އަބަދުވެސް މަސައްކަތް ކުރައްވާނީ އިޖްތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުން މުޖުތަމަޢުއަށް ލާބަޔާއި މަންފާ ހޯދައިދިނުމަށް ކަމަށް އުރީދޫ މޯލްޑިވްސް އިން ވިދާޅުވެއްޖެއެވެ.

އެތަނުން މިހެން ވިދާޅުވީ 2021 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާ ރޭ ބޭއްވުމަށްފަހު ނެރުއްވި ބަޔާނެއްގައެވެ.

އެ ބަޔާނުގައި ވިދާޅުވެފައިވަނީ އެތަނުގެ ހިއްސާދާރުން ދެމެހެއްޓެނިވި ގޮތެއްގައި ދެއްވާ އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ. "މީގެ އިތުރުން، ކޮވިޑް-19 ގެ ގޮންޖެހުންތަކާއެކުވެސް އަޅުގަނޑުގެމެންގެ ހިއްސާދާރުން، މި ކުންފުނި ހިންގުމަށްޓަކައި ދެއްވާފައިވާ އެއްބާރުލުމާއި ކުރައްވާފައިވާ އިތުބާރަށް ޝުކުރު ދަންނަވަމެވެ. އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރާނީ އައު އިޖާދީ މުވާޞަލާތީ ޚިދުމަތްތައް ފޯރުކޮށްދީ، އަޅުގަނޑުމެން ހަރަކާތްތެރިވާ މުޖުތަމަޢުތަކުގެ ދިރިއުޅުން ފާގަތިކޮށްދިނުމަށެވެ."

އުރީދޫ މޯލްޑިވްސްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާފައިވަނީ ރޭ 8:30 ގައި މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.އެސް.ޑީ) ގެ އޮންލައިން ޖެނެރަލް މީޓިންގ މެނޭޖްމަންޓް ސިސްޓަމް ކަމުގައިވާ "ފަހިވޯޓު" މެދުވެރިކޮށެވެ.

ޖަލްސާ ކުރިއަށް ގެންގޮސްފައިވަނީ ޖުމްލަ 44 ހިއްސާދާރުންގެ ބައިވެރިވުމާއެކުގައެވެ. އޭގެ ތެރެއިން އަމިއްލައަށް ޖަލްސާގައި ބައިވެރިވެފައިވަނީ 36 ހިއްސާދާރުންނެވެ. އަދި ހިއްސާދާރުންގެ ފަރާތުން ޕްރޮކްސީ ހޯދައިގެން 8 މީހަކު ބައިވެރިވެފައި ވެއެވެ. ޖަލްސާގައި ބައިވެރިވި ހިއްސާދާރުން ރަމްޒުކޮށްދީފައި ވަނީ، 134،138،633 (ސަތޭކަ ތިރީސް ހަތަރު މިލިއަން ސަތޭކަ ތިރީސް އަށް ހާސް ހަސަތޭކަ ތިރީސް ތިނެއް) ހިއްސާއެވެ. މި ހިއްސާ ރަމްޒުކޮށްދެނީ ކުންފުނިން ވިއްކާފައިވާ ޖުމްލަ ހިއްސާގެ %90.76 އެވެ.

އުރީދޫ މޯލްޑިވްސް އިން އާންމުކޮށްފައިވާ އަހަރީ އާންމު ޖަލްސާގެ އެޖެންޑާއާ އެއްގޮތްވާގޮތުގެ މަތިން، އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން ނިންމަވާފައިވަނީ 2020 ވަނަ އަހަރު ބާއްވާފައިވާ އާންމު ޖަލްސާ (2 މާރިޗު 2020 ވީ ހޯމަ ދުވަހު ބާއްވާފައިވާ އަހަރީ އާންމު ޖަލްސާ) ގެ ޔައުމިއްޔާ ފާސްކުރެއްވުމަށާއި، 2020 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރެއްވުމަށާއި، 2021 ވަނަ އަހަރަށް އޮޑިޓަރުންގެ ގޮތުގައި ޕްރައިސްވޯޓަރހައުސްކޫޕަރސް އައްޔަންކޮށް އުޖޫރަ ކަނޑައަޅައި ފާސްކުރުމަށެވެ. މީގެ އިތުރުން، 2020 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 2 ރުފިޔާ 34 ލާރި ބެހުމަށް ހިއްސާދާރުންވަނީ ފާސްކޮށްފައެވެ.