މޯލްޑިވިއަން މެދުވެރިކޮށް ރާއްޖެއާއި ޗައިނާއާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ޓްރާންސްޕޯޓް އަދި ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ. މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގައެވެ.
މޯލްޑިވިއަނުން ރާއްޖެ އާއި ބެއިޖިން އާ ދެމެދު ދަތުރުތައް ފެށުން ފާހަގަކުރަން ބޭއްވި ހަފްލާގައި މިނިސްޓަރ އަމީން ބައިވެރި ވަޑައިގެންފައިވެސްވެއެވެ.
މިނިސްޓަރު އަމީން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، ރާއްޖެއާއި ޗައިނާއާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމަށް ބޭއްވުނު ރަސްމީ ހަފްލާގައި ބައިވެރިވެވަޑައިގަތުމަކީ އުފަލެކެވެ. އަދި ގައުމީ އެއަރލައިން މޯލްޑިވިއަންގެ ވައިޑް ބޮޑީ އޮޕަރޭޝަންތައް ފެށުމުގެ ޔަގީންކަން ދެއްވި ކަމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރެއްވިއެވެ.
މިނިސްޓަރު އަމީން އިތުރަށް ވިދާޅުވި ގޮތުގައި، 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޗައިނާގެ ބެއިޖިންގ، ޝަންގހާއީ، ޗެންގދޫ އަދި ޝީއާން އަށް ދަތުރުތައް ފަށާނެއެވެ. މިކަމުން ފަތުރުވެރިކަމާއި ގުޅުންތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއަރކްރާފްޓްތަކުގައި އެއްފަހަރާ 264 ފަސިންޖަރުންނަށް ދަތުރުކުރެވޭނެއެވެ. އަދި މި އެއަރކްރާފްޓްތަކުން ދުރު މަންޒިލްތަކަށް ސީދާ ދަތުރުކުރުމުގެ ޤާބިލުކަން ލިބިގެންދާނެއެވެ.
ޗައިނާގެ އިތުރުން، ޔޫރަޕުގެ މަންޒިލްތަކަށްވެސް މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއަރކްރާފްޓްތަކުން ދަތުރުތައް ފަށާނެ ކަމަށް ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވެއެވެ. މިހާރު މޯލްޑިވިއަންއިން ދަތުރުކުރަނީ ރާއްޖޭގެ 16 މަންޒިލަކާއި އިންޑިއާގެ ތިން ސަރަހައްދަކާއި ލަންކާ އަދި ބަންގްލަދޭޝަށެވެ.