ފުވައްމުލައް ސިޓީގައި މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ދިވެހި ފުލުހުންގެ ހުދުމަތުން ކުރިއަށްގެންދާ "އޮޕަރޭޝަން ވެށި ރައްކަލް" ގެ ދަށުން، މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީ ލޯންޑަރ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިންޓެލިޖެންސް އަދި ތަހުގީގަށް ލިބިފައިވާ މައުލޫމާތުގެ އަލީގައި، 2024 ޑިސެންބަރު 9 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ . ޏ. ފުވައްމުލައް / ދޫޑިގަން، ކަރަންކާވިލާ، އަހުމަދު ނިއުޝާދު (34 އަހަރު) އާއި ޏ. ފުވައްމުލައް / ދޫޑިގަން، ޒަމާނީގެ، ހަސަން އާޒިމް (29 އަހަރު) އެވެ.

ފުލުހުން ބުނީ މި އަހަރުގެ ޖެނުއަރީ 14 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާ މި އޮޕަރޭޝަނުގެ ދަށުން މިހާތަނަށް 4,048 ހޮޓްސްޕޮޓް ބަލައި ފާސްކޮށް، 1,147 މީހުން ހުއްޓުވައި ސުވާލުކޮށް ބަލައި ފާސްކޮށް، 58 މީހަކު ވަނީ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ހައްޔަރުކުރި މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ ޖުމުލަ 75 މައްސަލައެއް ތަހުގީގުކޮށް، 65 މައްސަލައެއްގެ ތަހުގީގު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައިވާ ކަމަށެވެ.

ފުލުހުންގެ ތަހުގީގަށް ހޯދިފައިވާ ގޮތުގައި، ފާއިތުވި 5 އަހަރު ތެރޭގައި އަޙްމަދު ނިއުޝާދުގެ ބޭންކު އެކައުންޓް މެދުވެރިކޮށް 21 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވެއެވެ. އަދި ފާއިތުވި 2 އަހަރު ތެރޭގައި ހަސަން އާޒިމްގެ ބޭންކު އެކައުންޓް މެދުވެރިކޮށް 7 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވާކަން ވަނީ ފާހަގަކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން 21 މީހެއްގެ އަދި 2 ކުންފުންޏެއްގެ އެކައުންޓް ކޯޓު އަމުރުގެ ދަށުން ވަނީ ހިފަހައްޓާފައެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.