންމުމެއްގެ މައިގަނޑު އަސާސަކަށް ވާންޖެހޭކަމަށާއި އިޖުތިމާއީ، އިގްތިސާދީ އަދި މާލީ ގޮތުން ކަމުގައި ވިޔަސް، ކޮންމެ ނިންމުމެއް ނިންމުމުގެ ކުރިން، މޫސުމާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަކީ ކޮބައިކަން ފުރަތަމަ ސުވާލު ކުރަން ޖެހޭ ކަމުގައި ނާއިބު ރައީސް ހުސައިން ވިދާޅުވިއެވެ.

އަދި ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލެއްވީ ހަމައެކަނި ވައުދުތަކަކަށް ނޫން ކަމަށާއި، ފިޔަވަޅު އެޅުންވެސް އެގޮވާލެއްވުމުގައި ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން، ހަމަ އެކަނި ވައުދުތަކެއް ވުމުގެ ބަދަލުގައި، އަމަލީ ގޮތުން ފިޔަވަޅުތަކެއް އެޅުމަށްވެސް އެމަނިކުފާނު ވަނީ ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައްވާފައެވެ.

ނާއިބު ރައީސް ދެއްވި ހާއްސަ ތަގުރީރުގައި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން މި ފަހަކަށް އައިސް ދިވެހި ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި މިކަންކަމަށް ހައްލުހޯދައި، ކާރިސީ ހިރާސްތައް ކުޑަކުރުމަކީ މިހާރުން މިހާރަށްވެސް އިސްކަންދޭ ކަމެއް ކަމަށާއި، ދިވެހި ރައްޔިތުން ގެންދަވަނީ މި ރޮނގުން ވަރަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުން ކަމުގައިވެސް އެމަނިކުފާނުގެ ތަގުރީރުގައި ފާހަގަކުރެއްވިއެވެ.

ކޮޕް-28 ގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އިއުލާން ކުރެއްވި ބޮޑު އަމާޒު، ނުވަތަ 2028 ވަނަ އަހަރުގެ ނިޔަލަށް އިއާދަކުރަނިވި ހަކަތައިން ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތަ އުފެއްދުމަށް ދިވެހި ރާއްޖެއިން ހިފާފައި އޮތް ވަރުގަދަ އަމާޒުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ތަގުރީރުގައި އަލިއަޅުއްވާލެއްވިއެވެ. އަދި 2024 އިން 2033 އަށް ކަނޑައަޅާފައިވާ ހަކަތައިގެ މަގުޗާޓު ފަދަ މަޝްރޫއުތައް ފުރިހަމަވެ، ދިވެހިރާއްޖެ އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ކުރާ މި ދަތުރުގެ ސަބަބުން ފޮސިލް ފިއުލަށް ބަރޯސާވުން ކުޑަވެ، ހަކަތައިގެ ރައްކާތެރިކަން އިތުރުވެފައިވާ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ފޯރަމްގައި އެމަނިކުފާނުގެ އަރިހުގައި ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަންމަންޓް، ހަރ އެކްސެލެންސީ އަމްނާ އަލް ދަހަކް އާއި ރިޕަބްލިކް އޮފް މަޑަގަސްކަރގެ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ހިޒް އެކްސެލެންސީ މެކްސް އެންޑޯނިރީނާ ފޮންޓެއިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ނާއިބު ރައީސްގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއްވެސް މި ފޯރަމްގައި ބައިވެރިވެވަޑައިގެންނެވިއެވެ.